ޚަބަރު

އިލެކްޝަންސް ކޮމިޝަނަށް މެންބަރުން ޢައްޔަންކުރުމުގެ ބާރު މަޖިލީހަށް ނަގަން އިޞްލާހެއް


  • އިޞްލާހު ހުށައެޅުއްވީ ހޮޅުދޫ ދާއިރާގެ މެންބަރު

  • މިހާރު އެބާރު އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށް

އިލެކްޝަންސް ކޮމިޝަނަށް މެންބަރުން އައްޔަންކުރުމޖގޭ ބާރު ރައްޔިތުންގެ މަޖިލީހަށް ދިނުމަށް، އެމްޑީޕީން ޤާނޫނަށް އިޞްލާހެއް ހުށައަޅައިފިއެވެ. އެ އިޞްލާހު ހުށައެޅުއްވީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް ޢަލީއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ގާނޫނުގެ ދަށުން، އެ ކޮމިޝަނަށް މެމްބަރުން އައްޔަން ކުރުމުގެ ބާރު މިހާރު ދީފައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އެގޮތުން އެ ކޮމިޝަނުގެ މެންބަރު ކަމަށް ބޭފުޅަކު އައްޔަންކުރައްވަނީ ޢާންމުކޮށް އިއުލާނު ކޮށްގެން ނަން ހުށައަޅުއްވާ ބޭފުޅުންގެ ނަންތައް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް އެ ނަންތައް ފޮނުވައިގެން މަޖިލީހުން ފާސްކުރެއްވުމުންނެވެ.

ނަމަވެސް އެބާރު ރައްޔިތުންގެ މަޖިލީހަށް ދިނުމަށް ޔޫނުސް ހުށައެޅުއްވި އިޞްލާހުގެ ބޭނުމެއްކަމަށް ބަޔާންކުރައްވާފައިވަނީ އިލެކްޝަންސް ކޮމިޝަނަށް މެމްބަރުން އައްޔަން ކުރުން ރައްޔިތުންގެ މަޖިލީހަށް އޮތުން މުހިންމު ކަމަށް ދެކެވަޑައިގަންނަވާތީކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނަށް ޔޫނުސް ހުށައަޅުއްވާފައިވާ އިޞްލާހުގައި ބުނެފައިވަނީ، އެ ކޮމިޝަނަށް މެންބަރަކު އައްޔަންކުރަން ބޭނުންވާ ކޮންމެ ފަހަރަކު އެކަމަށް އެދޭ ފާރާތްތައް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ޢާންމުކޮށް އިޢުލާންކޮށް، އެކަމަށް އިޖާބަދޭ މީހުންގެ ނަންތައް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ކޮމިޓީގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވައިގެންކަމަށެވެ. މި އިޞްލާހުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވާފައިވާ ދަޢުރަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބޭފުޅަކު، މެންބަރަކު ކަމަށް އައްޔަން ކުރެއްވުން އެކަންޏެވެ.

އިލެކްޝަންސް ކޮމިޝަނަށް މެންބަރުން އައްޔަންކުރުމުގެ ބާރު މަޖިލީހަށް ނެގުމަށް ޤާނޫނަށް އިޞްލާހު ހުށައަޅުއްވާފައިވާއިރު، އެކޮމިޝަނުގެ މެންބަރުކަމުގައި ހުންނެވި އިސްމާޢީލް ޙަބީބުގެ ދައުރު ހަމަވެ، އެކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ހުންނެވި ޙަސަން ޒަކަރިއްޔާ އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.