މިއަހަރު ކުރީކޮޅު މާލޭގެ ގޯޅިގަނޑެއްގެ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު ޙައްވާ ޒުހާގެ މަރުގެ މައްސަލާގައި ބިދޭސީއެއްގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދަޢުވާ އުފުއްލަވައިފިއެވެ.
މި މައްސަލާގައި ދައުލަތުން ދައުވާކުރައްވަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ސޮމޮން މިއާގެ މައްޗަށެވެ. ދައުލަތުގެ ދަޢުވާގައި ވަނީ މިއަހަރުގެ ޖެނުއަރީމަހުގެ ހަވަނަދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައި ހ.ލާލުކުރި ގޭގޭ ކޮޓަރިއެއްގެ ތެރޭގައި ޒުހާއާއެކު ބަދުއަޚްލާޤީ ޢަމަލު ހިންގުމަށްފަހު ދެމީހުންގެ މެދުގައި ހިނގި ޒުވާބަކާ ގުޅިގެން ޒުހާގެ ކަރުގައި ހިފައި މަރާލާފައިވާކަމަށެވެ.
ދަޢުވާއަށް، ތަރުޖަމާނެއްގެ އެހީގައި ޖަވާބުދާރީވަމުން ސޮމޮން މިއާ ބުނީ ދެމީހުންގެ މެދުގައި ޒުވާބު ހިނގީ ބަދުއަޚުލާޤީ ޢަމަލު ހިންގުމަށްފަހު ކުރިން ބުނި ޢަދަދަށްވުރެ އިތުރަށް ފައިސާ ދޭން ޒުހާ ބުނުމުންކަމަށެވެ. އަދި އިތުރަށް ފައިސާ ނުދެނީސް ނުދެވޭނެކަމަށް ބުނެ ޒުހާ ހުރަސްއެޅުމުން އެނާގެ ކަރުގައި ހިފިކަމަށާއި އެހެންނަމަވެސް އޭނާ މަރުވިކަން ނޭގޭކަމަށްވެސް އެމީހާ ބުނެފައިވެއެވެ.
މި މައްސަލާގައި ވަކީލަކު ޢައްޔަންކުރުމަށް ދެއްވި ފުރުޞަތުގައި، އެމީހާ ބުނެފައިވަނީ ވަކީލަކު ޢައްޔަންކުރަން ބޭނުންނުވާކަމަށާއި ބޭނުންވަނީ އެމްބަސީއާ ވާހަކަ ދެއްކުމަށްކަމަށެވެ.
މި މައްސަލާގައި މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ ހެކިން ހުށައެޅުމުގެ ފުރުސަތު ދައުލަތަށް ދެއްވުމަށްފަހުގައެވެ.