ޚަބަރު

އޭސީސީއިން ފާއިތުވި 5 އަހަރުގެ ތެރެއިން އެންމެ ގިނަ މައްސަލަ ނިންމީ 2023ގައި


  • 2023 ވަނަ އަހަރު 358 މައްސަލަ ވަނީ ނިންމާފައި

  • 2023 ވަނަ އަހަރު 1,151 ޝަކުވާ ހުށައެޅިފައިވޭ

  • 742 މައްސަލަ އެއް ވަނީ ރަޖިސްޓްރީކޮށްފައި

ފާއިތުވި 5 އަހަރުގެ ތެރެއިން އެންމެ ގިނަ މައްސަލަތައް ބަލައި ނިންމާފައިވަނީ 2023 ވަނަ އަހަރުކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ އަހަރީ ރިޕޯޓުން ހާމަވެއްޖެއެވެ.

އޭސީސީގެ އަހަރީ ރިޕޯޓް އާއްމުކޮށްފައިވާއިރު، މި ރިޕޯޓުން ދައްކާ ގޮތުގައި އެ ކޮމިޝަނަށް 2023 ވަނަ އަހަރު 1,151 ޝަކުވާ ހުށައެޅިފައިވާއިރު، 742 މައްސަލަ އެއް ވަނީ ރަޖިސްޓްރީ ކޮށްފައެވެ. އަދި 365 މައްސަލައެއްގައި ވަނީ ޕްރިލިމިނަރީ މަރުހަލާގައި ގޮތް ނިންމާފައެވެ.

މީގެ އިތުރުން ވޭތުވެދިޔަ އަހަރުގެ ތެރޭގައި، އޭސީސީން 220 މައްސަލަ އެއް ތަޙްޤީޤު މަރުހަލާއިން ނިންމިއިރު، އަހަރު ނިމުނުއިރު ބާކީ ޕްރިލިމިނަރީ ތަޙްޤީޤު މަރުހަލާގައި 786 މައްސަލައެއް ނުނިމި އޮތެވެ. އޭގެ ތެރޭގައި ޕްރިކިއުމަންޓާއި ގުޅުންހުރި މައްސަލަތަކާއި ވަޒީފާއި ބެހޭ މައްސަލަތަކާއި، ގޯތި ގެދޮރާއި ބެހޭ މައްސަލަތުގެ އިތުރުންވެސް އިތުރު މައްސަލަތައް ހިމެނެއެވެ.

އޭސީސީއަށް ހުށައެޅުނު މައްސަލަތަކުގެ ތެރެއިން ތަޙްޤީޤު މަރުހަލާގައި ބާކީ ނުނިމި 999 މައްސަލައެއް އޮތްއިރު، 358 މައްސަލަ ވަނީ ނިންމާފައެވެ. މީގެ އިތުރުން ކޮމިޝަނުން ތަޙުޤީޤުކުރާ މައްސަލަތައް ދަޢުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ ކުރިން އެ އޮފީހާއެކު ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާ ކުރިއަށް ދެންދެއެވެ.

މިއީ ތަޙުޤީޤީގެ ތެރެއިން ހޯދޭ ހެކި ވަޒަންކުރުމުގެ ގޮތުން ދެ އިދާރާ ބައްދަލުކޮށް މަޝްވަރާކުރުމަށް ކުރިއަށްގެންދާ މަރުހަލާއެކެވެ. އެގޮތުން ފާއިތުވި 2 އަހަރު ޑިއުޓީ ޕްރޮސިކުޝަންގެ މަރުހަލާއި ކުރިއަށް ގެންދިޔަ މައްސަލަތަކުގެ ޖުމްލަ އަދަދު އުޅެނީ 61 ގައެެވެ. މީގެ ތެރެއިން 2023 ވަނަ އަހަރު ހުށައެޅި މައްސަލަތުގެ އަދަދަކީ 40 އެވެ.

އޭސީސީއިން ވިދާޅުވީ 2023 ވަނަ އަހަރު ތެރޭގައި ކޮރަޕްޝަނާއި މެދު އާންމުން ދެކޭ ގޮތް ބެލުމުގެ ފުރަތަމަ ދިރާސާ ކުރެވިފައިވާކަމަށެވެ. މިއީ ބޮޑު ކާމިޔާބީއެއްކަމަށާއި މި ދިރާސާގެ އަލީގައި ކޮރަޕްޝަން ހުއްޓުވުމާއި ވިޔަނުދިނުމުގެ މަސައްކަތް ތަރުތީބުކުރާނެ ގޮތްތައް ކަނޑައެޅުމަށް ގޮތްތަކެއް ނިންމިފައިވާކަމަށެވެ.

މީގެ އިތުރުންވެސް، ފާއިތުވެދިޔަ އަހަރު، އޭސީސީގެ ތަޙުޤީޤުތައް އަވަސްކޮށް، ފެންވަރުމަތި ކުރުމަށް އިޖުރާއީ ބަދަލު ތަކެއްވެސް ގެނެވުނު ކަމަށް އެ ކޮމިޝަނުން މައުލޫމާތުދެއެވެ. އެގޮތުން 2023 ވަނަ އަހަރަކީ ޖުމްލަ ގޮތެއްގައި ކާމިޔާބު އަހަރެއް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވިދާޅުވެއެވެ.