ކުޅިވަރު

ވެޓެރަންސް ލީގު: ރޮނާގެ ދެ ލަނޑާއެކު ހުއްރިއްޔާއަށް ރަނގަޅު ފެށުމެއް


އެފްއޭއެމް ވެޓެރަންސް ލީގު 2024 ގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޕޮލިސް ކުލަބު ބަލިކޮށް، ހުއްރިއްޔާ ސްޕޯޓްސް ކުލަބުން ފެށުން ރަނގަޅުކޮށްފިއެވެ.

ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ކުޅުނު ގްރޫޕް އޭގެ މެޗު ހުއްރިއްޔާއިން ކާމިޔާބުކުރީ ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ހުއްރިޔާއިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ 20 ވަނަ މިނެޓުގައި ހުއްރިޔާއިން ލީޑު ނެގީ މައުސޫމް އަބްދުލް ގަފޫރު ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި އޭގެ ފަސް މިނެޓު ފަހުން ލިބުނު ޕެނަލްޓީއަކުން ތަޖުރިބާކާރު ފޯވާޑް އާދަމް ލަރީފް (ރޮނާ) ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި ހުއްރިއްޔާއިން ވަނީ މޮޅު ކުޅުމެއް ދައްކައި، ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ 56 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ތިންވަނަ ލަނޑެއް ޖަހާފައެވެ. މި ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ރޮނާއެވެ.

40 އަހަރުން މަތީގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ބާއްވާ ވެޓެރަންސް ލީގު މި ފަހަރު ކުރިއަށްދަނީ 10 ޓީމުގެ މެދުގައެވެ. ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތުގެ ކުޅުން ކުރިއަށްދާއިރު ހުއްރިއްޔާ އާއި ޕޮލިސް ކުލަބުގެ އިތުރުން ގްރޫޕް އޭގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް އާއި، ވިިލިމާލެ ޔުނައިޓެޑް އަދި ދިވެހި ސިފައިންގެ ކުލަބެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ އެންމެ ފަހުގެ ރަނަރަޕް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާއި، މޯލްޑިވްސް ސޮކަރ މޭޓްސް އާއި، މުއިވެޔޮ އާއި، ލެގޫންސް ސްޕޯޓްސް ކުލަބު އަދި ކުލަބު ސްޓެލްކޯއެވެ.