ދުނިޔެ

އުތުރުކޮރެޔާގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމް ހުއްޓާލަން ގޮވާލުން


އދ.ގެ މުއާހަދާތަކާއި ހިލާފަށް އުތުރުކޮރެއާއިން ކުރިޔަށް ގެންދާ ބެލިސްޓިކް މިސައިލް ޓެސްޓްތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް އދގެ ސަލާމަތީ މަޖިލީހުން ގޮވާލާއިފިއެވެ.

އުތުރުކޮރެއާގެ ލީޑަރު، ކިމް ޖޮން އުންގެ ބެއްލެވުމުގެ ދަށުން، ކާމިޔާބު ކަމާއެކު ސަބްމެރިން ބެލިސްޓިކް މިސައިލެއް ޓެސްޓްކޮށްފައިވާކަމަށް އުތުރުކޮރެއާގެ ރަސްމީ ޓީވީ ކޭ.އާރު.ޓީއިން މިދިޔަ އާދީއްތަ ދުވަހު ވަނީ އިއުލާންކޮށްފައެވެ. އުތުރުކޮރެއާއިން ކުރިޔަށް ގެންދިޔަ މި ސަބްމެރިން ބެލިސްޓިކް މިސައިލް ޓެސްޓްތަކަކީ އދގެ ސަލާމަތީ މަޖިލީހުގެ އެތައް މުއާހަދާއަކާއި ހިލާފު އަމަލްތަކެއްކަމަށް އދ ން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އަދި އުތުރުކޮރެއާގެ މިއަމަލް ސަލާމަތީ މަޖިލީހުންވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

އުތުރުކޮރެއާގެ އަމަލްތައް ކުށްވެރިކޮށް އދގެ ސަލާމަތީ މަޖިލީހުން ބަޔާން ނެރުމާއި ގުޅިގެން އދގެ ތަރުޖަމާނު ސްޓެފާން ޑުޖަރިކް ވަނީ މިކަމަށް މަރުހަބާ ވިދާޅުވެފައެވެ. މިދިޔަ ހަފްތާގައި އެސޯސިއޭޑަޓް ޕްރެސްއަށް ދެއްވި އިންޓަވިއުއެއްގައި އުތުރުކޮރެއާގެ ހާރިޖީ ވަޒީރު ރީ ސޫ ޔޮންގް ވިދާޅުވީ އެޤައުމުން ކުރިޔަށްގެންދާ މިސައިލް ޓެސްޓްތައް ހުއްޓާލާނީ ކޮރެއާ ސަރަޙައްދުގައި ދެކުނު ކޮރެއާއާއި އެމެރިކާއާއި ކުރިޔަށް ގެންދާ އަސްކަރީ ތަމްރީންތައް ހުއްޓާލުމުން ކަމަށެވެ.

ނަމަވެސް މި ހުށައެޅުން ޤަބޫލު ނުކުރެވޭނެ ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ ވިދާޅުވެފައެވެ. އޮބާމާ ވިދާޅުވީ އުތުރުކޮރެއާއިން ނިއުކްލިއަރ ހަތިޔާރު ތައްޔާރުކޮށް، ޓެސްޓް ކުރުމަށް ކުރިޔަށް ގެންދާ އަމަލްތައް ހުއްޓާލުމުން ނޫނީ އެއްވެސް މަޝްވަރާއެއް ކުރުމެއް ނޯންނާނެކަމަށާ، އަދި އެމެރިކާއިން ކޮރެއާ ސަރަހައްދުގެ ރަޙްމަތްތެރިންގެ ދިފާއުގައި ކުރިޔަށްގެންދާ ސެކިއުރިޓީ ހަރަކާތްތައް ހުއްޓާލެވޭނީ މިފަދަ މަޝްވަރާތަކެއް އުތުރުކޮރެޔާއާ އާއިއެކު ބޭއްވި އެއްބަސްވުމަކަށް އައިސްގެންކަމަށް އޮބާމާ ވިދާޅުވިއެވެ.

އދ ން އުތުރުކޮރެއާގެ މިހުށަހެޅުން ޤަބޫލުކުރައްވާނެތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން، އދގެ ތަރުޖަމާނު ޑުޖަރިކް ވިދާޅުވީ އުތުރުކޮރެއާއިން މިފަދަ ހުށައެޅުމެއް ހުށައަޅާ މީއީ ފުރުތަމަ ފަހަރު ނޫންކަމަށާ، ކޮރެއާ ސަރަހައްދުގެ މައްސަލައަށް ހައްލު އައުމަކީ އދ ވެސް އަދި އދގެ ސެކެޓްރީ ޖެނެރަލް ބަންކީ މޫން ވެސް އަބަދުވެސް އެދޭކަމެއް ކަމަށެވެ.