ޚަބަރު

ސްކޫލްތަކުގެ ދެވަނަ ޓަރމްގެ އިމްތިޙާނު ބާއްވާ ދުވަސްތަކަށް ބަދަލު ގެނެސްފި


  • ކުރިން ކަނޑައަޅާފައިވަނީ 16 އިން 27 އޭޕްރީލް 2024 އަށް

  • މިހާރު ބާއްވަނީ މާރިޗު މަހުގެ 17 އާއި އޭޕްރީލް މަހުގެ 25 އާއި ދެމެދު

ސްކޫލްތަކުގެ ދެވަނަ ޓަރމްގެ އިމްތިޙާނުތަކުގެ ޓެސްޓު ބާއްވާ ތާރީޚަށް ތަޢުލީމީ ވުޒާރާއިން ބަދަލުގެންނަވައިފިއެވެ.

ތަޢުލީމީ ވުޒާރާއިން ސްކޫލްތަކަށް ފޮނުވަފައިވާ ސަރކިއުލާއެއްގައި ވަނީ 2023 އަދި 2024 ގެ ދިރާސީ އަހަރުގެ ކަލަންޑަރުގައި ގުރޭޑް 7، 8 އަދި 9 ގެ ދަރިވަރުންގެ ދެވަނަ ޓަރމުގެ އިމްތިޚާނު ބާއްވާ ތާރީޚެއްކަމަށް ކުރިން ކަނޑައަޅާފައިވަނީ 16 އިން 27 އޭޕްރީލް 2024 އަށްކަމަށް ފާހަގަކޮށްފައެވެ.

އެހެންނަމަވެސް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅިގެން މިތާރީޚު ބަދަލުކުރަން ނިންމާފައިވާކަމަށް ތަޢުލީމީ ވުޒާރާއިން ވަނީ ސްކޫލްތަކަށް އަންގަވާއެވެ. އެގޮތުން ސްކޫލްތަކުގެ ގުރޭޑު 7،8 އަދި 9 ގެ ދަރިވަރުންގެ ދެވަނަ ޓަރމްގެ އިމްތިޙާނު މާރިޗު މަހުގެ 17 އާއި އޭޕްރީލް މަހުގެ 25 އާއި ދެމެދުގެ ރަސްމީ ދުވަސްތަކުގައި ބައްވާ ވަނީ އަންގާފައެވެ.

ސްކޫލްތަކުން އިމްތިޙާނު ބޭއްވުމަށް އޭޕްރީލް މަހުގެ 20 ވަނަ ދުވަސް ހަމަޖައްސާނަމަ އިލެކްޝަންސް ކޮމިޝަނުން ސްކޫލްގެ ފޯކަލް ޕޮއިންޓުގެ ގޮތުގައި ކަނޑައަޅާފައިވާ ފަރާތާއި މަޝްވަރާކުރުމަށްފަހު ކުރިއަށް ގެންދިއުމަށްވެސް އެވުޒާރާއިން ވަނީ އަންގަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކުރިން ބާއްވާގޮތަށް އޮތީ މިމަހު 17 ވަނަ ދުވަހުއެވެ. އެހެންނަމަވެސް ޤާނޫނަށް ގެނައި އިސްލާހަކާއި ގުޅިގެން އެ ތާރީޚުވަނީ އަންނަމަހުގެ 21 ވަނަ ދުވަހަށް ލަސްކޮށްފައެވެ.