ޚަބަރު

އިލެކްޝަންސް ކޮމިޝަނުގައި 21 އަހަރު، ޙަބީބުގެ އަގުހުރި ޚިދުމަތަށް ނިމުމެއް ނެތް


  • ނައިބްރައީސްގެ މަޤާމަށް އައްޔަން ކުރެއްވީ 2021 ވަނަ އަހަރު

  • ފަސް އަހަރުގެ ދެ ދައުރު އަދާކުރެއްވި

  • އެ ކޮމިޝަނާ ގުޅިވަޑައިގަތީ 2003 ވަނަ އަހަރު

އިލެކްޝަންސް ކޮމިޝަންގައި 21 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރެއްވުމަށްފަހު އެކޮމިޝަންގެ ނައިބް ރައީސްގެ މަޤާމުގައި ހުންނެވި އިސްމާއީލް ހަބީބް ވަކިވެވަޑައިގެންފިއެވެ.

އިލެކްޝަންސް ކޮމިޝަންސްގެ މެންބަރު ކަމުން ހަބީބް މިއަދު ވަކިވެވަޑައިގަތީ އެ ކޮމިޝަންގެ މެންބަރުކަން ފަސް އަހަރުގެ ދެ ދައުރު ފުރިހަމަކުރެއްވުމަށްފަހުއެވެ. އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނުގައި ބުނާގޮތުން ކޮމިޝަންގެ މެންބަރުކަން އެންމެ ގިނަވެގެން ކުރެވޭނީ ފަސް އަހަރުގެ ދެ ދައުރުއެވެ.

އިލެކްޝަންސް ކޮމިޝަންގައި މަސައްކަތް ކުރެއްވުމުގެ ކުރިން ޙަބީބު މަސައްކަތް ކުރެއްވީ ތަޢުލީމީ ދާއިރާގައި މުދައްރިސެއްގެ ގޮތުގައެވެ. އެގޮތުން އެދާއިރާގައި 19 އަހަރު މަސައްކަތް ކުރެއްވިއެވެ. ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވަމުންވެސް ހަބީބު ވަނީ 2003 ވަނަ އަހަރުން ފެށިގެން އިންތިޚާބުގެ ބައެއް މަސައްކަތްތަކުގައި އުޅުއްވާފައެވެ. އެގޮތުން އާންމު ހޭލުންތެރިކުރުވުމުގެ މަސައްކަތާއި އިންތިޚާބުތަކަށް މީހުން ތަމްރީން ކުރުމުގެ މަސައްކަތްތައް ވަނީ ކޮށްފައެވެ.

ހަބީބު ފާހަގަކުރައްވާ ގޮތުގައި ހަޔާތުގެ ބޮޑު ބައެއް ހޭދަކުރެއްވީ އާންމުން ހޭލުންތެރިކުރުވުމަށާއި މަޢުލޫމާތު ފޯރުކޮށްދިނުމަށްކަމަށެވެ. ޙަބީބަކީ ކުރީގެ ނޫސްވެރިއެއްވެސްމެއެވެ. ޙަބީބު މަތީ ތަޢުލީމު ޙަސިލްކުރައްވާފައިވަނީ ޤާނޫނީ ދާއިރާއިންނެވެ. ޙަބީބަކީ ޤާނޫނީ ވަކީލެއްވެސްމެއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ވަޑައިގަތުމުގެ ކުރިންވެސް ހަބީބް ހުންނެވީ އެކޮމިޝަންގެ މުވައްޒަފެއްގެ ގޮތުގައެވެ. އެގޮތުން 2007 ވަނަ އަހަރު އޯގަސްޓް މަހުގެ 15 ވަނަ ދުވަހުން ފެށިގެން 19 ސެޕްޓެމްބަރު 2011 ވަނަ ދުވަހާ ހަމައަށް ހަބީބު ވަނީ އެގްޒެކެޓިވް ޑިރެކްޓަރު ކަމުގެ މަޤާމު އަދާކުރައްވާފައެވެ.

