ޚަބަރު

ހިތަދޫ ޓޫރިޒަމް ޒޯން ތަރައްގީ ކުރަން އިންވެސްޓަރުންނަށް ހުޅުވާލައިފި


  • ޓޫރިޒަމްގެ ވަޞީލަތްތައް ތަރައްޤީކުރަނީ 21،007.39 އަކަ މީޓަރު ސަރަޙައްދެއްގައި

  • ފަތުރުވެރިކަމަށް ދޫކުރަނީ 50 އަހަރުގެ މުއްދަތަށް

  • ބީލަން ގަތުމުގެ ފުރުޞަތު މިމަހުގެ 21 ވަނަ ދުވަހާ ހަމައަށްވަނީ ހުޅުވާލާފައި

އައްޑޫ ސިޓީ ހިތަދޫގެ އީދިގަލި ޓޫރިޒަމް ޒޯނުގައި ޓޫރިޒަމްގެ ވަސީލަތްތައް ތަރައްޤީ ކުރަން އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީންވަނީ 21،007.39 އަކަ މީޓަރު ސަރަޙައްދެއްގައި ޓޫރިޒަމްގެ ވަޞީލަތްތައް ތަރައްޤީކުރަން ބޭނުންވާ ދިވެހި އަދި ބޭރުގެ އިންވެސްޓަރުންނަށް މިފުރުސަތު ހުޅުވާލާފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވާގޮތުން އީދިގަލި ޓޫރިޒަމް ޒޯނު ފަތުރުވެރިކަމަށް ދޫކުރެވޭނީ 50 އަހަރުގެ މުއްދަތަށެވެ. އަދި އެތަނުގައި ތަރައްގީ ކުރެވޭނީ ސިޓީ ހޮޓަލާއި ގުޅުން ހުރި ޓޫރިޒަމް ވަސީލަތްތައް ކަމަށް އެކައުންސިލުން ބުނެއެވެ.

ސިޓީ ކައުންސިލުން ވަނީ އެ މަޝްރޫޢު ކުރިއަށް ގެންދަން ބޭނުންވާ ފަރާތްތަކަށް ބީލަން ގަތުމުގެ ފުރުޞަތު މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 12:30 އާ ހަމައަށް ހުޅުވާލާފައެވެ. ބީލަން ބަލައިގަންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާއިންނެވެ.

އައްޑޫ ސިޓީގައި ޓޫރިޒަމް ތަރައްގީ ކުރުމަށް ޚާއްސަކޮށް "އައްޑޫ އައްސޭރި ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭން" ޓޫރިޒަމް މިނިސްޓްރީން ތައާރަފްކޮށްފައިވަނީ މިދިޔަ ފެބުރުއަރީމަހުއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެފައިވަނީ "އައްޑޫ އައްސޭރި ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭން" އެކުލަވާލީ ސީޑީސީ ކޮންސަލްޓިންގެ އެހީގައި ކަމަށެވެ. މިޕްލޭންގައި ކުރިއަށް އޮތް 5 އަހަރު އައްޑޫގެ ޓޫރިޒަމް ތަރައްގީކުރުމަށް ހާސިލު ކުރާނެ ކަންކަން ވަނީ ހިމަނާފައެވެ.

މިޕްލޭންގެ ދަށުން އައްޑޫގައި 6000 އެނދު ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އައްޑޫ ސިޓީގައި 10،000 ވަޒީފާގެ ފުރުސަތު އުފެދޭނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ. ފަތުރުވެރިކަމުގެ އިތުރުން އެ ސަރަހައްދުގެ އިޤްތިޞާދީ ހަރަކާތްތައް ފުޅާ ކުރެވޭނެ ކަންކަން ވެސް މި ޕްލޭންގައި ވަނީ ހިމަނާފައެވެ.

އެގޮތުން އައްޑޫގައި ކަލްޗަރަލް ވިލެޖެއް ހެދުމާއި، ވެލްނެސް ޒޯނާއި، ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ފާހަގަކޮށް އެފަދަ ސަރަހައްދުތަކުން ޓޫރިޒަމްގެ ނަފާ ހޯދޭނެ ގޮތްތައް ވަނީ ހިމަނާފައެވެ. އެގޮތުން އައްޑޫގައި ހޮސްޕިޓަލިޓީ ސްކޫލެއް ހެދުމާއި، ޝަންގްރިލާ ވިލިނގިލި ރިސޯޓުން އަލުން ޚިދުމަތް ދޭން ފެށުމަށް ވަނީ ޕްލޭންކޮށްފައެވެ.