ޚަބަރު

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމު ނިންމާ 43 ޒުވާނުން ދަސްވެނިވެއްޖެ


  • ޕްރޮގުރާމު ކުރިއަށް ގެންދަނީ ޒުވާނުންނަށް މަސައްކަތުގެ ތަމްރީނާއި ތަޖުރިބާ ހޯދައިދިނުމަށް

  • ޕްރޮގުރާމުގައި ބައިވެރިވި 43 ޒުވާނުންގެ ތެރެއިން 21 ޒުވާނަކަށް ވަޒީފާ ވަނީ ޔަޤީންވެފައި

  • ޕްރޮގުރާމުގެ ތަމްރީނުތައް ކުރިއަށް ގެންދަނީ މައިގަނޑު 6 ދާއިރާއަކަށް ބަހާލައިގެން

ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިޔަ ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމު ނިންމާ 43 ޒުވާނުން ދަސްވެނިވެއްޖެއެވެ.

މި ޕްރޮގުރާމަކީ ވަޒީފާގެ މާޙައުލުގައި މަސައްކަތްތައް އަދާކުރުމުގައި ތަޖުރިބާކާރުންގެ ފަރާތުން ތަމްރީނާއި ތަޖުރިބާ ޒުވާނުންނަށް ހޯދައިދިނުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ.

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމި ދަސްވެނިންނަށް ސެޓްފިކެޓު ހަވާލުކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަޙީދެވެ. މި ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވަނީ ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާއާއި މެރިއަޓް އިންޓަނޭޝަނަލްއާ ގުޅިގެންނެވެ.

އެ ވުޒާރާއިން ވިދާޅުވީ އެޕްރެންޓިސްޝިޕް ޕްރޮގުރާމުތައް ހިންގަނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ހަމަތަކާ އެއްގޮތަށް ކަމަށެވެ. އަދި ޕްރޮގުރާމުގެ މަގުޞަދުތަކުގެ ތެރޭގައި މަސައްކަތްތެރިކަމުގެ ދާއިރާގެ ތަމްރީނު ހޯދުމަށް ޝައުޤުވެރިވާ ހުރިހާ ޢުމުރެއްގެ ދިވެހީންނަށް މަސައްކަތްތެރިކަމުގެ ދާއިރާއިން ސަރުކާރު ޤަބޫލުކުރާ ފެންވަރުގެ ތަމްރީނު ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުން ހިމެނޭކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު މަދުކޮށް އެ މަސައްކަތްތައް އިތުބާރާއެކު ކުރެވޭނެ ފެންވަރަށް ހުނަރުވެރި ދިވެހި ޒުވާނުން މަސައްކަތުގެ ބާޒާރަށް ނެރުމަކީވެސް މި ޕްރޮގުރާމުގެ މަޤުސަދެއްކަމަށް ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި ތެދުވެރިކަމާއި ނަޒާހަތްތެރިކަމާއެކު މަސައްކަތްކޮށް އަމިއްލައަށް ދިރިއުޅެވޭނެ މީހަކަށް ދިވެހި ކޮންމެ ޒުވާނަކު ހެދުމަކީ ވެސް ޕްރޮގުރާމުގެ މަޤުސަދުގެ ތެރޭގައި ހިމެނޭކަމެއްކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާއިން ވިދާޅުވީ އެޕްރެންޓިސްޝިޕް ޕްރޮގްރާމު ނިންމި 43 ޒުވާނުންގެ ތެރެއިން 21 ޒުވާނަކަށް ވަޒީފާ ޔަޤީންވެފައިވާ ކަމަށެވެ.

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ތަމްރީނުތައް ކުރިއަށް ގެންދަނީ މައިގަނޑު 6 ދާއިރާއަކަށެވެ. އެއީ ފަތުރުވެރިކަމުގެ ދާއިރާއާއި، ދަތުރުފަތުރުގެ ދާއިރާއާއި، ޢިމާރާތްކުރުމުގެ ދާއިރާއާއި، އިޖުތިމާޢީ ދާއިރާއާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާގެ އިތުރުން ފަންނިއްޔާތުގެ ދާއިރާއެވެ.