އަދި 2011 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 20 ވަނަ ދުވަހުން ފެށިގެން 2012 ވަނަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހާ ހަމައަށް އަދާކުރެއްވީ ޑިރެކްޓަރ ޖެނަރަލްގެ މަޤާމެވެ. ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ މަޤާމު ހަބީބު ވަނީ 2012 ވަނަ އަހަރުގެ މެއި މަހުގެ 7 ވަނަ ދުވަހުން ފެށިގެން 2013 ވަނަ އަހަރުގެ ފެބުރުއަރީ 20 ވަނަ ދުވަހާ ހަމައަށް އަދާކުރައްވާފައެވެ.

މީގެ އިތުރުން ހަބީބު ވަނީ ކޮމިޝަނުގެ މެންބަރު ކަމުގެ މަޤާމު 2014 ވަނަ އަހަރުގެ މާރޗްމަހުގެ 13 ވަނަ ދުވަހުން ފެށިގެން 2021 ވަނަ އަހަރުގެ ޖެނުއަރީ 24 ވަނަ ދުވަހާ ހަމައަށް އަދާކުރައްވާފައެވެ. އަދި އެންމެ ފަހުން ހުންނެވި އިލެކްޝަންސް ކޮމިޝަންގެ ނައިބްރައީސްގެ މަޤާމަށް އައްޔަން ކުރެއްވީ 2021 ވަނަ އަހަރުގެ ޖެނުއަރީ 25 ވަނަ ދުވަހުގައެވެ. އަދި އެ ދުވަހުން ފެށިގެން މިމަހުގެ 12 ވަނަ ދުވަހާ ހަމައަށް އެ މަޤާމުގައި ދެމިހުންނެވިއެވެ.

ޙަބީބު ފާހަގަކުރެވެނީ މީޑިއާތަކާއި ވަރަށް ގާތް ގުޅުމެއް ބާއްވަމުން އައި ނޫސްވެރިންނާއިވެސް ވަރަށް ގާތް ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން އިންތިޚާބުތަކާއި ގުޅޭ ކޮންމެ މަޢުލޫމާތެއް ކޮންމެ ވަގުތަކުވެސް ދެއްވަމުން ހަބީބު ޖެހިލުންވެވަޑައި ނުގަންނަވައެވެ. އެހާވެސް އިންތިޚާބުތަކަށާއި، އެކަމާ ގުޅުންހުރި ޤާނޫނުތަކަށް ފަރިތައެވެ.

އިލެކްޝަންސް ކޮމިޝަނުގައި މަސައްކަތްކުރެއްވި 21 އަހަރުގެ ތަޖުރިބާ ހިއްސާކުރައްވަމުން ޙަބީބު ވިދާޅުވީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވަމުން އިލެކްޝަންސް ކޮމިޝަންގެ މަސައްކަތްތަކަށްވެސް ވަގުތު ހުސްކުރެއްވިކަމަށެވެ. އެގޮތުން މިނިވަން މުއައްސަސާއެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން އުފެދިގެން އައި ހިސާބުންފެށިގެން ކޮމިޝަންގެ އިސްމަޤާމެއްގެ ގޮތުގައި މަސައްކަތް ކުރެއްވިކަން ހަބީބު ފާހަގަކުރެއްވިއެވެ. ހަބީބު ވިދާޅުވީ ޤާނޫނީ ފަންނުގެ ދާއިރާއަށް ޝައުޤުވެރިކަން އުފެދުނީ އިންތިޚާބާ ގުޅޭ ޤާނޫނާއި ޤަވައިދުތައް ހެދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވި ހިސާބުންކަމަށެވެ.

