ކުޅިވަރު

އޮލިމްޕިކް ކޮމިޓީން މި އަހަރަށް 38 މިލިޔަން ރުފިޔާގެ ބަޖެޓެއް


މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން މި އަހަރަށް 38 މިިލިޔަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައި، ފާސްކޮށްފިއެވެ.

ހެންވޭރު މީރުމާގެ ކާނިމާ މާލަމުގައި ރޭ ބޭއްވި އެމްއޯސީގެ އަހަރީ އާންމު ޖަލްސާގައި މި އަހަރަށް ކަނޑައެޅި ބަޖެޓް ފާސްކުރީ ޖަލްސާއަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ.

މި ބަޖެޓުގެ ތެރެއިން 28 މިލިޔަން ރުފިޔާ ލިބޭނެ ކަމަށް ކަނޑައަޅާފައިވަނީ ސަރުކާރު މެދުވެރިކޮށް ކުޅިވަރާ ބެހޭ ވުޒާރާއިންނެވެ. އަދި މި ބަޖެޓުގެ ތެރޭގައި މި އަހަރު ޕާކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ގޭމްސްއަށް ދާނެ ޚަރަދު ވަނީ ހިމަނާފައެވެ. އެކަމަކު ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރަށް ފަސްކުރުން ގާތް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެ އިތުރުން ބަޖެޓުގެ ބޮޑު ބައެއް ދެން ޚަރަދުވާނެ ކަމަށް ބެލެވެނީ ތައިލެންޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސްއަށެވެ. އަދި މި އަހަރަކީ އޮލިމްޕިކް ގޭމްސް ބާއްވާ އަހަރަށްވުމުން, ޕެރިހުގައި ބާއްވާ ގޭމްސްއަށްވެސް ވަނީ ދާނެ ޚަރަދު ބަޖެޓުގައި ހިމަނާފައެވެ. މީގެ އިތުރުން މި ފަހަރުގެ ބަޖެޓުގައި ވަނީ ނެޝަނަލް ގޭމްސްއެއް ފުރަތަމަ ފަހަރަށް ބޭއްވުމަށް ހިމަނާފައެވެ.

އެމްއޯސީން ވަނީ މި އަހަރު ތިން އެސޯސިއޭޝަނަކަށް އަތޮޅު ތެރޭގައި ޔޫތު ޑިވެލޮޕްމެންޓް ޕްރޮގްރާމް ހިންގުމަށް އެހީތެރިވާން ނިންމާފައެވެ. އަދި ބަޖެޓުގެ ތެރެއިން 93 އިންސައްތަ ޚަރަދުވާނެ ކަމަށް ބެލެވެނީ ސީދާ ކުޅިވަރާ ގުޅޭ ޚަރަދުތަކަށް ކަމަށް އެމްއޯސީން ވަނީ ބުނެފައެވެ.

އެމްއޯސީން ބޭއްވި އަހަރީ އާންމު ޖަލްސާގައި ވަނީ މިދިޔަ އަހަރު މަޑަގަސްކަރައިގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި ޗައިނާގައި ބޭއްވި އޭޝިއަން ގޭމްސްގައި އެމްއޯސީގެ ފަރާތުން، ޗެފް ޑި މިޝަަނަރުންގެ ގޮތުގަޔާއި، މީޑިއާ އާއި މެޑިކަލް އޮފިސަރުންގެ ގޮތުގައި ހަރަކާތްތެރިވި ބޭފުޅުންނަށް ހަނދާނީ ފިލާ ހަވާލުކޮށްފައެވެ.