ޚަބަރު

ބީއެމްއެލްއިން ޓީއެފްޖީ އާއެކު އެއްބަސްވުމެއްގައި ސޮއިކުރުން


"ބީއެމްއެލް ވާއު ކިޑްސް ރަން" ކުރިއަށް ގެންދަން ޓޯޓަލް ފިޓްނެސް ގްރޫޕް ޓީއެފްޖީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއީ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ދުޅަހެޔޮ ސިއްޙަތުގެ މުހިންމުކަން ކުޑަކުދިންނަށް އަންގައިދިނުމުގެ ބޭނުމުގައި ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް އިން ކުރިއަށް ގެންދާ ޙަރަކާތެކެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލް ރީޓެއިލް ބޭންކިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ބީއެމްއެލް ވާއު ކިޑްސްގެ އެހީގައި ބޭނުންތެރި މެސެޖްތަކެއް ފޯރުކޮށްދެވޭނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ޓީއެފްޖީގެ ސީއީއޯ ހުސެއިން ޒިނާން ވިދާޅުވީ މިއަހަރުގެ ދުވުމުގައި 600 ކުދިންނަށް ބައިވެރިވެވޭނެ ކަމަށާއި މި ދުވުމުގައި ކުދިން ދުވާނީ ބެލެނިވެރިޔަކާއި އެކުގައި ކަމަށެވެ. މި ދުވުމުގައި ތިން އުމުރު ފުރާއެއްގެ ކުދިންނަށް ބައިވެރިވެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެއީ 3 އަހަރާއި 5 އަހަރާއި ދެމެދާއި 5 އަހަރާއި 7 އަހަރާއި ދެމެދާއި އަދި 7 އަހަރާއި 9 އަހަރާއި ދެމެދުގެ އުމުރުފުރާއެވެ. މިއަހަރުގެ ދުވުން ފެށޭނީ އަންނަ މޭ މަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 6:20 ގައެވެ. މި ދުވުމުގައި ބައިވެރިވާން ބޭނުންވާ ކުދިން ރަޖިސްޓަރީ ކުރަން މިހާރު ވަނީ ފަށާފައެވެ.