ޚަބަރު

އިލެކްޝަންސް ކޮމިޝަންސްގެ ނައިބު ރައީސްކަމަށް ނަޝާތު އައްޔަންކުރައްވައިފި


  • ނަޝާތުގެ ދައުރު ހަމަވާނީ 2028 އަށް

  • މިއީ ނަޝާތު އީސީގެ މެންބަރުކަން އަދާކުރައްވާ ދެވަނ ދައުރު

  • މީގެކުރިން އީސީގެ ނައިބު ރައީސްކަމުގައި ހުންނެވި ޙަބީބުގެ ދައުރު ވަނީ ހަމަވެފައި

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސްގެ މަޤާމަށް ޢަލީ ނަޝާތު ހަމަޖައްސަވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބް ރައީސްގެ މަޤާމަށް ނަޝާތު ހަމަޖައްސަވާފައިވަނީ އެކޮމިޝަންގެ މެންބަރުކަމުގައި އަދި ނައިބު ރައީސްކަމުގައި ކުރިން ހުންނެވި އިސްމާޢީލް ޙަބީބުގެ ދައުރު ހަމަވުމާގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އެކޮމިޝަނުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މިއަދު ބޭއްވި ކޮމިޝަނުގެ ޢާންމު ޖަލްސާއިން، އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސްގެ މަޤާމަށް އއ. ފެރިދޫ، ހާލި، ޢަލީ ނަޝާޠު އައްޔަން ކުރައްވާފައިވާކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ޢަލީ ނަޝާތު ފުރަތަމަ އައްޔަންކުރައްވާފައިވަނީ 2018 ވަނައަހަރުގެ ޖުލައި މަހުގެ 25 ވަނަދުވަހުއެވެ. އޭނާގެ ދައުރު މިދިޔަ އަހަރުގެ ޖުލައި 25 އަށް ހަމަވުމާ ގުޅިގެން ދެވަނަ ދައުރަކަށް ނަޝާތު މެންބަރުކަމަށް އައްޔަންކުރައްވާފައިވަނީ މިދިޔަ އަހަރުގެ ނޮވްމެބަރު މަހުގެ 16 ވަނަ ދުވަހުގައެވެ.

އިލެކްޝަންސް ކޮމިޝަނުގައި 5 މެންބަރުން ތިއްބަވާއިރު، މެންބަރުންގެ ދައުރެއްގެ މުއްދަތަކީ 5 އަހަރެވެ. އެހެންކަމުން ނަޝާތުގެ ދައުރު ދެން ހަމަވާނީ 2028 ވަނަ އަހަރުގެ ޖުލައި 25 އަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސްކަމަށް ޢައްޔަންކުރެއްވި ޢަލީ ނަޝާތަށް މަރުޙަބާ ދަންނަވާ ޙަބީބު ކުރެއްވި ޕޯސްޓެއްގައިވަނީ ނަޝާތަކީ އިންތިޚާބުތައް ޒަމާނީ ފެންވަރަށް ގެންގޮސް ޑިޖިޓަލައިޒް ނިޒާމަކަށް އީސީގެ ޚިދުމަތްތައް ބަދަލުކޮށް ސިޔާސީ ޕާޓީ ތަކަށާއި، ކެންޑިޑޭޓުންނާއި، އިލެކްޝަންސް ކޮމިޝަނުން ޚިދުމަތް ހޯއްދަވާ ހުރިހާ ފަރާތްތަކަށް ފަސޭހަކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ފަންނުވެރިކަމާއި ގާބިލްކަންހުރި ބޭފުޅެއްކަމަށެވެ.

ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އިލެކްޝަންސް ކޮމިޝަނުގައި މިހާރު ތިއްބެވީ ނަޝާތުގެ އިތުރުން، އެކޮމިޝަނުގެ ރައީސް ފުއާދު ތަޢުފީގާއި، މެންބަރު ޑޮކްޓަރ މުޙައްމަދު ޒާހިރާއި، މެންބަރު މުޙައްމަދު ޢާޞިފެވެ. އެކޮމިޝަނުގެ މެންބަރުކަމުގެ ދައުރު ޙަބީބުގެ ހަމަވުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ވަނީ އެކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަންކުރެއްވުމަށް، ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ހުންނެވި ޙަސަން ޒަކަރިއްޔާގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