ކުޅިވަރު

ވީއޭއެމްގެ ކޮންގްރެސްގެ ނިންމުންތައް ސްޕޯޓްސް ކޮމިޝަނަރު ބަލައެއް ނުގަތް


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން މިދިޔަ ހޯމަ ދުވަހު ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ނިންމި ނިންމުންތައް ބަލައިނުގަންނަކަން ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އަންގަވައިފިއެވެ.

މި މަހުގެ ކުރީކޮޅު ބޭއްވި ވީއޭއެމުގެ ހިންގާ ކޮމިޓީގެ ބައްދަލުވުމެއްގައި ވަނީ އިންތިޚާބީ ކޮންގްރެސް މި މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައެވެ. އެކަމަކު ބައެއް ކަންކަން ފުރިހަމަވެފައި ނެތުމުން މި މަހުގެ ތިންވަނަ ދުވަހު ވީއޭއެމުގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސައީދަށް އެޑްރެސްކޮށް ފޮނުއްވި ސިޓީއެއްގައި ސްޕޯޓްސް ކޮމިޝަނަރު ވަނީ އެ އެސޯސިއޭޝަނުގެ އިންތިޚާބުގެ ކަންކަން ކުރިއަށްގެންދިޔުމާ ގުޅޭގޮތުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި ސްޕޯޓްސް ކައުންސިލް ހިމެނޭ ގޮތަށް ހިންގާ ކޮމިޓީއާއެކު ބައްދަލުވުމެއް ހަމަޖައްސައި، ގޮތްތަކެއް ނިމެންދެން އިންތިޚާބުގެ ކަންކަން މަޑުޖައްސާލުމަށް އަންގާފައެވެ.

އެއާއެކު ވީއޭއެމުން މިދިޔަ ހޯމަ ދުވަހުގެރޭ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވިއިރު، އެ ކޮންގްރެސްގައި ވަނީ ހަތަރު ދުވަހަށް އިންތިޚާބު ފަސްކޮށް، މި މަހުގެ 19 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް ބައިވެރި މެންބަރު ކުލަބުތަކުގެ އަގުލަބިއްޔަތުން ފާސްކޮށްފައެވެ.

މީގެ ކުރިން ސްޕޯޓްސް ކޮމިޝަނަރު ފޮނުވި ސިޓީއާ ގުޅިގެން ވީއޭއެމުން ވަނީ ވީ އެންމެ އަވަހަކަށް އެ ބައްދަލުވުން ބޭއްވުމަށް އެދި ސްޕޯޓްސް ކޮމިޝަނަރަށް މި މަހުގެ ހަވަނަ ދުވަހު ސިޓީއެއް ފޮނުވާފައެވެ. އެހެން ނަމވެސް އެރޭގެ ކޮންގްރެސްއާ ހަމައަށްވެސް އެ ބައްދުލުވުން ބޭއްވިފައި ނުވާއިރު، އެ ކޮންގްރެސްގައި އެމްއޯސީ އާއި ސްޕޯޓްސް ކޮމިޝަންވެސް ބައިވެރިވެފައެއް ނުވެއެވެ.

ވީއޭއެމުގެ ޖެނެރަލް ސެކްރެޓަރީ ސައީދަށް އެޑްރެސްކޮށް ސްޕޯޓްސް ކޮމިޝަނަރު މިއަދު ފޮނުއްވި ސިޓީގައި ބުނެފައިވަނީ އެމްއޯސީ އާއި ސްޕޯޓްސް ކައުންސިލް ހިމެނޭ ގޮތަށް ހިންގާ ކޮމިޓީއާއެކު ބައްދަލުވުމެއް ހަމަޖައްސައި، ގޮތްތަކެއް ނިމެންދެން އިންތިޚާބުގެ ކަންކަން މަޑުޖައްސާލުމަށް އަންގާފައި ވަނިކޮށް، ހޯމަ ދުވަހުގެރޭ އެކްސްޓްރާ އޯޑިނަރީ ކޮންގްސްރެސްއެއް ބާއްވައި، އެ ކޮންގްރެސްގައި އިންތިޚާބާ ގުޅޭ ނިންމުންތައް ނިންމާފައިވާތީ އާއި، އަދި އެ ޖަލްސާގެ ކުރިންވެސް އިންތިޚާބާ ގުޅޭ އިންތިޚާބާ ގުޅިގެން ކުރެވުނު އިއުލާންގެ ދަށުން ހުށަހެޅުނު ހުށަހެޅުންތައް ބަލައިގަނެ، އިއުލާން އާންމު ކުރެވިފައިވާތީ، ހޯމަ ދުވަހުގެރޭ ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ނިންމުންތައް ބަލައިގަނެވެން ނެތް ކަމަށެވެ.

އަދި އެ އެސޯސިއޭޝަންގެ ކަންކަން ހިނގަމުންދާ ގޮތާ ގުޅޭ ޝަކުވާތައް ލިބެމުންދާ ކަމަށާއި، އެގޮތުން އެ އެސޯސިއޭޝަންގެ ހިންގާ ގަވާއިދު އިސްލާހުކުރުމަށްފަހު، އެސޯސިއޭޝަނުގެ މަގާމުތަކަށް މެންބަރުން ހިޖުރަކުރުމުގެ ކަންކަން ގެންގޮސްފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށްވެސް އެ ސިޓީގައި ވަނީ ބުނެފައެވެ.

އެހެންކަމުން މިހާރު ހުރި މައްސަލަތަކަށް ހައްލެއް ހޯދުމަށް ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާއި، އެމްއޯސީ ހިމެނޭ ގޮތަށް ވޮލީ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީއާއެކު މާދަމާ ހެނދުނު ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

ވީއޭއެމުން އިންތިޚާބެއް ބާއްވަން މަސައްކަތްކުރަމުން އަންނައިރު، އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވާ ހަމައެކަނި ބޭފުޅަކީ ކުރީގެ ރައީސް މުޙައްމަދު ލަތީފެވެ. ވީއޭއެމުގެ ރައީސްގެ މަގާމަށް 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އިންތިޚާބުވެވަޑައިގެންނެވި މުޙައްމަދު ރަނޭޝް (ރަނޭ) ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު މަގާމުން އިސްތިއުފާދެއްވާފައެވެ.