ޚަބަރު

ކުޑަކުދިންގެ ޕާކުތައް ތަރައްޤީކުރުން އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވުޒާރާގެ ދަށަށް


  • މަޝްރޫޢު ކުރިއަށް ގެންދިއުމަށް އިދާރީ އިންތިޒާމު ވަނީ ހަމަޖައްސާފައި

  • 2025ގެ ނިޔަލަށް ހުރިހާ ރަށެއްގައި ޕާކު ތަރައްޤީކުރުމަކީ އަމާޒެއް

ކުޑަކުދިންގެ ޕާކުތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ދަށަށް ބަދަލުކޮށްފިއެވެ.

މިކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވީ ޕީއެސްއައިޕީގެ ދަށުން ކުޑަކުދިންގެ ޕާކުތައް ހެދުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވުޒާރާގެ ދަށަށް ބަދަލުކުރައްވާފައިވާކަމަށެވެ. އަދި މުޅި މަޝްރޫޢުތަކުގެ ސްޓޭޓަސް ދެނެގަނެ މަޝްރޫޢު ކުރިއަށް ގެންދާނެ އިދާރީ އިންތިޒާމުތައް މިހާރު ހަމަޖައްސަވާފައިވާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ 2025ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުޑަކުދިންގެ ޕާކު ޤާއިމު ކުރުމަކީ މިސަރުކާރުގެ އަމާޒެއްކަމަށެވެ.

ކުރީ ސަރުކާރުން ރަށްރަށުގައި ކުޑަކުދިންގެ ޕާކުތައް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްފައިވަނީ އޭރުގެ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ބެލުމުގެ ދަށުންނެވެ. އޭރުވަނީ ޕާކު ހެދުމަށް ބޭނުންވާ ސާމާނު ބައެއް ރަށްރަށަށް ހަވާލުކޮށްފައިވެސްވެއެވެ.