ކުޅިވަރު

ވެޓެރަންސް ލީގު: ފަހަތުން އަރައި ލެގޫންސް އަތުން މުއިވެޔޮއަށް މޮޅެއް


އެފްއޭއެމް ވެޓެރަންސް ލީގު 2024 ގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފަހަތުން އަރައި ލެގޫންސް ސްޕޯޓްސް ކުލަބު އަތުން މުއިވެޔޮ ފްރެންޑްސް މޮޅުވެއްޖެއެވެ.

ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ކުޅުނު ގްރޫޕް ބީގެ މެޗު މުއިވެޔޮއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ އެންމެ ޚާއްސަ ކަމަކީ މުއިވެޔޮ ޓީމުގެ ކެޕްޓަނަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ކުޅުމެވެ. މި މެޗު ފަށައިގެން ދެވަނަ މިނެޓުގައި ލެގޫންސްގެ މުޙައްދު ޝިރާޒްގެ ލަނޑުން އެ ޓީމުން ލީޑު ނެގި ނަމަވެސް، އެ ލަނޑަށްފަހު އެ ޓީމަށް މި މެޗުގައި މާ އެދެވޭ ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.

އޭގެ ބަދަލުގައި މުއިވެޔޮ ޓީމުން ދިޔައީ އެ ޓީމުގެ އެޓޭކުތަށް ވަރުގަދަކުރަމުންނެވެ. އެގޮތުން މެޗުގެ 17 ވަނަ މިނެޓުގައި މުއިވެޔޮއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ސައީދު (އައްމަޓީ) އެވެ.

މި މެޗުގައި މުއިވެޔޮއިން ފަހަތުން އަރައި ލީޑު ނަގާފައިވަނީ މެޗުގެ 45 ވަނަ މިނެޓުގައެވެ. ލިބުނު ޕެނަލެންޓީއަކުން މި ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ އައްމަޓީއެވެ. އަދި މި މެޗުގައި މުއިވެޔޮ ޓީމުން ލީޑުފުޅާކުރި ލަނޑު މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ.

40 އަހަރުން މަތީގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ބާއްވާ ވެޓެރަންސް ލީގު މި ފަހަރު ކުރިއަށްދަނީ 10 ޓީމުގެ މެދުގައެވެ. ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތުގެ ކުޅުން ކުރިއަށްދާއިރު، މުއިވެޔޮ އާއި ލެގޫންސްގެ އިތުރުން ގްރޫޕް ބީގައި ހިމެނެނީ އެންމެ ފަހުގެ ރަނަރަޕް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާއި، މޯލްޑިވްސް ސޮކަރ މޭޓްސް އަދި ކުލަބު ސްޓެލްކޯއެވެ. އަދި ގްރޫޕް އޭގައި ހިމެނެނީ ހުއްރިއްޔާ ސްޕޯޓްސް ކުލަބާއި އާއި، ޕޮލިސް ކުލަބާއި، އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް އާއި، ވިިލިމާލެ ޔުނައިޓެޑް އަދި ދިވެހި ސިފައިންގެ ކުލަބެވެ.