ކުޅިވަރު

ބެޑްމިންޓަން އެސޯސިއޭޝަނުގެ އިންތިޚާބު މަޑުޖައްސާލަން އަންގައިފި


ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން މި މަހު 22 ވަނަ ދުވަހު އިންތިޚާބު ބާއްވަން އިއުލާންކުރުމާއެކު، އެ އިންތިޚާބުގެ ކަންކަން މަޑުޖައްސާލަން ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އަންގަވައިފިއެވެ.

އިއްޔެ ގެޒެޓުގައި ޝާއިއުކުރި ބެޑްމިންޓަން އެސޯސިއޭޝަންގެ އިއުލާނެއްގައި ވަނީ މި މަހުގެ 10 ގައި ބޭއްވި މި އަހަރުގެ ބެޑްމިންޓަން އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ ފުރަތަމަ ޖަލްސާގައި، މި މަހު 22 ވަނަ ދުވަހުގެރޭ އައްޑޫ ސިޓީ އިކުއޭޓްރަލް ވިލެޖުގައި އެ އެސޯސިއޭޝަންގެ އިންތިޚާބީ ކޮންގްރެސް ބޭއްވުމަށް ނިންމާފައިވާ ކަމަށް ބުނެފައެވެ. އަދި އެ އެސޯސިއޭޝަނުގެ މަގާމުތަކަށް ކުރިމަތިލައްވާ ބޭފުޅުން މި މަހުގެ 18 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެ އެސޯސިއޭޝަނަށް ލިޔުމުން ހުށަހެޅުމަށްވެސް ވަނީ އެދިފައެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން އިއުލާންކުރި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ދީފައިވަނީ އަމިއްލަ މެންބަރުންގެ ތެރެއިން މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރަޖިސްޓްރޭޝަން ހައްދަވާފައިވާ އަދި މި އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ފުރަތަމަ ކުއާޓާއަށް މެމްބާޝިޕް ފީ ދައްކާފައިވާ އަމިއްލަ މެންބަރުންނަށެވެ.

އަދި އެ އެސޯސިއޭޝަނުގެ ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން ފާއިތުވި ދެ އަހަރު އެކްޓިވްކޮށް ހަރަކާތްތެރިވެފައިވާ މެންބަރު ކުލަބު ޖަމުއިއްޔާތަކުގެ ތެރެއިން މި އަހަރުގެ ޖެނުއަރީ 31 ވަނަ ދުވަހުގެ ނިޔަލަށް ފުރަތަމަ ކުއާޓާއަށް ފީ ދައްކާފައިވާ މެންބަރު ކުލަބު ޖަމުއިއްޔާތަކަށްވެސް އެ ޖަލްސާގައި ބައިވެރިވެ، ވޯޓްދިނުމުގެ ހައްގު ލިބިފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން މިދިޔަ އަހަރު އަހަރު އެކްޓިވްކޮށް ހަރަކާތްތެރިވެފައިވާ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ (ބީޑީސީ) ތަކުގެ ތެރެއިން ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓުތައް، މި އަހަރުގެ ޖެނުއަރީ 31 ގެ ނިޔަލަށް ފޮނުވާފައިވާ ބީޑީސީތަކަށްވެސް ވޯޓުލުމުގެ ހައްގު ދޭން އެ އެސޯސިއޭޝަނުން ވަނީ ނިންމާފައެވެ.

އެއާއެކު ބެޑްމިންޓަން އެސޯސިއޭޝަނުގެ ރައީސް މޫސާ ނާޝިދަށް އެޑްރެސްކޮށް، ސްޕޯޓްސް ކޮމިޝަނަރު މިއަދު ފޮނުއްވި ސިޓީގައި ބުނެފައިވަނީ އެ އެސޯސިއޭޝަނުން އިންތިޚާބު އިއުލާންކުރީ، އިންތިޚާބު ބޭއްވުމުގެ ކުރިން އެ އެސޯސިއޭޝަނުގެ ގަވާއިދަށް ބައެއް ބދަލު ގެންނަންޖެހޭކަން ފާހަގަކުރެވޭތީ، އެކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް މި ހަފުތާގެ ތެރޭގައި ބައްދަލުވުމެއް ބާއްވާނެ ވާހަކަ ސިޓީއަކުން ދަންނަވާފައި ވަނިކޮށް، އެ ސިޓީއަށް އެއްވެސް އިހުތިރާމެއް ކުރުމެއް ނެތި ކަމަށެވެ.

