ޚަބަރު

ޙައްޖަށް ގެންދިއުމުގެ ހުއްދަ 5 ކުންފުންޏަކަށް ދެއްވައިފި


މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމުގެ ހުއްދަ 5 ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީން ދެއްވައިފިއެވެ.

މިއަހަރު ޙައްޖަށް މީހުން ގެންދިއުމަށް 5 ޖަމާޢަތަކަށް ފުރުޞަތު ދެއްވާފައިވަނީ މިކަމަށް އެދި ކުރިމަތިލުމަށް ހުޅުއްވާލެއްވި ފުރުޞަތުގައި ޙައްޖަށް މީހުން ގެންދަން ޝައުޤުވެރިކަން ފާޅުކުރި ޖަމާޢަތްތަކުން ހުށަހެޅި ޕްރަޕޯސަލްތަކަށް ބެއްލެވުމަށްފަހުއެވެ. މިއަހަރު ޙައްޖަށް މީހުން ގެންދަން ހުއްދަދެއްވި 5 ޖަމާޢަތަކަކީ ޒަޢީ ޙައްޖު ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި، އެކްރޯ ޕްރައިވެޓް ލިމިޓެޑާއި، މިނާ ޙައްޖު އެންޑް ޢުމްރާ ޕްރައިވެޓް ލިމިޓެޑާއި އަލްޙަރަމައިނި ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕަށެވެ. މިއިން ކޮންމެ ކުންފުންޏަކަށް އަށްޑިހަ ކޯޓާ ދެއްވާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއްވިއެވެ. އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހީމް އަޙުމަދު ވިދާޅުވީ، ޙައްޖަށް މީހުން ގެންދާނެ ފަސް ގްރޫޕް ފައިނަލްކުރެއްވުމުގައި އެންމެ ބޮޑަށް ބައްލަވާފައިވާނީ އެ ގްރޫޕްތަކުން ހުށަހަޅާފައިވާ އަގުތަކަށް ކަމަށެވެ.

ޙައްޖަށް މީހުން ގެންދަން ހުއްދަދެއްވި ކުންފުނިތަކުން 14 ދުވަހުގެ ތެރޭގައި ޙައްޖުގެ ކަންކަން އިންތިޒާމްކުރާ އޮފީހެއް ޤާއިމްކުރަންޖެހެއެވެ. އިބްރާހީމް އަޙުމަދު ވިދާޅުވީ، ޙައްޖަށް ދާން ފައިސާ ދައްކަންޖެހޭނީ މޭމަހުގެ އަށްވަނަ ދުވަހުން ފެށިގެންކަމަށާއި، ފައިސާ ދައްކާއިރު އެފައިސާ ދައްކާ ޖަމާޢަތަކީ އިސްމާމިކް މިނިސްޓްރީން ހުއްދަ ދެއްވާފައިވާ ފަސް ޖަމާޢަތުގެ ތެރެއިން ޖަމާޢަތެއްތޯ ޔަޤީންކުރައްވަންވާނެ ކަމަށެވެ.

މި 5 ޖަމާޢަތަށް ދެއްވި ކޯޓާތަކުގެ އިތުރުން ސަޢޫދީ ސަރުކާރުން ރާއްޖެއަށް ދޭ ޚާއްޞަ 1000 ކޯޓާގެ ތެރެއިން ފަންސާސް ޕަސެންޓް ލިބެނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށެވެ.