ޚަބަރު

ޣައްޒާ ޢުދުވާން ހުއްޓުވުމާ ގުޅޭ މަޝްވަރާތައް ޤަޠަރުގައި އަލުން ފަށަނީ


ޔަހޫދީ ފައުޖުން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން ކުރަމުންދާ މަޝްވަރާތައް ޤަޠަރުގައި އަލުން ފެށުމަށް ތައްޔާރީތައް ކުރަން ފަށައިފިއެވެ. ޤަޠަރުގައި ކުރިއަށްދާ ވާހަކަތަކުގައި, މި މަޝްވަރާތައް ވިލަރެސްކުރާ ދެވަނަ ޤައުމު, މިޞްރުގެ އިތުރުން ޔަހޫދީންގެ އޮފިޝަލުން ބައިވެެރިވާނެއެވެ. ޔަހޫދީންގެ ފަރާތުން ވާހަކަތަކުގައި ބައިވެރި ވާނީ އިސްރާއީލުގެ ޖާސޫސީ އިދާރާ, މޮސާދުގެ އިސްވެރިޔާއެވެ.

ޔަހޫދީންގެ ލާއިންސާނީ ޢުދުވާންތައް ހުއްޓުވުމާ ގުޅޭ ގޮތުން ޤަޠަރުގައި އަލުން މަޝްވަރާތައް ފެށުމަށް ނިންމާފައި ވަނީ, މި ކަމާ ގުޅޭގޮތުން ޙަމާސުން ތައްޔާރުކޮށް, އައު އެއްބަސްވުމެއް ހުށަހެޅުމާ ގުޅިގެންނެވެ. ޒަޔަނިސްޓު އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ, ޙަމާސްގެ ހުށަހެޅުންތަކަށް ނޫނެކޭ ބުނެފައެވެ. ނަމަވެސް, މަޝްވަރާތަކަށް މޮސާދުގެ އިސްވެރިން ފޮނުވަން އޭނާ ދެކޮޅު ހަދާފައެއް ނުވެއެވެ.

މާރިޗު 17 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ, ޣައްޒާގައި ހާލުގައި ޖެހިފައިވާ 2.3 މިލިޔަނެއްހާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމާ ގުޅޭ ގޮތުންނެވެ. ޙަމާސުން މި ފަހަރު ފޮނުވާފައިވާ ހުށަހެޅުމުގައި އިސްކަން ދީފައި ވަނީ, ޔަހޫދީ ފައުޖުން ހައްޔަރުކޮށް, ޖަލަށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މިނިވަން ކުރުމަށެވެ.

ޙަމާސުން ބުނީ, ޔަހޫދީންގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ ގިނަ ޢަދަދެއްގެ ރައްޔިތުން މިނިވަން ކުރަން ޔަހޫދީން އެއްބަސްވާ ނަމަ, އެ ޖަމާޢަތުން ރަހީނު ކޮށްފައިވާ ޔަހޫދީ އަސީރުން މިނިވަން ކުރާނެ ކަމުގައެވެ. ޙަމާސުން މިނިވަން ކުރަން އެދިފައިވާ މީހުންގެ ތެރޭގައި ޔަހޫދީ ސަރުކާރުން އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވާފައިވާ ފަލަސްޠީނުގެ 100އެއްހާ ރައްޔިތުން ވެސް ހިމެނެއެވެ.

އެ ޖަމާޢަތުން ބުނީ, އެ މީހުން މިނިވަން ކުރަން ޔަހޫދީން އެއްބަސްވުމުން, އެ ޖަމާޢަތުން ރަހީނު ކޮށްފައިވާ ޔަހޫދީ އަސީރުންގެ ތެރެއިން އަންހެނުންނާއި, ކުޑަކުދިންނާއި, އުމުރުން ދުވަސްވީ މީހުންގެ އިތުރުން ބަލި މީހުން ދޫކޮށްލާނެ ކަމުގައެވެ. އޭގެ ތެރޭގައި ޔަހޫދީ ފައުޖުގައި ހިމެނޭ އަންހެން ސިފައިން ވެސް ހިމެނޭ ކަމުގައި ޙަމާސުން ބުނެއެވެ. އެ މީހުންގެ ބަދަލުގައި, ޔަހޫދީންގެ ޖަލުތަކުގައި ހައްޔަރުކޮށް ލާއިންސާނީ އަދަބުތައް ދެމުންދާ 700އާއި 1,000އާ ދެމެދު ޢަދަދަކަށް ފަލަސްޠީނުގެ ރައްޔިތުން މިނިވަން ކުރުމަށް ޙަމާސުން ފޮނުވި ހުށަހެޅުމުގައި ގޮވައިލާފައިވެއެވެ.

އޮކްޓޫބަރު 7ން ފެށިގެން ޣައްޒާގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 31,553އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭ ކަމުގައި އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ދާދިފަހުން ވިދާޅުވެފައިވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 73,546އަށް އުފުލިފައެވެ.