ޚަބަރު

ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދިޔަ ބިދޭސީން ޑީޕޯޓުކޮށްލަނީ


  • މިމަހުގެ 9 ވަނަ ދުވަހުވަނީ ޚާއްސަ އޮޕަރޭޝަނެއް ހިންގާފައި

  • މިއޮޕަރޭޝަންގައި 7 ބިދޭސީންވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށްގެނެސްފައި

  • މިއީ ބީއެމްއެލްގެ ޑޮލަރ އޭޓީއެމް ކައިރީގައި ވިޔަފާރިކުރަމުންދިޔަ ބައެއް

ކަޅު ބާޒާރުގައި ފުޅާ ދާއިރާއެއްގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދިޔަ ބިދޭސީންތަކެއް ރާއްޖެއަށް ނާދެވޭގޮތަށް ޑިޕޯޓްކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ފަށައިފިއެވެ.

ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވީ ކަޅުބާޒާރުގައި ފުޅާދާއިރާއެއްގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދިޔަ ބިދޭސީންތަކެއްގެ މަޢުލޫމާތު ލިބުމާއި ގުޅިގެން ފުލުހުންގެ އެހީތެރިކަމާއެކު ޚާއްސަ އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފައިވާކަމަށެވެ. އަދި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވުނު ބިދޭސީން ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ޝަމްޢާން ވިދާޅުވިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުންދާކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން މިމަހުގެ 9 ވަނަ ދުވަހު ޚާއްސަ އޮޕަރޭޝަނެއް ހިންގާފައިވާކަމަށެވެ. އެގޮތުން މ.ސްޓަރ ކްލައުޑްސް ޢިމާރާތުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އޭޓީއެމް ކައިރީގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ކަޅު ބާޒާރުގައި ޑޮލަރު ގަނެ ވިއްކުމުގައި ޙަރަކާތްތެރިވާކަން ފާހަގަކުރެވުމާއި ގުޅިގެން އެކަން ބަލާފައިވާކަމަށެވެ.

އިމިގްރޭޝަންގެ ރިސްކް އިންޓެލިޖެންސް އެންޑް ލީގަލް އެފެއަޒް އަދި އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަން ގުޅިގެން ހިންގި މިއޮޕަރޭޝަނުގައި 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް އެއިދާރާއިން ބުނެއެވެ. މީގެ ތެރޭގައި ސައްޙަ ވިސާ ނެތި ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނާއި ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތްކުރާ ބިދޭސީން ހިމެނޭކަމަށް އިމިގްރޭޝަނުން ބުނެއެވެ.