ދުނިޔެ

ސޫރިޔާގެ ސަރުކާރުން އދގެ މަންދޫބާއި ބައްދަލުކުރަން ނިންމައިފި


ސޫރިޔާގެ ދާޚިލީ ހަނގުރާމައަށް ހައްލެއް ގެނައުމަށް ރާވާ ޕްލޭނަށް ސޫރިޔާ ސަރުކާރުގެ ފަރާތުން ހުށަހަޅާ ކަންތައްތަކާއި ބެހޭ ގޮތުން މަޝްވަރާކުރުމަށް ސަރުކާރުގެ ޑެލިގޭޝަންގެ ފަރާތުން އދ އިން ސޫރިޔާއަށް ކަނޑައަޅުއްވާފައިހުންނަވާ މަންދޫބާއި ބައްދަލުކުރަން ނިންމައިފިއެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވާ ސޫރިޔާގެ ސަރުކާރުގެ ފަރާތުން ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިވާ އިސް ފަރާތްކަމަށްވާ ބާޝާރް ޖަފާރީ ވިދާޅުވީ މިހާތަނަށް އދއިން ސޫރިޔާއަށް ކަޑައަޅުއްވާފައިހުންނަވާ މަންދޫބް، ސްތަފާން ދެ މިސްތޫރާ ބޭއްވި މަޝްވަރާތައް ވަރަށް ކާމިޔާބުކަމަށެވެ.

ސޫރިޔާގެ މައި އިދިކޮޅު ފަރާތްތަކަމަށްވާ ހައި ނެގޯސިއޭޝަންސް ކައުންސިލް، އެޗް.އެން.ސީއިން ވަނީ ޖެނީވާގައި ފެށިގެން ކުރިޔަށްދާ ސޫރިޔާގެ ސުލްހައިގެ މަޝްވަރާތަކުގެ ދެވަނަ ބުރުން މިދިޔަ ހަފްތާގެ ތެރޭގައި ވަކިވެފައެވެ. އެޗް.އެން.ސީގެ މަންދޫބުން ވިދާޅުވީ ސޫރިޔާގެ ސަރުކާރުން އަސްކަރީ ހަމަލާތައް ކުރިޔަށް ގެންދަމުންދާއިރުއާއި، ސޫރިޔާގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދެން މަގުފަހި ނުކޮށްދޭހާ ހިނދަކު ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިވުމުގެ ބޭނުމެއް ނެތްކަމަށެވެ. ނަމަވެސް ސޫރިޔާގެ އިދިކޮޅު ފަރާތްތައް ރަމްޒުކުރާ ބައެއް އޮފިޝަލުން އދއިން ސޫރިޔާއަށް ކަޑައަޅުއްވާފައިހުންނަވާ މަންދޫބާއި ނުރަސްމީ މަޝްވަރާތައް ކުރިޔަށް ގެންދިއުމަށް ޖެނީވާގައި އަދިވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ސޫރިޔާއަށް އދއިން ކަޑައަޅުއްވާފައިހުންނަވާ މަންދޫބު ދެ މިސްތޫރާ ވިދާޅުވީ މިހަފްތާގެ ބުދަދުވަހުގެ ނިޔަލަށް ސޫރިޔާގެ ސަރުކާރާއިއެކު މަޝްވަރާތައް ކުރިޔަށް ގެންދާނެކަމަށާއި، މިމަޝްވަރާތަކުގެ ޒަރިއްޔާއިން ސޫރިޔާގައި ސިޔާސީ ހައްލެއް ގެނައުމަށް ސަރުކާރުން ގެންނަން ބޭނުންވާ ބަދަލުތައް އޮޅުން ފިލުވާނެކަމަށެވެ.