ކުޅިވަރު

މައިލޯ ތުރީ އޮން ތުރީ ރަމަޟާން ޗެލެންޖް ފެށިގެން ކުރިއަށް


މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މައިލޯ ތުރީ އޮން ތުރީ ރަމަޟާން ޗެލެންޖް 2024 ގެ ކުޅުން ފަށައިފިއެވެ.

މި އަހަރުގެ މުބާރާތުގެ ކުޅުން އިއްޔެ ފެށިއިރު، މި މުބާރާތް މި ފަހަރު ކުރިއަށްދަނީ އެކުވެނި އައުޓްޑޯ ބާސްކެޓްބޯޅަ ކޯޓުގައެވެ. މި ފަހަރުގެ މުބާރާތުގައި ހަތަރު އުމުރުފުރާއެއްގެ ކުޅުން ހިމެނޭއިރު، އިއްޔެ ފަށާފައިވަނީ 18 އަހަރުން ދަށާއި، 13 އަހަރުން ދަށުގެ ކުޅުމެވެ.

18 އަހަރުން ދަށުގެ ފިިރިހެން ބައިގައި 14 ޓީމެއް ވާދަކުރާއިރު، މި އުމުރުފުރާގެ އަންހެން ބައިގައި ހަތް ޓީމެއް ވަނީ ބައިވެރިވެފައެވެ. އަދި 13 އަހަރުން ދަށުގެ ފިރިހެން ބައިގައި ނުވަ ޓީމެއް ވާދަކުރާއިރު، މި އުމުރުފުރާގެ އަންހެން ބައިގައި 11 ޓީމެއް ވަނީ ބައިވެރިވެފައެވެ. ތުރީ އޮން ތުރީ ރަމަޟާން ޗެލެންޖުގެ 18 އަހަރުން ދަށާއި، 13 އަހަރުން ދަށުގެ ކުޅުން ކުރިއަށްދާނީ އިއްޔެއިން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށެވެ.

ދެން މި ފަހަރުގެ ތުރީ އޮން ތުރީ ރަމަޟާން ޗެލެންޖުގައި އޮތީ 15 އަހަރުން ދަށުގެ އިތުރުން މުބާރާތުގެ އެންމެ ފޯރިގަދަ ސީނިއާ ބައިގެ ކުޅުމެވެ. މި ދެ ކެޓެގަރީގެ ކުޅުން ކުރިއަށްދާނީ އަންނަ ހުކުރު ދުވަހުން ފެށިގެން މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގެ ސީނިއާ ފިރިހެން ބައިގައި 10 ޓީމެއް ބައިވެރިވެފައިވާއިރު، އަންހެން ބައިގައިވެސް ވަނީ 10 ޓީމެއް ބައިވެރިވެފައެވެ. އަދި 15 އަހަރުން ދަށުގެ ފިރިހެން ބައިގައި 13 ޓީމެއް ބައިވެރިވެފައިވާއިރު، މި އުމުރުފުރާގެ އަންހެން ބައިގައި ހަތް ޓީމެއް ވަނީ ބައިވެރިވެފައެވެ.

މިދިޔަ އަހަރު ކުރިއަށްދިޔަ ތުރީ އޮން ތުރީ ރަމަޟާން ޗެލެންޖުގެ ސީނިއާ ބައިގެ ޗެމްޕިއަންކަން ފިއުރީ އާއި ސްނެޕާސްއިން ހޯދިއިރު، 15 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އޭސަސް ބީސީ އާއި ވަލްހާލާއިންނެވެ.