ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އިންތިޚާބީ ކޮންގްރެސް ފަސްކޮށް، އަސާސީ ގަވާއިދާ އެއްގޮތަށް މި މަހުގެ 19 ވަނަ ދުވަހު އިންތިޚާބު ބާއްވަން ފާސްކޮށްފިއެވެ.
މި މަހުގެ ކުރީކޮޅު ބޭއްވި ވީއޭއެމުގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ އިންތިޚާބީ ކޮންގްރެސް މި މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައެވެ. އެކަމަކު ބައެއް ކަންކަން ފުރިހަމަވެފައި ނެތުމުން މި މަހުގެ ތިންވަނަ ދުވަހު ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވަނީ ވީއޭއެމުގެ ޖެނެރަލް ސެކްރެޓަރީ، މުޙައްމަދު ސައީދަށް އެޑްރެސްކޮށް ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގައި ވަނީ އެ އެސޯސިއޭޝަނުގެ އިންތިޚާބުގެ ކަންކަން ކުރިއަށްގެންދިޔުމާ ގުޅޭގޮތުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި ސްޕޯޓްސް ކައުންސިލް ހިމެނޭ ގޮތަށް ހިންގާ ކޮމިޓީއާއެކު ބައްދަލުވުމެއް ހަމަޖައްސައި، ގޮތްތަކެއް ނިމެންދެން އިންތިޚާބުގެ ކަންކަން މަޑުޖައްސާލުމަށް އެދިފައެވެ.
އެއާއެކު ވީއޭއެމުން މިރޭ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވިއިރު، އެ ކޮންގްރެސްގައި ވަނީ ހަތަރު ދުވަހަށް އިންތިޚާބު ފަސްކޮށް، މި މަހުގެ 19 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް ބައިވެރި މެންބަރު ކުލަބުތަކުގެ އަގުލަބިއްޔަތުން ފާސްކޮށްފައެވެ. އަދި މިރޭގެ ކޮންގްރެސްގައި ރައީސަކު އިންތިޚާބު ކުރެވެންދެން، ވީއޭއެމުގެ ކަންކަން ބަލަހައްޓާ ފަރާތަކަށް ކަނޑައެޅި ނައިބު ރައީސް ޢަބްދުﷲ ނާޝިދު (އަބުޅޯ) ގެ އިތުބާރު އޮތް ކަމަށްވެސް ފާސްކޮށްފައެވެ. މީގެ އިތުރުން އިންތިޚާބާ ގުޅިގެން އުފައްދަންޖެހޭ އިލެކްޓޯރަލް ކޮމިޓީ އާއި ލީގަލް ކޮމިޝަންގެ އިތުރުން އެޕީލްސް ކޮމިޝަންވެސް ވަނީ ފާސްކޮށްފައެވެ.
މީގެ ކުރިން ކޮމިޝަނަރ އޮފް ސްޕޯޓްސްއިން ފޮނުވި ސިޓީއާ ގުޅިގެން ވީއޭއެމުން ވަނީ ވީ އެންމެ އަވަހަކަށް އެ ބައްދަލުވުން ބޭއްވުމަށް އެދި ސްޕޯޓްސް ކޮމިޝަނަރަށް މި މަހުގެ ހަވަނަ ދުވަހު ސިޓީއެއް ފޮނުވާފައެވެ. އެހެން ނަމވެސް މިރޭގެ ކޮންގްރެސްއާ ހަމައަށްވެސް އެ ބައްދުލުވުން ބޭއްވިފައި ނުވާއިރު، މިރޭގެ ކޮންގްރެސްގައި އެމްއޯސީ އާއި ސްޕޯޓްސް ކޮމިޝަންވެސް ބައިވެރިވެފައެއް ނުވެއެވެ.
މިރޭގެ ކޮންގްރެސްއާ ގުޅޭ ގޮތުން ވީއޭއެމުގެ ޖެނެރަލް ސެކްރެޓަރީ ސައީދު ވިދާޅުވީ މި ކޮންގްރެސްއަކީ ކާމިޔާބު ކޮންގްރެސްއެއް ކަމަށެވެ. އެގޮތުން މިރޭގެ ކޮންގްރެސްގައި ސްޕޯޓްސް ކޮމިޝަނަރ އެދިވަޑައިގެންނެވި ގޮތަށް އެ އެސޯސިއޭޝަން އޮޑިޓް ކުރާނެ ގޮތްތަކެއް ކަނޑައެޅި، މި މަހުގެ 31 ގެ ކުރިން ބާއްވަން ޖެހޭ އަހަރީ އާންމު ޖަލްސާއިން ފާސްކޮށް ސްޕޯޓްސް ކޮމިޝަނަރަށް ހުށަހަޅަންޖެހޭ ލިޔުންތައް ނިންމުމުގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތްތަކެއް ކަނޑައެޅުނު ކަމަށްވެސް ވިދާޅުވިއެވެ.
ވީއޭއެމުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވިއިރު، މިރޭގެ ބައްދަލުވުމުގައި ބައިވެރިނުވެވުނު ބައެއް ކުލަބުތަކުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އެގޮތުން ސިޓީ ސްޕޯޓްސް ކުލަބުގެ ފަރާތުން ބައްދަލުވުމުގެ ބައިވަރިވާން ދިޔަ މަޝްހޫރު ވޮލީ ކޯޗު އިބްރާހީމް ރަޝީދު (ސަތޯ) އަށް ވަނީ ރަޖިސްޓްރީގައި ނެތް ކަމަށް ބުނެ، ބައްދަލުވުމުގައި ބައިވެރިނުވެވޭނެ ކަމަށް ބުނެފައެވެ.
ސަތޯ ބުނީ ކޮންގްރެސްގައި ބައިވެރުވުމަށް ދައުވަތު ލިބުމާއެކު ރަސްމީކޮށް ފޯމު ހުށަހެޅި ކަމަށެވެ. އެ ފޯމުގެ ކޮޕީއެއް "ޕީއެސްއެމް ސްޕޯޓްސް" އަށް ލިބިފައިވާއިރު، ސަތޯ ބުނީ ކޮންގްރެސްގެ އެއްވެސް ރަސްމީ ހައިސިއްޔަތެއްވެސް ނެތް ކަމަށެވެ. އެގޮތުން ފާރެވރިވާން ތިބި އެއްވެސް މުއައްސަސާއެއްވެސް ނެތް ކަމަށް ސަތޯ ވަނީ ބުނެފައެވެ.
"އިންތިޚާބުކޮށްފައި ހުރި ވައިސް ޗެއާމަނެއް ހުއްޓައި، މުޅިން އެހެން ބައެއް ލީޑުކުރިތަން މި ފެނުނީ. ދެބަސްވާން ބޭނުންނުވާތީ ނުކުތީ. ސަރުކާރުގެ ފަރާތުންވެސް ބައިވެރިވުމެއް ނެތް. އޮލިމްޕިކް ކޮމިޓީއެއްވެސް ހާޒިރުވެ ނެތް. އެއްވެސް ރަސްމީ ހައިސިއްޔަތެއް ނެތް.އިބްރާހީމް ރަޝީދު (ސަތޯ)
މި ކޮންގްރެސްގައި އޮބްޒާވަރެއްގެ ގޮތުން ބައިވެރިވާން ދިޔަ ވޮލީއަށް ގިނަ ޚިދުމަތްތަކެއް ކޮށްދީފައިވާ މަލްސަމް ސްޕޯޓްސް ކުލަބުގެ ރައީސް މުޙައްމަދު ޝާފީ ބުނީ ރަޖިސްޓްރީނުވެ ބައިވެރިނުވެވޭނެ ކަމަށް ވީއޭއެމުން އަންގާފައިވާ ކަމަށެވެ. އަދި ވޮލީގެ މިފަދަ މުހިންމު ހަރަކާތެއްގައި އެންމެންގެ ޝާމިލުވުން އޮންނަން ޖެހޭ ކަމަށާއި، އެކަން ފެނިގެން ނުދިޔުމުން ހިތާމަކުރާ ކަމަށްވެސް ވަނީ ބުނެފައެވެ.
އެކަމަކު މިރޭ ކޮންގްރެންސްގެ ޗެއާކަން ކުރެއްވި އަބުޅޯ ވިދާޅުވީ ބައްދަލުވުމަކީ މެންބަރު ކުލަބުތަކުން އެދިގެން ބޭއްވި ޖަލްސާއެއް ކަމަށެވެ. އެހެންކަމުން ބައެއް ކުލަބުތަކަށް ބައިވެރިނުވެވުނީ މެންބަރުންގެ ގޮތުގައި ގެޒެޓުކުރިވިފައި ނެތުމުން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
"އިންތިޚާބު 19 ގައި ބާއްވަން އެކްސްކޯގެ ބައްދަލުވުމުން އޮންނާނީ ފާސްކޮށްފައި. ދެން މިއީ ކުލަބަތަކުން އެދިގެން ބައެއް ކަންކަން ސާފުކޮށްލަން ބޭއްވި ބައްދަލުވުމެއް.ޢަބްދުﷲ ނާޝިދު (އަބުޅޯ)
ވީއޭއެމުން މި މަހު ބާއްވަން ނިންމާފައިވާ އިންތިޚާބުގައި ހުސްވެފައިވާ އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވާ ހަމައެކަނި ބޭފުޅަކީ ކުރީގެ ރައީސް މުޙައްމަދު ލަތީފެވެ. ވީއޭއެމުގެ ރައީސްގެ މަގާމަށް 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އިންތިޚާބުވެވަޑައިގެންނެވި މުޙައްމަދު ރަނޭޝް (ރަނޭ) ވަނީ މިދިޔަ މަހުގެ ފަހުކޮޅު މަގާމުން އިސްތިއުފާދެއްވާފައެވެ.