ޚަބަރު

ޣައްޒާގެ ރެފިއުޖީ އެއް ޢާއިލާއެއްގެ 36 މެންބަރުން ޝަހީދު ކޮށްލައިފި


ޔަހޫދީ ފައުޖުން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި އަލް-ނުޞަޔިރާތު ރެފިއުޖީ ކޭމްޕުގައި ހުރި ގެއަކަށް ބޮން އަޅައި, އެއް ޢާއިލާއެއްގެ 36 މެންބަރުން ޝަހީދު ކޮށްލައިފިއެވެ. ޔަހޫދީ ފައުޖުގެ ވައިގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އަލް-ޠަބާޠިބައީ ޢާއިލާ ދިރިއުޅޭ ގެއަށެވެ. އެ ގެއަށް ބޮން އަޅާފައި ވަނީ, އެ ގޭގެ އަހުލުވެރިން ހާރުކާން ތައްޔާރުވަމުން ދިޔަ ވަގުތުގައެވެ.

ޣައްޒާގެ ޞިއްޙީ ވުޒާރާއިން ވަނީ, ނުޞަޔިރާތު ރެފިއުޖީ ކޭމްޕަށް ބޮން އަޅައި, އެއް ޢާއިލާއެއްގެ 36 މެންބަރުން ޝަހީދު ކޮށްލާފައިވާ ކަން ކަށަވަރު ކޮށްދީފައެވެ. "[ޔަހޫދީ ފައުޖުން ވަނީ] އަޅުގަނޑުގެ މަންމައާއި, ބައްޕައާއި, ބޮޑުދައިތައާއި ބޭބެމެން ޝަހީދު ކޮށްލާފައި،" ޔަހޫދީންގެ ޙަމަލާއިން ސަލާމަތްވި 19 އަހަރުގެ މުޙައްމަދު އަލް-ޠަބާޠިބައީ ކިޔައިދިނެވެ.

ޔަހޫދީންގެ ޙަމަލާގައި އޭނާއަށް ވެސް ވަނީ ބޮޑެތި ޒަޚަމުތަކެއް ލިބިފައެވެ. އަދި, އަލް-އަޤްޞާ ހަސްފަތާލުގައި އޭނާއަށް ދަނީ ފަރުވާ ދެމުންނެވެ. މުޙައްމަދު ބުނީ, ޔަހޫދީ ފައުޖުން އޭނާ ދިރިއުޅޭ ގެއަށް ބޮން އަޅާފައި ވަނީ, އޭނާގެ މަންމައާއި ބޮޑުދައިތަ ހާރަށް ކާބޯތަކެތި ތައްުޔާރު ކުރަމުން ދިޔަ ވަގުތުގައި ކަމުގައެވެ. މި ޙަމަލާގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ދެ ކުޑަކުދިން ވެސް ހިމެނެއެވެ.

ޔަހޫދީންގެ ޙަމަލާގައި ޠަބާޠިބައީ ޢާއިލާ ދިރިއުޅޭ ގެ ވަނީ ސުންނާފަތި ކޮށްލާފައެވެ. ޢިމާރާތުގެ ދަށުގައި އިތުރު މީހުންގެ ހަށިތައް ވަޅުލެވިފައިވާ ކަމަށް ބެލެވޭ ކަމަށާއި, މި ޙަމަލާގައި ޝަހީދުވި މީހުންގެ ޢަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެއެވެ.

އެ ވުޒާރާއިން ބުނީ, ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތަކުގައި 60އެއްހާ މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. މިއާ އެކު, އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީން ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 31,553އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭ ކަމުގައި އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ދާދިފަހުން ވިދާޅުވެފައިވެއެވެ.

ޔަހޫދީ ފައުޖުން މިހާރު ދަނީ ޣައްޒާގެ އެންމެ ދެކުނުގައި އޮތް ރަފަޙަށް އަރައި, ޢުދުވާން ފުޅާ ކުރަން ތައްުޔާރު ވަމުންނެވެ. ޒަޔަނިސްޓު އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ, އެ ކަމުގެ ހުއްދަ ޔަހޫދީ ފައުޖަށް ދީފައެވެ. މި ކަން އޭނާގެ އޮފީހުން ކަށަވަރު ކޮށްދެއެވެ. ރަފަޙުގައި މި ވަގުތު 1.5 މިލިޔަނެއްހާ މީހުން ތިބިއިރު, ގިނައީ ޣައްޒާގެ އެހެން ސަރަޙައްދުތަކަށް ޔަހޫދީން ދެމުންދިޔަ ޙަމަލާތަކުން ސަލާމަތް ވާން ރަފަޙަށް ދަތުރު ކުރި ޢާއިލާތަކެވެ.

ޔަހޫދީ ފައުޖުގެ ޙަަމަލާތައް ރަފަޙަށް ވެސް ދަނީ އަމާޒު ކުރަމުންނެވެ. އޭގެ ތެރެއިން އެއް ޙަމަލާ އަމާޒު ކޮށްފައި ވަނީ, ރަފަޙުގެ މިސްކިތެއްގެ އިމާމު ކަމުގައިވާ ޢީސާ ޟުހައިރު ދިރިއުޅޭ ގެޔަށެވެ. މި ޙަމަލާގައި އޭނާގެ ދެ ފިރިހެން ދަރިން ވެސް ވަނީ ޝަހީދު ކޮށްލާފައެވެ. އޮކްޓޫބަރު 7ން ފެށިގެން
ހިިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 73,546އަށް އުފުލިފައެވެ.