ކުޅިވަރު

ޒީކް އާއި ރާއިޝްއަށް ގައުމީ ޖޫނިއަރ ރިކޯޑެއް


ދާދި ފަހުން ނިމުނު 11 ވަނަ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި ޒީކް އަޝްރަފް ރަޝީދާއި އިބްރާހީމް ރާއިޝް އަބްދުލް އަޒީޒް, ގައުމީ ޖޫނިއަރ ރިކޯޑުތަކެއް ހަދައިފިއެވެ.

ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުގެ ޒީކް ވަނީ 800 މީޓަރު ދުވުމުގެ ޖޫނިއަރ ރިކޯޑު ހަދާފައެވެ. އެއީ ދެ މިނެޓު 29.52 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި އާއެކު ޒީކް ވަނީ މިދިޔަ 16 އަހަރު ކުރިން ހަދާފައިވާ ރިކޯޑު މުގުރާލާފައެވެ. އެގޮތުން 2008 ވަނަ އަހަރުގެ އޮލިމްޕިކް ގޭމްސްގައި މި ރިކޯޑު ހެދީ އައިޝަތު ރީޝާއެވެ. ރީޝާ އެ ފަހަރު ރޭސް ނިންމީ ދެ މިނެޓު 30.14 ސިކުންތުންނެވެ.

މީގެ އިތުރުން ނަސީރު ސްޕޯޓްސް އެކެޑަމީގެ ރާއިޝް ވަނީ ޓްރިޕަލް ޖަމްޕުގެ ޖޫނިއަރ ރިކޯޑު އައުކޮށްފައެވެ. އޭނާ ރިކޯޑު އައުކުރީ 12.72 މީޓަރު ފުންމައިގެންނެވެ. މީގެ ކުރިންވެސް މި ރިކޯޑު އޮތީ ރާއިޝްގެ އަތުގައެވެ. އެއީ މިދިޔަ އަހަރުގެ ގައުމީ މުބާރާތުގެ ޓްރިޕަލް ޖަމްޕް އިވެންޓުގައި 12.15 މީޓަރު ފުންމައިގެންނެވެ.