އަންނަ މަހު ބާއްވާ މަޖިލިސް އިންތިޚާބުގައި ވޯޓުލުމަށް 10000 އަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީ ކޮށްފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިންތިޚާބުތަކާ ބެހޭ އާއްމު ޤާނޫނަށް ގެނައި ބަދަލާ ގުޅިގެން ކުރިން މިމަހުގެ 17ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާ ތާރީޚް އަންނަ މަހުގެ 21ވަނަ ދުވަހަށް ފަސްކޮށް އިލެކްޝަން ކޮމިޝަނުން ވަނީ ރީ-ރަޖިސްޓްރީވުމަށް އިތުރު 6 ދުވަހުގެ މުއްދަތެއް ދެއްވިއެވެ. މި މުއްދަތު ހަމަވީ އިއްޔެގެ 15:00އަށެވެ.
މުއްދަތު ހަމަވިއިރު ޖުމްލަ 11169 ފޯމު، ރީ-ރަޖިސްޓްރީވުމަށް ހުށައެޅިކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ. ނަމަވެސް އެކި މައްސަލަތައް ފޯމުގައި ހުރުމުގެ ސަބަބުން 1141 ފޯމު ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމެވިއެވެ. މައްސަލަތައް ހުރި ފޯމުތަކުގެ ވެރިފަރާތަށް އެކަން އަންގައި ރީ-ރަޖިސްޓްރީވުމުގެ މުއްދަތުގައި ތެރޭގައި މަޢުލޫމާތު ރަނގަޅުކޮށް ފޯމް ހުށަހެޅުމުގެ ފުރުސަތު އެފަރާތްތަތަކަށް އިލެކްޝަންސް ކޮމިޝަނުންވަނީ ދެއްވާފައެވެ.
އިކެލްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާ މަޢުލޫމާތަށް ބަލާއިރު، މަޖިލިސް އިންތިޚާބުގައި ވޯޓުލުމަށް ޖުމްލަ 10028 މީހުން ރީ-ރަޖިސްޓްރީކޮށްފައިވެއެވެ.
އިންތިޚާބުގައި ބޭރު ޤައުމުތަކުގައި ވޯޓު ފޮށި ބަހައްޓަނީ މަދުވެގެން 150 މީހުން ވޯޓުލާން ރަޖިސްޓްރީ ކުރުމުންނެވެ. އެ އަދަދަށް މީހުން ހަމަވެ ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާ ޤައުމުތަކަކީ މެލޭޝިއާގެ ކުއަލަލަމްޕޫރް، ސްރީލަންކާގެ ކޮލަމްބޯ އަދި އިންޑިއާގެ ޓްރިވެންޑްރަމްގައެވެ.
* މެލޭޝިއާ: 702 މީހުން
* ސްރީލަންކާ: 306 މީހުން
* އިންޑިއާ: 159 މީހުން
މިފަހަރުގެ އިންތިޚާބުގައި 34 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓައެވެ. ރިސޯޓްގައި ވޯޓު ފޮށި ބަހައްޓަނީ މަދުވެގެން 30 މީހުން އެފޮށްޓަކަށް ވޯޓުލުމަށް ރީ-ރަޖިސްޓްރީ ކުރުމުންނެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި 600 އެއްހާ ފޮށި އެކި ސަރަހައްދުތަކުގައި ބަހައްޓާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އަދި ކޮންމެ ފޮށްޓަކަށް ވޯޓްލާނީ ގިނަވެގެން 600 އެއްހާ މީހުންކަމަށްވެސް އިލެކްޝަން ކޮމިޝަނުން މީގެކުރިން ވަނީ ވިދާޅުވެފައެވެ.
މިފަހަރުގެ މަޖިލިސް އިންތިޚާބުގައި ޖުމްލަ 93 ދާއިރާ ހިމެނޭއިރު، މިއިންތިޚާބުގައި 371 ކެންޑިޑޭޓުން ވާދަކުރެއެވެ.