"މިތަޖުރިބާއަކީ ވަރަށް ހިތްގައިމު ތަޖުރިބާއެއްގެ ގޮތުގައި ސިފަކުރެވެނީ. އިލެކްޝަނާ ގުޅުން ހުރި ޤާނޫނުތަކާ ޤަވައިދުތައް ހެދިއިރު އެންމެ އިސްކޮށް އުޅުނިން. އެއިން ވަރަށް ގިނަ ކަންތައްތައް ދަސްވެގެންދިޔަ. ޤާނޫނީ ފަންނުގެ ދާއިރާއަށް ވަންނަން ޝައުގުވެރިވީ އެ މަސައްކަތުގެ ތެރެއިން. އިލެކްޝަންގައި ހަދާފައި ހުރި އުޞޫލްތަކާއި ޤަވައިދުތަކާއި ތަމްރީން ދިނުމަށް ތައްޔާރު ކުރި ތަކެއްޗަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް ޝާމިލްވެގެން އުފައްދާފައި ހުރި އެއްޗެހި." އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ ދެ ދައުރު ފުރިހަމަކުރެއްވި ޙަބީބު ވިދާޅުވިއެވެ.

ޙަބީބު ވިދާޅުވީ ކޮމިޝަންތަކުގެ މެންބަރުންނަށް އައްޔަންކުރާ މީހުންނަކީ އެކަމަށް ކުފޫ ހަމަވާ މީހުންނަށް ވާންޖެހޭކަމަށެވެ. ޙަބީބު ވިދާޅުވީ އެކޮމިޝަނުގައި މިހާތަނަށް ކުރެއްވި މަސައްކަތުން އައު ކަންތައްތަކެއްވެސް އެނގިވަޑައިގެންނެވިއެވެ.

އިލެކްޝަންސް ކޮމިޝަނުގައި ކުރެއްވި މަސައްކަތަކުގެ ހަނދާން އައުކުރައްވަމުން ޙަބީބު ވަނީ މުވައްޒަފުން މުސާރައާ ގުޅިގެން ކުރިމަތިވި މައްސަލައިގެ އެންމެ އިސްމީހަކަށް ހުރީ ހަބީބުކަން ތުހުމަތުކުރައްވާ އަދަބެއްގެ ގޮތުގައި 10000 ރުފިޔާއަށް މުސާރަ ކުޑަކުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

އަދި މަޤާމުން ފެށިގެން އެލަވަންސްތައް ނުލިބޭގޮތަށް ޤަވައިދަށް އިސްލާޙްގެންނެވިކަން ހަބީބު ފާހަގަކުރެއްވިއެވެ. އެއަށްފަހު އޮނިގަނޑަށް ބަދަލުގެނެސް 3 މަސްދުވަހުގެ ނޯޓިސްއެއް ދިނުމަށްފަހު ކޮމިޝަނުން ކަނޑާލަން ނިންމިނިންމުމަކީ ޒާތީކަމެއްގެ ގޮތުގައި ހަބީބު ސިފަކުރެއްވިއެވެ.


ހަބީބް ވަނީ އިލެކްޝަންސް ކޮމިޝަންގައި މަސައްކަތް ކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުސަތަކީ އަބަދުވެސް ހަނދާނުގައި ހުންނާނެ ތަޖުރިބާތަކެއް ކަމަށް ވިދާޅުވެފައެވެ. އަދި މަސައްކަތުގައި މާހައުލުގައި ހޭދަކުރެއްވި މުއްދަތުގައި އެހީތެރިކަމާއި އެއްބާރުލުން ދެއްވި ހުރިހާ ފަރާތްތަކަކަށް ހަބީބް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޙަބީބުގެ ވިސްނުންފުޅަކީވެސް އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުން ވަކިވަޑައިގެންނެވިނަމަވެސް، އަދިވެސް އިންތިޚާބުތަކާއި ޤާނޫނީ ދާއިރާއިން އެކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދެއްވުމެވެ.

ޙަބީބުގެ ޚިދުމަތާއި ގުޅޭ ޚާއްޞަ ބަސްދީގަތުން އަންނަ ހުކުރުދުވަހުގެ މެންދުރު ފަހު 1430ގައި ޕީއެސްއެމް ނިއުސްއިން ގެނެސްދޭ "ޚިދުމަތްތެރިން" ޕްރޮގްރާމުގައި ގެނެސްދޭނެއެވެ.