ޚަބަރު

"ފަވަރަ" މެދުވެރިކޮށް 200،000 ރުފިޔާއާ ހަމައަށް ޓްރާންސްފަރ ކުރެވޭނެ


  • ކުރިން ޓްރާންސްފަރ ކުރެވެނީ 50،000 ރުފިޔާ

  • ރިކުއެސްޓް ފޮނުވޭ އެންމެ މަތީ އަދަދަކީ 5،000 ރުފިޔާ

  • މި ސިސްޓަމްގައި 5 ބޭންކެއް ބައިވެރިވެފައިވޭ

ރައްކާތެރި ޕޭމަންޓް ޚިދުމަތެއް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ޤާއިމްކުރި އިންސްޓަންޓް ޕޭމަންޓް ސިސްޓަމް 'ފަވަރަ'އިން ޓްރާންސްފަރ ކުރެވޭ ލިމިޓު ބޮޑުކޮށްފިއެވެ.

މީގެ ކުރިން ފަވަރަ މެދުވެރިކޮށް އެންމެ ބޮޑުކޮށް ޓްރާންސްފަރކުރެވެނީ 50،000 ރުފިޔާއެވެ. އަދި، ރިކުއެސްޓް ފޮނުވޭ އެންމެ މަތީ އަދަދަކީ 5،000 ރުފިޔާއެވެ. ނަމަވެސް މިހާރު މިވަނީ ޓްރާންސްފަރ އަދި ރިކުއެސްޓް ފޮނުވޭ އަދަދު އިތުރުކޮށްފައެވެ. އެގޮތުން "ފަވަރަ" މެދުވެރިކޮށް އެއް ބޭންކުން އަނެއް ބޭންކަށް 200،000 ރުފިޔާއާ ހަމައަށް ޓްރާންސްފަރ ކުރެވޭނެކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ. އަދި 10،000 ރުފިޔާއާ ހަމައަށް ފަވަރަ ރިކުއެސްޓް ފޮނުވޭނެކަމަށްވެސް އެމްއެމްއޭއިން ވިދާޅުވެއެވެ.

މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ" އަކީ މާލީ ނިޒާމާއި ބީރައްޓެހި ފަރާތްތަކަށާއި، ބޭންކް އެކައުންޓެއް ނެތް ފަރާތްތަކާއި ރާއްޖޭގެ ކޮންމެ ބޭންކެއްގައި އެކައުންޓް ހުޅުވާފައިވީނަމަވެސް، މި ސިސްޓަމް މެދުވެރިކޮށް ހިނގާ ކޮންމެ މުއާމަލާތެއްގެ ފަސޭހަތައް އެއްހަމައެއްގައި ލިބިދިނުމަށް މަގު ފަހިވާގޮތަށް ފަރުމާކޮށްފައިިވާ ސިސްޓަމެކެވެ.

"ފަވަރަ" ޓްރާންސްފާއިން މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ޖަމާކުރެވޭނެއެވެ. އަދި "ފަވަރަ" ރިކުއެސްޓް މެދުވެރިކޮށް، އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކަށްވެސް ބިލް ފޮނުވައިގެން ފައިސާގެ މުއާމަލާތްތައް ހިންގޭނެކަމަށް އެމް.އެމް.އޭއިން ވިދާޅުވެއެވެ. މި ސިސްޓަމްގައި މިހާތަނަށް ބައިވެރިވެފައިވަނީ ރާއްޖޭގެ 2 ބޭންކަކާއި ބޭރުގެ 3 ބޭންކެއް ހިމެނޭހެން 5 ބޭންކަކުންނެވެ.