ޚަބަރު

ޣައްޒާގެ ކޮންމެ ތިން ކުއްޖަކުން އެއް ކުއްޖަކަށް ފައިދާހުރި ކާނާ ނުލިބޭ: އދ


ފަލަސްޠީނުގެ ޣައްޒާގެ އުތުރުގެ ރަށްތަކުގައި ދިރިއުޅޭ އުމުރުން ދެ އަހަރުން ދަށުގެ ކޮންމެ ތިން ކުއްޖަކުން އެއް ކުއްޖަކަށް ފައިދާހުރި ކާނާ ނުލިބި, ނިކަމެތިވެފައިވާ ކަމުގައި ފަލަސްޠީނުގެ ރެފިއުޖީންނާ ބެހޭ އދގެ އިދާރާ (ޔޫއެންއާރްޑަބްލިޔުއޭ)ން އިންޒާރު ކޮށްފިއެވެ. މިއީ, ޣައްޒާއަށް ކާބޯތަކެެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރަން ޔަހޫދީން ހުރަސް އެޅުމުގެ ނަތީޖާއެވެ.

އޮކްޓޫބަރު 7ވަނަ ދުވަހު ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނާ އެކު އެ ސަހަރަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރަން ވެސް ޔަހޫދީން ވަނީ ހުރަސް އަޅާފައެވެ. ޣައްޒާގެ ސަރަޙައްދީ ރޮނގުތައް ވަނީ ބަންދު ކޮށްފައެވެ. އަދި, އެ ސަހަރަށް އެތެރެ ކުރުމުގެ ފުރުޞަތު ދެނީ މަދު ޢަދަދެއްގެ އެހީއަށެވެ. މި ޢުދުވާނާ ގުޅިގެން ޣައްޒާގެ 2.3 މިލިޔަން މީހުންގެ އާބާދީގެ 80 އިންސައްތަ މީހުން ވަނީ ގެދޮރު ނެތިފައެވެ.

"ފައިދާހުރި ކާނާ ނުލިބުމުގެ ސަބަބުން ޣައްޒާގެ ކުޑަކުދިންގެ ހަށިތައް ބަލިކަށިވެ, އަނަރޫފަވުން އިތުރުވެއްޖެ،" ޔޫއެންއާރްޑަބްލިޔުއޭން ބުންޏެވެ. ފައިދާހުރި ކާނާ ނުލިބުމާ ގުޅިގެން, އަދި ހަށިގަނޑުން ފެން ހުސްވެގެން ބައެއް ކުޑަކުދިން ޝަހީދުވެފައިވާ ކަމުގައި ވެސް އެ އިދާރާއިން ބުނެއެވެ. މިއީ, ޣައްޒާގެ މައުސޫމު ކުޑަކުދިން ޝަހީދު ކުރަން ޔަހޫދީން ގަސްދުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ ނަތީޖާއެވެ.

ހަތަރު މަހުގެ މެދުކެނޑުމަކަށް ފަހު, މާރިޗު 16 ވަނަ ދުވަހު ޣައްޒާގެ އުތުރުގެ ބައެއް ސަރަޙައްދުތަކަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ވަނީ ފޯރު ކޮށްދީފައެވެ. އެހީގެ ތަކެތި ބަރުކޮށްފައިވާ އުޅަނދުތައް ދަތުރު ކޮށްފައި ވަނީ ޖަބާލިޔާ ރެފިއުޖީ ކޭމްޕާއި, ބަޔިތު ޙަނޫނާއި ބަޔިތު ލާހިޔާއަށެވެ. ގޮދަން ފުށް ބަރު ކޮށްފައިވާ 13 އުޅަނދު އެ ސަރަޙައްދުގައި ހުންނަ ޔޫއެންއާރްޑަބްލިޔުއޭގެ މަރުކަޒުތަކަށް ދަތުރު ކޮށްފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރަސް އެޅުން ހުއްޓައިލުމަށް ހުޅަނގުގެ ބާރުތަކުން ވެސް ދަނީ ޖައްބާރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރަށް ގޮވައިލަމުންނެވެ. އދއިން ބުނީ, ޣައްޒާގައި ބަނޑުފުރާނަ މުއްތި ކުރެވޭނެ ގޮތެއް ނެތި, ހައިހޫނު ކަމާ ކުރިމަތިލާން ޖެހިފައިވާ މީހުންގެ ޢަދަދު 576,000އަށް އަރާ ކަމުގައެވެ. އެ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދޭން ޔަހޫދީން ގަސްދުގައި ހުރަސް އަޅަމުންދާ ކަމުގައި އދއިން ބުނެއެވެ.

ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ކަނޑުމަގުން ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފައެވެ. މި ގޮތުން, އެހީގެ ސާމާނު ބަރުކޮށްފައިވާ ބޯޓެއް ސައިޕްރަސް މަގުން މާރިޗު 16 ވަނަ ދުވަހު ވަނީ ޣައްޒާއަށް ދަތުރު ކޮށްފައެވެ. އެއީ, އިންސާނީ އެހީ ފޯރުކޮށްދޭ ބައިނަލްއަޤުވާމީ ޖަމުޢިއްޔާ, 'ވަރލްޑް ސެންޓްރަލް ކިޗަނު'ން ފޮނުވާފައިވާ ކާބޯތަކެތި ބަރު ކޮށްގެން ދަތުރު ކުރި ބޯޓެކެވެ.

ކާބޯތަކެތި ބަރު ކޮށްފައިވާ ދެވަނަ ބޯޓެއް ޣައްޒާއަށް ފޮނުވުމުގެ ތައްޔާރީތައް ކުރަމުންދާ ކަމުގައި ސައިޕްރަސްގެ ރައީސް ނީކޯސް ކްރިސްތޯދޫލެއިދީސް ވިދާޅުވިއެވެ. މީގެ އިތުރުން, އެމެރިކާއިންނާއި އުރުދުންގެ އަސްކަރީ މަތިންދާބޯޓުތަކުން ވެސް ދަނީ ޣައްޒާގެ އައްސޭރިފަށަށް ވައިގެ މަގުން ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރު ކޮށްދެމުންނެވެ.

ނަމަވެސް, ޣައްޒާގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް ބޭނުންވާ މިންވަރަށް އަދިވެސް ކާބޯތަކެތި ފޯރުކޮށްދެވެމުން ނުދާ ކަމުގައި އުުރުދުންގެ ރާނީ ރާނިޔާ ވިދާޅުވިއެވެ. ރާނީ ވިދާޅުވީ, ވައިގެ މަގުން ފޯރުކޮށްދެމުންދާ ކާބޯތަކެއްޗަކީ "ކަނޑަށް އަޅައިލާ ފެންފޮދެއްހާ މަދު" ޢަަދަދެއްގެ އެހީ ކަމުގައެވެ.

އޮކްޓޫބަރު 7ން ފެށިގެން ޣައްޒާގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 31,645އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ
އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭ ކަމުގައި އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ދާދިފަހުން ވިދާޅުވެފައިވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 73,676އަށް އުފުލިފައެވެ.