ޚަބަރު

ދިއްދޫ އާއި އަލިފުށި ޓިވެޓް ސެންޓަރުގައި ކޯސްތައް ފަށަން ތައްޔަރުވަނީ


  • އަލިފުޓީ ޓިވެޓް ސެންޓަރުގެ ކޮންސްޓްރަކްޝަން މަސައްކަތް ވަނީ ނިންމާފައި

  • ކިޔަވައިދިނުމަށް ބޭނުންވާ ބައެއް ސާމާނު ވަނީ ގެންގޮސްފައި

  • ފުރަތަމަ ފަށާނީ ޑިމާންޑް އޮތް ކޯސްތައް

މިއަހަރުގެ ދެވަނަ ސެމިސްޓަރގެ ކިޔެވުމާއެކު ހއ. ދިއްދޫއާއި ރ. އަލިފުށި ޓިވެޓް ސެންޓަރުތަކުގައި ޕްރޮގްރާމްތައް ފެށުމައް ތައްޔާރުވަމުން އަންނަކަމަށް މަތީ ތަޢުލީމާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ހއ.ދިއްދޫ ޖޫނިއަރ ކޮލެޖް ޚާއްސަކޮށްފައި ވަނީ ފުޑް ޕްރޮސެސިންގ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށެވެ. އަދި އަލިފުށީ ޓިވެޓް ސެންޓަރު ޚާއްސަކުރެވިފައިވަނީ ބޯޓް ބިލްޑިންގް ދާއިރާގެ ކޯސްތައް ހިންގުމަށެވެ. މިކޯސްތަކުގެ އިތުރަށް ވޮކޭޝަނަލް ދާއިރާއާއި ގުޅުންހުރި ތަފާތު އެހެނިހެން ކޯސްތައްވެސް މި އިންސްޓިޓިއުޓުތަކުގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މަތީ ތަޢުލީމް ފޯރުކޮށްދިނުމަށް ތަރައްޤީކުރަމުންދާ ޚާއްސަ މަރުކަޒުތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢު ވިދާޅުވީ އެ މަރުކަޒުތަކުގެ މަސައްކަތް މުޅިން ނިމިފައި ނުވާކަމަށެވެ. އޭނާ ވިދާޅުވީ އަލިފުށީ ޓިވެޓް ސެންޓަރުގެ ކޮންސްޓްރަކްޝަން މަސައްކަތް ނިންމާފައިވާކަމަށާއި މިހާރު ކުރިއަށް ދަނީ ދަނާލު ހެދުމުގެ މަސައްކަތްކަމަށެވެ.

ޝަފީޢު ވިދާޅުވީ ދިއްދޫގައި ހަދާ މަރުކަޒުގެ ކޮންސްޓްރަކްޝަން މަސައްކަތް ނިމުނުނަމަވެސް ދަނާލުގެ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކޮށްފައިވެސް ނުވާކަމަށާއި އެކަން އޮތީ ޓެންޑަރިން މަރުހަލާގައިކަމަށެވެ. ނަމަވެސް މި ދެ މަރުކަޒުގެ މަސައްކަތް މުޅިން ނުނިމުނުނަމަވެސް ނިމިފައި ހުރި ފަންގިފިލާތައް ސަލާމަތްތެރިކަމާއެކު ބޭނުންކުރެވޭނަމަ ޕްރޮގްރާމްތައް ހިންގުމަށް ރާއްވަވަމުން ގެންދަވާކަމަށް ޝަފީޢު ވިދާޅުވިއެވެ. އަދި އެތަންތަނުގައި ޕްރޮގްރާމްތައް ފެށުމަށްޓަކައި ބައެއް ސާމާނުތައްވެސް ގެންގޮސް އިންސްޓޯލްކޮށްފައިވާކަމަށްވެސް ވިދާޅުވިއެވެ.

"އިމާރާތުގެ މަސައްކަތް ނިމުމާއެކު ވީހާވެސް އަވަހަކަށް ޕްރޮގްރާމްތައް ފެށޭތޯ މިއުޅެނީ. ޖޫން މަހު، ދެވަނަ ސެމިސްޓަރގައި ޕްރޮގްރާމްތައް ފެށުމަށް މި މަސައްކަތް ކުރަނީ. އެރަށެއްގައި ޑިމާންޑް އޮތް ކޯސްތައް ފުރަތަމަ ފަށާނީ." މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢު ވިދާޅުވިއެވެ.

ޝަފީޢު ވިދާޅުވީ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން އަމިއްލަ ފަރާތްތަކާ ހަވާލުކޮށްގެން ކ. ތުލުސްދޫގައި ހުރި ޕޮލިޓެކްނިކްގެ ކެމްޕަސް އިތުރަށް ތަރައްޤީކޮށްގެން ޓިވެޓް ސެންޓަރެއްގެ ގޮތުގައި ހިންގަން ނިންމާފައި އޮތްތަނަމވެސް މިހާތަނަށް އައިރުވެސް ކޮންސްޓްރަކްޝަންގެ މަސައްކަތްތައް ފަށާފައި ނުވާކަމަށެވެ. އަދި ކެނދިކުޅުދޫގައި ތަރައްޤީކުރުމަށް ނިންމާފައި އޮތް ޓިވެޓް ސެންޓަރުގެ މަސައްކަތް ފަށާފައިނުވާކަންވެސް ޝަފީޢު ފާހަގަކުރެއްވިއެވެ.

އެކި ސަރަހައްދުތަކުގައި ތަރައްޤީކުރާ މިފަދަ މަރުކަޒުތަކަކީ ސްޕެޝަލައިޒޭޝަން ޕްރޮގްރާމްތަކަށް ޚާއްސަ ލެބޯޓަރީއާއި ވޯކްޝޮޕްތަކުގެ އިތުރުން މަލްޓި-ޕާޕަސް ވޯކްޝޮޕާއި ކިޔަވައިދޭ ކްލާސް ރޫމާއި އައި.ސީ.ޓީ ލެބޯޓަރީ އާއެކު ތަރައްޤީކުރާ ތަންތަނެޗެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީވެސް ހުންނާނެއެވެ. މީގެ އިތުރުންވެސް، މި ޢިމާރާތުގައި ދަރިވަރުންގެ ސިއްޙީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމެއްވެސް ތަރައްޤީކުރެއެވެ.