ޚަބަރު

ވާނުވާ ބަންދުގެ މައްސަލައަށް ޤާނޫނީ ޙައްލެއް ހޯދައިދޭނަން: ރައީސް


  • ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން

  • ތަހުގީގީ މަރުހަލާގެ ކަންކަން ހަރުދަނާ ކުރުމަށް މަސައްކަތް ކުރާކަމަށް ވިދާޅުވި

ޝަރީއަތް ނިމެންދެން "ވާނުވާ" ބަންދުގައި ތިބޭ ތިބުން ނިމުމަކަށް ގެނައުމަށް ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް މިހާރު ފަށްޓަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ " ރައީސްގެ ޖަވާބު" ޕްރޮގްރާމަށް މ.މުލަކު، އޯޝަންލެޑް، ނަޝީދާ ޙަސަން، ކުރެއްވި ސުވާލަށް ދެއްވި ޖަވާބު ދެއްވަމުންނެވެ. އޭނާ ސުވާލުކުރީ، ޝަރީޢަތް ނިމެންދެން ކުރާ ބަންދު ނުވަތަ "ވާނުވާ"ގައި ތިބޭ މީހުން ދޫކޮށްލުމަކީ ރައީސްގެ ވަޢުދެއްކަމަށާއި އެކަން ކުރައްވާނީ ކޮން އިރަކުތޯއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވަނީ ވާނުވާ މައްސަލަ ހައްލުކުރުމަކީ ވަރަށް މުހިއްމު ވައުދުފުޅެއްކަން ފާހަގަކުރައްވާ، އެ މައްސަލަ ހައްލުކުރުމަށް މިހާރު ކުރިއަށް ދަނީ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމަށެވެ. އަދި، ތަހުގީގީ މަރުހަލާގެ ކަންކަން ވެސް މިހާރަށްވުރެ ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ ވާނުވާ ބަންދުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

"އެކަމާ ގުޅޭގޮތުން މިހާރު އިސްލާހުތަކެއް ގާނޫނަށް ގެނައުމަށް ލީގަލް މަސައްކަތްތަކެއް އަޅުގަނޑުމެން ފަށައިފިން. އިރާދަކުރެއްވިއްޔާ ގާނޫނީ ހައްލެއް މައްސަލައަށް ގެނެވޭނެ" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ޝަރީއަތް ނިމެންދެން ދިގު މުއްދަތަކަށް ބަންދުކުރުން ނިމުމަކަށް ގެނައުމުގެ މަސައްކަތް ފަށާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިޢުލާން ކުރެއްވީ އެމަނިކުފާނުގެ މިދިޔަމަހު މަޖިލީހަށް އިއްވެވި ރިޔާސީ ބަޔާނުގައެވެ. މީގެއިތުރުން ޖަލުތަކުގެ ކަންކަން ހަރުދަނާކުރެއްވުމަކީވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އަދި އެކަންކަން މިދައުރުގެ ތެރޭގައި ކުރިއަށްގެންދަވާނެކަމުގެ ޔަގީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.