ޕެންޝަން ސްކީމް ވަރުގަދަކޮށް ރައްޔިތުންނަށް އޭގެ އެންމެ ފައިދާވާނެގޮތް ހަދަން ބޭނުންފުޅުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރައީސްގެ ޖަވާބު ޕްރޮގްރާމުގައި ޕެންޝަން ފަންޑަށް ޖަމާވާ ފައިސާ، ވަޒީފާއިން ވަކިވުމާއެކު ލިބޭނެ އިންތިޒާމެއް ހަމަޖެއްސިދާނެތޯ ރައްޔިތަކު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މިސުވާލަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޕެންޝަނަކީ ވަކި ޤާނޫނެއްގެ ދަށުން ނަގަމުންދާ އެއްޗަކަށްވާތީ ސަރުކާރުން އެއަށް ބަދަލު ގެނެވޭނީ ޤާނޫން އިސްލާހްކޮށްގެން ކަމަށެވެ.
އަދި މިކަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށް ރައީސް ވިދާޅުވިއެވެ.
"ބޭނުން ޕެންޝަން ސްކީމް ވަރުގަދަކުރަންވެސް އޭގެއިން ފައިދާ ރައްޔިތުންނަށް އެންމެ ރަނގަޅުގޮތަކަށް ރައްޔިތުންނަށް ވާނެގޮތަކަށް ހަދަން. އެއަށް އެއްވެސް ކަހަލަ ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން. އެހެންވީމަ އިސްލާހް ގެނެވޭނެ ފުރުސަތު ރައްޔިތުންގެ މަޖިލިސް ތެރެއިން ލިބިގެންދިއުމަކީ ތިވިދާޅުވިކަހަލަ ކަންތައްތައް ކުރެވޭނެގޮތް މަގުފަހިވާނެ ގޮތް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޕެންޝަނަކީ އެމީހަކު އުމުރުން ދުވަސްވުމުން ނުވަތަ ރިޓަޔަރވުމަށް ފަހުގައި ބޭނުންކުރުމަށް އެއްކުރާ ފައިސާއެވެ. އަދި އާމްދަނީއެއް ނުލިބޭ އުމުރުން ދުވަސްވީ މީހުންނަށް ދަޢުލަތުންދޭ ފައިސާވެސް މީގެތެރޭގައި ހިމެނެއެވެ.
މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމު ހިންގުމަށް ނަގާ އިދާރީ ފީ މިދިޔަ ޖެނުއަރީ މަހުގެ 1ވަނަ ދުވަހުން ފެށިގެން ޕެންޝަން އޮފީހުގެ ބޯޑުންވަނީ ކުޑަކޮށްފައެވެ. އެގޮތުން ޕްރީ ރިޓަޔަމަންޓް ފަންޑުތަކާއި ޕޯސްޓް ރިޓަޔަމަންޓް ފަންޑުތަކުން ކުރިން އަހަރަކަށް ނަގަމުން އައި %0.6 ކުޑަކުރުމަށްފަހު މިހާރު ޕްރީ ރިޓަޔަމަންޓް ފަންޑުތަކުން ނަގަނީ %0.5 އެވެ. އަދި ޕޯސްޓް ރިޓަޔަމަންޓް ފަންޑުތަކުން ނަގާނީ %0.3 ކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަންގެ އޮފީހުންވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ޕެންޝަން އޮފީސް އުފައްދާފައިވަނީ، 2009 ވަނަ އަހަރު ޕެންޝަނާބެހޭ ޤާނޫނު ތަޞްދީޤު ކުރެއްވުމާ ގުޅިގެންނެވެ.