ޚަބަރު

ބާޒާރުގައި ކާބޯތަކެތީގެ އަގު ހުރިގޮތް ދަނީ މޮނިޓަރކުރަމުން: އެސްޓީއޯ


  • ސަރުކާރުން ޔަޤީންކަން ދެއްވީ ކާބޯތަކެތީގެ އަގު ބޮޑު ނުވެ ހިފަހައްޓާނެކަމަށް

  • އިކޮނޮމިކް މިނިސްޓްރީންވަނީ އާއްމު ކާބޯތަކެތީގެ ލިސްޓެއް އެކުލަވާލާފައި

  • އާއްމު ކާބޯތަކެތީގެ ޝިޕްމަންޓްތައް ރޯދައަށް ޚާއްސަކޮށް އެސްޓީއޯއިން ދަނީ އެތެރެކުރަމުން

ރޯދަމަހު އާއްމުކޮށް ގޭބިސީތަކުގައި ކެއިންބުއިމަށް ބޭނުންކުރާ ބާވަތްތަކުގެ އަގުތައް ބާޒާރުގައި ހުރިނެތްގޮތް ގަވާއިދުން މޮނިޓަރކުރަމުންދާކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާޙިމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

އާއްމުކޮށް ކެއިންބުއިމަށް ބޭނުންކުރާ ބާވަތްތައް ރަމަޟާންމަހު ހެޔޮ އަގެއްގައި ލިބޭނެކަން ކަށަވަރުކުރައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ދެއްވާފައެވެ. އޭގެދަށުން އިކޮނޮމިކް މިނިސްޓްރީއާއެކު މަސައްކަތްކުރައްވަމުންދާ މައި ކުންފުންޏަކީ އެސްޓީއޯއެވެ. މިގޮތުން އަސާސީ ކާބޯތަކެތީގެ ލިސްޓެއް އިކޮނޮމިކް މިނިސްޓްރީން ވަނީ އެކުލަވާލާފައެވެ. އަދި އެތަކެތި ރާއްޖޭގެ މާކެޓުގައި ހުރިކަން ކަށަވަރުކުރުމާއި އަގުތައް މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ މަސައްކަތް އެސްޓީއޯއާ ގުޅިގެން ދަނީ ކުރަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާޙިމް ވިދާޅުވީ، ރަމަޟާން މަހަށް ކުންފުނިން ވަރަށް ބޮޑަށް ތައްޔާރުވެފައިވާކަމަށެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހު ދުނިޔޭގެ ބާޒާރުގައި ފިޔާ ލިބުން ދަތިވާން ފެށި ހިސާބުން ރާއްޖެއަށް އާއްމު ކާބޯތަކެތީގެ ބާވަތްތައް ލިބޭނެކަން ކަށަވަރުކުރުމަށް މަސައްކަތް ފަށްޓަވާފައިވާކަމަށެވެ.

ފިޔާ، ބިސް، އަލުވިއަކީ އެސްޓީއޯއިން އާއްމުކޮށް އެތެރެކުރާ ބާވަތްތަކެއް ނޫނެވެ. ނަމަވެސް ރަމަޟާންމަހު އިތުރުވާ ޑިމާންޑަށް ބަލާ، ވިޔަފާރިވެރިންނަށް އެ ޑިމާންޑަށް ތަކެތި އެތެރެކުރުމަށް ހުރި ދަތިތައް ދެނެގަނެ، އެސްޓީއޯއިން މިހާރު ވަނީ މިތަކެތީގެ ޝިޕްމަންޓްތައް ރާއްޖެ އެތެރެކުރަން ފަށާފައެވެ.

ޝިމާދު ވިދާޅުވީ ވިޔަފާރިތަކާއި ގުޅިގެން މި ތަކެތި ބާޒާރަށްނެރެ ވިއްކަން ފަށާފައިވާއިރު، ތަކެތީގެ އަގު ބޮޑު ނުވެ ހިފެހެއްޓޭނެކަން ކަށަވަރުކުރަމުންދާކަމަށެވެ. އަދި ގަވާއިދުން އެކަން މޮނިޓަރ ކުރަމުންދާކަމަށެވެ.

ރޯދައިގެ ކުރިން ރާއްޖޭގެ ބާޒާރުގައި ލުނބޯގެ އަގު އުފުލުމުގެ ސަބަބުން، އެސްޓީއޯއިން ވަނީ ލުނބޯ އެތެރެކޮށް ބާޒާރުގައި ލުނބޯގެ އަގުވެސް ތިރިކޮށްފައެވެ.

"ފިޔާ އަލުވި ބިސް ކެނޑިނޭޅި ހެޔޮ އަގުގައި ލިބޭނެ. ލުނބޯ ކެރެޓު އަދި ބައެއް އިތުރު ތަރުކާރީގެ ބާވަތްތައްވެސް އެބަ ގެންނަން. ތަކެތި ލިބޭނެކަމުގެ ޔަގީންކަން ދެން. އިކޮނޮމިކް މިނިސްޓްރިއާއި ގުޅިގެން އަގުތައް ކޮންޓްރޯލްކޮށް ގާތުން މޮނިޓަރ ކުރަމުން ދަނީ." އެސްޓީއޯގެ އެމްޑީ ޝިމާދު ވިދާޅުވިއެވެ.

ކޮންމެ ގޭބިސީއަކަށް ހަދިޔާއެއްގެ ގޮތުގައި 10ކިލޯގެ ބާސްމަތީ ހަނޑޫ އަދި ފުށް، ބެހުމުގެ މަސައްކަތްވެސް ސަރުކާރުން އަންނީ ކުރައްވަމުންނެވެ. މި ތަކެތި ރާއްޖެ އެތެރެކޮށް، ޑިސްޓްރިބިއުޝަންގެ ޕޮއިންޓްތަކާ ހަމައަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްގެންދިޔައީވެސް އެސްޓީއޯއިންނެވެ.

އެމްޑީ ޝިމާދު ވިދާޅުވި މާލޭގެ ޑިސްޓްރިބިއުޝަން ސައިޓްތަކަށް ތަކެތި ފޯރުކޮށްދީފައިވާކަމަށެވެ. އަދި ރަށްރަށަށްވެސް ތަކެތި ފޯރުކޮށްދީފައިވާކަމަށެވެ.