ކުޅިވަރު

ވެޓެރަންސް ލީގު: ޗެމްޕިއަން ހުޅުމާލެ ވެޓެރަންސްއަށް ރަނގަޅު ފެށުމެއް


އެފްއޭއެމް ވެޓެރަންސް ލީގު 2024 ގެ ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު ވިލިމާލެ ޔުނައިޓެޑް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް ކުލަބުން ފެށުން ރަނގަޅުކޮށްފިއެވެ.

ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ކުޅުނު ގްރޫޕް އޭގެ މެޗު ހުޅުމާލެ ވެޓެރަންސްއިން ކާމިޔާބުކުރީ 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

އެންމެ ފަހުގެ ދެ މުބާރާތްވެސް ކާމިޔާބުކޮށްފައިވާ ހުޅުމާލެ ވެޓެރަންސްއިން މިއަދު ކުޅުނު މެޗުގައި މޮޅު ކުޅުމެއް ދެއްކިއިރު, އެ ޓީމުގެ ހުސެއިން ޝިމާޒް (ކޮކީ) ވަނީ މެޗުގައި ހަތަރު ލަނޑު ޖަހާފައެވެ. އެގޮތުން މެޗު ފަށައިގެން ނުވަވަނަ މިނެޓުގައި ކޮކީ ވަނީ ހުޅުމާލެ ވެޓެރަންސްއަށް ލީޑު ނަގައިދީފައެވެ.

އޭގެ ފަހުން މެޗުގެ 12 ވަނަ މިނެޓުގައި ހުޅުމާލެ ވެޓެރަންސްއިން ލީޑު ފުޅާކުރިއިރު، މި ލަނޑަކީ ވިލިމާލެ ޔުނައިޓެޑުގެ އިމްރާން އަޙްމަދު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އޭގެ ތިން މިނެޓު ފަހުން ލިބުނު ޕެނަލްޓީއަކުން ކޮކީ ވަނީ ހުޅުމާލެ ވެޓެރަންސްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން އަޙްމަދު ގިތުރީޒް ވަނީ ހުޅުމާލެ ވެޓެރަންސްގެ ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް ހުޅުމާލެ ވެޓެރަންސްއިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 38 ވަނަ މިނެޓުގައި ކޮކީ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. އަދި މެޗުގެ 47 ވަނަ މިނެޓުގައި ކޮކީ ވަނީ އިތުރު ލަނޑެއް ޖަހައި، ހުޅުމާލެ ވެޓެރަންސްގެ ހަވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. ދެން މި މެޗުގައި ހުޅުމާލެ ވެޓެރަންސްއިން ކާމިޔާބުކުރި ފަހު ލަނޑު މެޗުގެ 56 ވަނަ މިނެޓުގައި ޖަހައިދިނީ އަލީ ޝަމީމް (ކޮޔަރު އައްޔަ) އެވެ.

40 އަހަރުން މަތީގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ބާއްވާ ވެޓެރަންސް ލީގު މި ފަހަރު ކުރިއަށްދަނީ 10 ޓީމުގެ މެދުގައެވެ. ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތުގެ ކުޅުން ކުރިއަށްދާއިރު، ހުޅުމާލެ ވެޓެރަންސް އާއި ވިިލިމާލެ ޔުނައިޓެޑުގެ އިތުރުން ގްރޫޕް އޭގައި ހިމެނެނީ ޕޮލިސް ކުލަބާއި، ހުއްރިއްޔާ އަދި ދިވެހި ސިފައިންގެ ކުލަބެވެ. ގްރޫޕް ބީގައި ހިމެނެނީ އެންމެ ފަހުގެ ރަނަރަޕް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާއި، މޯލްޑިވްސް ސޮކަރ މޭޓްސް އާއި، މުއިވެޔޮ އާއި، ލެގޫންސް ސްޕޯޓްސް ކުލަބު އަދި ކުލަބު ސްޓެލްކޯއެވެ.