ކުޅިވަރު

އޯޕަން ޓޭޕްބޯލް: ފިނޮޅާއި މީޓިއޯސްއަށް މޮޅެއް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ފުރަތަމަ މުބާރާތް ކަމަށްވާ އޯޕަން ޓޭޕްބޯލްގައި މިއަދު ކުޅުނު މެޗުތަކުން ފިނޮޅާއި މީޓިއޯސް މޮޅުވެއްޖެއެވެ.

މިއަދު ހަވީރު ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުޅުނު ގްރޫޕް ބީގެ ފުރަތަމަ މެޗުން ފިނޮޅު މޮޅުވީ ހަފްލާންއާ ބައްދަލުކޮށް 18 ލަނޑުންނެވެ.

މި މެޗުގެ ގުރުދިމާވުމުން ފިނޮޅު އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން ވަނީ 109 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 13 ބޯޅައިން 31 ލަނޑު ހެދި އަލީ އިބްރާހީމާއި، 12 ބޯޅައިން 29 ލަނޑު އެއްކުރި އަދްލީ އަޙްމަދު ދީދީއެވެ.

ޖަވާބުގައި ހަފްލާން ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 91 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުބައިނުވެ 23 ބޯޅައިން 43 ލަނޑު ހެދި އަޙްމަދު ޝަރީފެވެ.

މީގެ އިތުރުން މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ބީގެ ދެވަނަ މެޗުން މީޓިއޯސް މޮޅުވީ ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އާ ބައްދަލުކޮށް ހަ ވިކެޓުންނެވެ.

މި މެޗުގެ ގުރުދިމާވުމުން ޑީއެސްސީ އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު އެންމެ ކުޅުންތެރިއަކު ނުބައިވެގެން ހެދުނީ 129 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 18 ބޯޅައިން 34 ލަނޑު ހެދި އިސްމާޢީލް ނާޝިދާއި، ނުބައިނުވެ 14 ބޯޅައިން 22 ލަނޑު އެއްކުރި އިސްމާޢީލް ސުއާދެވެ.

ޖަވާބުގައި މީޓިއޯސް ކުޅެން އަރައި 7 ވަނަ އޯވަރުގައި ވަނީ ތިން ކުޅުންތެރިން ނުބައިވެގެން 130 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުވަ ބޯޅައިން 31 ލަނޑު ހެދި އިބްރާހީމް އަލީ އާއި، 10 ބޯޅައިން 30 ލަނޑު އެއްކުރި އަލީ ސުލައިމާނެވެ.

ދިވެހީންނަށް ހުޅުވާލައިގެން ކުރިއަށްދާ އޯޕަން މުބާރާތުގައި މި ފަހަރުވެސް 12 ޓީމެއް ބައިވެރިވެފައިވާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 22 ވަނަ ދުވަހެވެ.