އަދި އެ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާތަކުގައި ވޯޓު ލެވޭ މެންބަރުންގެ ގޮތުގައި ކަނޑައެޅި ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ (ބީޑީސީ) ތައް އުފެދިގެން އައި ގޮތާއި، އެ ކޮމިޓީތަކުގެ މަގުސަދާއި، އެ ކޮމިޓީތަކުން ކުރަމުންގެންދާ މަސައްކަތްތަކަށް ބަލާއިރު، އެއީ އެސޯސިއޭޝަންގެ އެތެރޭގައި ކުޅިވަރު ތަރައްގީކުރުމަށް އެކުލަވާލެފިވާ ކޮމިޓީތަކެއްކަން އެނގެން އޮތުމާއި، އަދި އެ ކޮމިޓިތަކަކީ ސަރުކާރުގެ އެއްވެސް މުއައްސަސާއެއްގައި ރަޖިސްޓްރީ ކުރެވިގެން ހިންގާ ކޮމިޓީތަކަކަށް ނުވާތީ، އެފަދަ ކޮމިޓީއަކުން އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާތަކުގައި ވޯޓު ދިނުމުގެ ހައްގުދެވިގެން ދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ބެލެވެން ނެތް ކަމަށްވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން ސަރަޙައްދީ އަދި ބައިނަލްއަގުވާމީ އެސޯސިއޭޝަންގައިވެސް ގެންގުޅޭ ފޯމެޓާއި ވަރަށް ބޮޑު ތަފާތުތަކެއް ހުރިކަމަށް ފެންނަން އޮތުމުން، އެ އެސޯސިޢޭޝަންގެ ހިންގާ ކޮމިޓީގެ އިންތިޚާބު ބޭއްވުމުގެ ކުރިން އެސޯސިއޭޝަންގެ ހިންގާ ގަވާއިދަށް ބައެއް ބަދަލު ގެންނަން ޖެހޭ ކަމަށްވެސް ސްޕޯޓްސް ކޮމިޝަނަރުގެ ސިޓީގައި ވަނީ ބުނެފައެވެ.

އޭގެ އިތުރުންވެސް ބެޑްމިންޓަން އެސޯސިއޭޝަންގެ ފާއިތުވި ހަތަރޔ އަހަރުގެ އޮޑިޓް ރިޕޯޓް ހުށަހަޅާފައި ނުވާކަމަށާއި، އަދި އެ އެސޯސިއޭޝަނާ ގުޅޭ ގިނަ ޝަކުވާތަކެއްވެސް އެ ކޮމިޝަނަށް ހުށަހެޅެމުންދާކަން އެ ސިޓީގައި ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން އެ ކަންކަމާ ގުޅޭ ގޮތުން ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ހިމެނޭ ގޮތަށް ބެޑްމިންޓަން އެސޯސިއޭޝަނާއެކު ބޭއްވުމަށް ނިންމާފައިވާ ބަދައްދަލުވުން އިންތިޒާމުކުރެވި، ގޮތްތަކެއް ނިމެންދެން އެ އެސޯސިއޭޝަންުގެ ހިންގާ ކޮމިޓީގެ އިންތިޚާބުގެ ކަންކަން ކުރިއަށް ނުގެންދިޔުމަށްވެސް ސްޕޯޓްސް ކޮމިޝަނަރު ވަނީ އަންގާފައެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު މިހާރު ފުރުއްވަމުން އަންނަނީ އޭނާގެ ތިންވަނަ ދައުރެވެ. މޫސައާ މެދު ކުރެވޭ ސީރިއަސް ތުހުމަތުތަކެއްގެ ވާހަކަ އެކިއެކި ޕްލެޓްފޯމުތަކުގައި ދެކެވެމުން އަންނައިރު، ބައެއް މައްސަލަ ވަނީ ކަމާ ބެހޭ އެކި މުއައްސަސާތަކަށްވެސް ހުށަހަޅާފައެވެ.