ޚަބަރު

ޗެރްނޮބީލް ނިއުކްލިއަރ ހާދިސާއަށް 30 އަހަރު ފުރުން ފާހަގަކުރަނީ


ޗެރްނޮބީލް ނިއުކްލިއަރ ހާދިސާއަށް 30 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޔުކްރެއިންގެ ވެރިރަށް ކިއޭވްގައި އެއްވުމެއް ބާއްވައިފިއެވެ.

މިއެއްވުމުގައި މި ނިއުކްލިއަރ ހާދިސާގައި މަރުވި މީހުންގެ އާއިލާ ތަކާއި ރައްޓެހިން ވަނީ ބައިވެރިވެފައެވެ. ސޯވިއެޓް ޔޫނިއަންގެ ދުވަސްވަރު މިހާދިސާ ހިނގަން މެދުވެރިވީ ނިއުކްލިއަރ ޓެސްޓެއް ކުރަން އުޅުމުގެ ތެރެއިން ރިއެކްޓަރ ހަތަރެއް ކޮންޓްރޯލުން ނައްޓައިގެންގޮސް ގޮވުމުންނެވެ. މިހާދިސާ އާއި ގުޅިގެން 31 މީހުން ވަނީ އެ ވަގުތު މަރުވެފައެވެ. އަދި އެސަރަހައްދުގައި ދިރިއުޅު އެތައް ހާސް ބަޔަކު ވަނީ އެހެން ހިސާބުތަކަށް ބަދަލުކޮށްފައެވެ.

1986 ވަނަ އަހަރު ޗަރނޮބީލްގައި ރިއެކްޓަރެއް ގޮވި ހާދިސާއަކީ މިހާތަނަށް ހިނގި އެންމެ ބޮޑު ނިއުކްލިއަރ ހާދިސާއެވެ. މި ހާދިސާގެ ސަބަބުން ޖަރުމަނާއި ސްވިޓްޒަލެންޑާއި ބެލްޖިއަމުން ކުރިއަށް ގެންދިޔަ ނިއުކްލިއަރ މަޝްރޫއުތައް ވަނީ ހުއްޓާލާފައެވެ. ޔުކްރޭންގެ ޗަރނޮބީލް ޕަވަރ ޕްލާންޓްގައި ހިނގި ހާދިސާގެ އަސަރު ބެލަރުސް އަށްވެސް ކޮށްފައިވެއެވެ.

ބެލަރުސްގައި ޤާއިމްކުރާ ނިއުކްލިއަރ ޕަވަރ ޕްލާންޓަށް އެޤައުމުގެ ގިނަ ރައްޔިތުން ވަނީ ފާޑުކިޔާފައެވެ. އެގޮތުން، ޗަރނޮބީލްގެ ހާދިސާއިން އެޤައުމުން ފިލާވަޅެއް ދަސްވެފައިނުވާކަމަށް ބުނަމުންގެންދެއެވެ. ބެލަރުސަށް ހަކަތައިގެ މައްސަލަ ކުރިމަތިވެފައިވީ ނަމަވެސް، ނިއުކްލިއަރ ހަކަތަ ބޭނުންކުރުމަކީ އެންމެ އެކަށީގެންވާ ކަމެއް ނޫން ކަމަށްވެސް ގިނަ ރައްޔިތުން ވަނީ ބުނެފައެވެ. ނިއުކްލިއަރ ހަކަތައިގެ މަޝްރޫއުތައް ހިންގުމަށް ތާއީދުކުރާ ފަރާތްތައް ބުނާ ގޮތުގައި ނިއުކްލިއަރ ހަކަތަ ތައާރަފްކުރުމުގެ ސަބަބުން އިޤްތިޞާދީ ފައިދާތަކެއްވާނެއެވެ. އަދި، އެހެން ޤައުމުތަކުން ހަކަތަ ގަތުމުގެ ސަބަބުން އެޤައުމުގެ މާލިއްޔަތަށް އެކަށިގެންނުވާ ބުރައެއް އުފުލަންޖެހިފައިވާކަމަށް އިކޮނޮމިސްޓުން ބުނެފައިވެއެވެ.

ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އިން ބުނާ ގޮތުގައި ޗަރނޮބީލްގެ ރިއެކްޓަރު ގޮވުމުގެ ސަބަބުން ބެލަރުސްގެ ހަތަރު ބައި ކުޅަ އެއްބަޔަށް އޭގެ އަސަރުކޮށްފައިވެއެވެ. އަދި، ދަނޑުބިންތަކުގެ 20 އިން ސައްތައަށް އޭގެ އަސަރުކޮށްފައިވާ ކަމަށާއި ޖަންގަލިތަކުގެ 23 އިން ސައްތަ ހަލާކުވެފައިވާ ކަމަށްވެސް އެ އިދާރާ އިން ވަނީ ބުނެފައެވެ. އަދި މި ހާދިސާގެ ސަބަބުން 2.2 މިލިއަން މީހުންނަށް އަސަރު ކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ފަސް ލައްކަ ކުޑަކުދިން ހިމެނޭ ކަމަށްވެސް ޔޫއެންޑީޕީ އިން ވަނީ ބުނެފައެވެ.

ޗަރނޮބީލް ހާދިސާއަށް 30 އަހަރުވެފައިވާ އިރު، އެ ހާދިސާގެ ސަބަބުން ކުރިމަތިވެފައިވާ ދާއިމީ ގެއްލުންތައް ފުރިހަމައަށް ދެނެގަނެވިފައެއް ނުވެއެވެ. މި ހާދިސާގެ ސަބަބުން 31  މީހުން ވަގުތުން މަރުވެފައިވާއިރު، އެ ސަރަހައްދުގައި ރޭޑިއޭޝަންގެ ސަބަބުން ކުރިމަތިވި ބަލިމަޑުކަންތަކުގައި އެތަށް ސަތޭކަ މީހުން މަރުވެފައިވާ ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

ބެލަރުސްގެ އާ ނިއުކްލިއަރ ޕްލާންޓް ޤާއިމްކޮށްފައި ވަނީ ވެރިރަށް މިންސްކްގެ 160 ކިލޯމީޓަރު ބޭރުގައެވެ. މި ޕްލާންޓުން 2400 މެގަވޮޓްގެ ހަކަތަ އުފެއްދޭނެކަމަށް އެޤައުމުން ބުނެއެވެ.