ޚަބަރު

ސެން ޓީޗަރުންގެ މުސާރައަށް ޚާއްސަ އިނާޔަތެއް ހަމަޖައްސައިދޭނަން - ރައީސް


  • ރައީސް ވިދާޅުވި ސެން ޓީޗަރުންގެ އެލަވަންސް ކެނޑުނީ ނިމުނު ސަރުކާރުން ޕޭ ފްރޭމްވަރކްއަށް ގެނައި ބަދަލުގައިކަމަށް

  • ރައީސް ވިދާޅުވީ ސެން ޓީޗަރުން ތަމްރީންކޮށް އިތުރުކޮށްދެއްވާނެކަމަށް

  • ސެން ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނަވާނެކަމަށް ވިދާޅުވި

ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ސެން ޓީޗަރުންނަށް ރިސްކް އެލަވަންސް ނުވަތަ ޚާއްސަ އިނާޔަތެއް ލިބޭނެ ގޮތް ސަރުކާރުން ހަމަޖައްސަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ "ރައީސްގެ ޖާވާބު" ޕްރޮގްރާމަށް މުލަކަތޮޅު މުލަކު ސްކޫލުގެ ސެން ޓީވަރެއްގެ ގޮތުގައި މަސައްކަތް ކުރާ ޢާއިޝަތު ޝައުފާ (ސޯސަންވިލާ/މ.މުލައް) ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ޝަޢުފާ ރައީސްއާއި ސުވާލުކުރެއްވީ ސްކޫލްތަކަށް ސެންޓީޗަރުން ލިބުމުގައި ހުރި ދަތިކަމާއި ސެން ޓީޗަރުންނަށް ކުރިން ދެމުންއައި އެލަވަންސް ކަނޑާލާފައިވާތީ އެކަމުގެ ކަންބޮޑުވުމާ ގުޅޭގޮތުންނެވެ.

މި ސުވާލަށް ޖަވާބުދެއްވާ ރައިސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޓީޗަރުން ތަމްރީންކުރުމަކީ ސަރުކާރުން ވަރަށް ޚާއްސަ އިސްކަމެއް ދެއްވާ މަސައްކަތެއްކަމަށެވެ. ޚާއްސަކޮށް ރާއްޖެއަށް މުހިންމު ދާއިރާތަކާއި ޓީޗަރުން ލިބުމުގައި ދަތިވާ ދާއިރާތަކަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އޭގެތެރެއިން ޚާއްސަ އެހީތެރިކަމަށް ބެނުންވާ ކުދިންނަށް ކިޔަވައިދޭ ސެން ޓީޗަރުން އިތުރުކުރުމުގެ މަސައްކަތަށް އިސްކަން ދީގެން ކުރިއަށްގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"މިއަހަރުގެ މެދުތެރޭގައި ޓީޗަރުން ތަމްރީންކުރުމުގެ ޕްރޮގްރާމެއް ފެށުމަށް ވަނީ ނިންމާފައި. އޭގެތެއިން ސެން ޓީޗަރުންނަށް ޚާއްސަ އިސްކަމެއް ދޭނަން. އޭގެ ކުރިން، މިހާރުވެސް ސެން ޓީޗަރުން ލިބެންހުރިވަރު ބަލާ އިތުރުކޮށްދޭނަން." ރައީސް ވިދާޅުވީއެވެ.

ރައީސް ވިދާޅުވީ ސެން ޓީޗަރުންގެ މުސާރައިގެ މައްސަލަވެސް ޙައްލުކޮށްދެއްވާނެކަމަށެވެ. ސެން ޓީޗަރުންގެ ރިސްކް އެލަވަންސް ކަނޑާލާފައިވަނީ ނިމުނު ސަރުކާރުގައި ޕޭ ފްރޭމްވަރކްއަށް ގެނައި ބަދަލުގައިކަމަށާއި، އެހެންކަމުން މި މައްސަލައަށްވެސް ޙައްލުގެނެސްދެއްވާއި، ސެން ޓީޗަރުންގެ މުސާރައިގެ މައްސަލަ ޙައްލުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"މިދިޔަ ސަރުކާރުގައި ޢަމަލުކުރަން ފެށި ޕޭ ފްރޭމްވަރކްގެ ސަބަބުން ރިސްކް އެލަވަންސްއަށް ބަދަލު އައީ. ސެން ޓީޗަރުންނަށް ރިސްކް އެލަވަންސް ނުވަތަ ޚާއްސަ އިނާޔަތެއް ލިބޭނެގޮތް ސަރުކާރުން ހަމަޖައްސައިދޭނަން." ރައީސް ވިދާޅުވިއެވެ.

ތައުލީމީ ނިޒާމުގެތެރެއިން އެއްވެސް ކުއްޖަކު ބާކީނުކޮށް ހަމަހަމަ ފުރުޞަތާއެކު ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށްވެސް ފުރުޞަތު ފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ޢަމާޒެކެވެ. އެގޮތުން ތަޢުލީމާއި އަދި ވަޒީފާގެ މާޙައުލުން ފުރުޞަތު އިތުރުކުރުމުގެ މަސައްކަތްތައް ސަރުކާރުން ވަނީ ފައްޓަވާފައެވެ.