ކުޅިވަރު

ވީއޭއެމްގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވީ ލަތީފް އެކަނި


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އިންތިޚާބުގައި ހުސްވެފައިވާ ރައީސްގެ މަގާމަށް ކުރިމަތިލެއްވި ހަމައެކަނި ބޭފުޅަކީ ކުރީގެ ރައީސް މުޙައްމަދު ލަތީފް ކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.

ވީއޭއެމުގެ ރައީސްގެ މަގާމަށް 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އިންތިޚާބުވެވަޑައިގެންނެވި މުޙައްމަދު ރަނޭޝް (ރަނޭ) ވަނީ މިދިޔަ މަހުގެ ފަހުކޮޅު މަގާމުން އިސްތިއުފާދެއްވާފައެވެ. މަގާމުން ރަނޭ އިސްތިއުފާދެއްވިއިރު، އޭނާގެ ދައުރުގައި ބާކީ އަހަރަކަށް ވުރެ ގިނަ ދުވަސް އޮތެވެ.

ރަނޭ މަގާމުން އިސްތިއުފާދެއްވުމާއެކު ވީއޭއެމުން ބޭއްވި ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ، އެ ބައްދަލުވުމުގެ އަގުލަބިއްޔަތުން ރައީސްގެ މަސްއޫލިއްޔަތު އަދާކުރުމަށް ނައިބު ރައީސް ޢަބްދުﷲ ނާޝިދު ހަމަޖެއްސުމަށް ނިންމާފައެވެ. އަދި އެ ބައްދަލުވުމުގައި ވަނީ އިންތިޚާބީ ކޮންގްރެސް އަންނަ ހުކުރު ދުވަހު ބޭއްވުމަށްވެސް ނިންމާފައެވެ.

އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހަމަވިއިރު، އިންތިޚާބުގައި ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވަނީ މިދިޔަ މަހު ރަނޭގެ ސްޕެޝަލް އެޑްވައިޒަރަކަށް ހަމަޖެއްސެވި ލަތީފެވެ. ދާދި ފަހުން ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ ރައީސް ކަމަށް ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވި ލަތީފް ވަނީ 2016 އިން 2019 އަށް ވީއޭއެމުގެ ރައީސްގެ މަގާމު ފުރުއްވާފައެވެ. އޭނާގެ މަގާމު އެ ފަހަރު ގެއްލުނީ ކުރީގެ ކޮމިޝަނަރ އޮފް ސްޕޯޓްސް ހީނާ އަޙްމަދު ސަލީމް، ވީއޭއެމުގެ މައްސަލައެއް ބަަލައި، އޭރު އޮތް ހިންގާ ކޮމިޓީ އުވާލައި، އެސޯސިއޭޝަން އިންޓަރިމް ހާލަތަކަށް ގެންނަން ނިންމުމުންނެވެ.

ވީއޭއެމުގެ އިންތިޚާބުގައި މަގާމުތަކަށް ކުރިމަތިލެއްވި ބޭފުޅުން:

  • ރައީސް: މުޙައްމަދު ލަތީފް
  • ސީނިއަރ ނައިބު ރައީސް: މުޙައްމަދު ސާޖިދު
  • ނައިބު ރައީސް ވޮލީބޯލް: އަލީ ލަތީފް
  • ނައިބު ރައީސް އިދާރީ: އިއްޒަތު ވަހީދު
  • ނައިބު ރައީސް އަންހެން: އާއިދާ އަބްދުލް ހަކީމް
  • ހިންގާ ކޮމިޓީ މެންބަރު: ފަތުހުﷲ ވަހީދު
  • ހިންގާ ކޮމިޓީ މެންބަރު: ސޮފްވާން އަޙްމަދު
  • ހިންގާ ކޮމިޓީ މެންބަރު: ޝިޔާމް އަލީ
  • ހިންގާ ކޮމިޓީ މެންބަރު/އަންހެން: އައިޝަތު ފަތީނަތު

ވީއޭއެމުން އިންތިޚާބު ބާއްވަން އިއުލާންކޮށްފައިވާއިރު، ބައެއް ކަންކަން ފުރިހަމަވެފައި ނެތުމުން މި މަހުގެ ތިންވަނަ ދުވަހު ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވަނީ ވީއޭއެމުގެ ޖެނެރަލް ސެކްރެޓަރީ، މުޙައްމަދު ސައީދަށް އެޑްރެސްކޮށް ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގައި ވަނީ 2020، 2021، 2022 އަދި 2023 ގެ އޮޑިޓް ރިޕޯޓާއި، ކޮންމެ އަހަރެއްގެ މާޗު މަހުގެ 31 ގެ ކުރިން ބާއްވަން ޖެހޭ އަހަރީ އާންމު ޖަލްސާގެ ކަންކަންވެސް އުސޫލުގެ ތެެެރެއިން ފުރިހަމަކުރުމަށް އެދިފައެވެ.

އަދި އެ އެސޯސިއޭޝަނުގެ އިންތިޚާބުގެ ކަންކަން ކުރިއަށްގެންދިޔުމާ ގުޅޭގޮތުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި ސްޕޯޓްސް ކައުންސިލް ހިމެނޭ ގޮތަށް ހިންގާ ކޮމިޓީއާއެކު ބައްދަލުވުމެއް ހަމަޖައްސައި، ގޮތްތަކެއް ނިމެންދެން އިންތިޚާބުގެ ކަންކަން މަޑުޖައްސާލުމަށްވެސް ވަނީ އެދިފައެވެ.

އެއާއެކު ވީއޭއެމުން ވަނީ މާދަމާރޭ އެކްސްްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ތާވަލުކޮށްފައެވެ. އެ ބައްދަލުވުމުގެ އެޖެންޑާގައި ވަނީ އިންތިޚާބެއް ބާއްވައި، ރައީސަކު އިންތިޚާބު ކުރެވެންދެން، ވީއޭއެމުގެ ކަންކަން ބަލަހައްޓާ ފަރާތަކަށް ކަނޑައެޅި ޢަބްދުﷲ ގެ އިތުބާރު އޮތްތޯ ބެލުމަށް ހިމަނާފައެވެ. އަދި ކޮމިޝަނަރުގެ ސިޓީގައި ބުނެފައިވާ އޮޑިޓް ރިޕޯޓުތައް ތައްޔާރު ކުރާނެ ގޮތުގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތް ކަނޑައެޅުމާއި، ސްޕޯޓްސް ކޮޮމިޝަނަރަށް ހުށަހަޅަން ޖެހޭ ލިޔުންތައް ފުރިހަމަކުރުމާއި، ބައި އިލެކްޝަންތައް ތާރީޚަށް ބޭއްވުމުގައި ގޮތެއް ނިންމުމަށްވެސް ވަނީ އެޖެންޑާ ކޮށްފައެވެ.