ޚަބަރު

އައްޑޫގެ ތަރައްޤީއާ ގުޅިފައިވާ ބްރިޖުގެ ސަރވޭތައް ފަށައިގެން ކުރިއަށް


  • އައްޑޫގެ ބްރިޖު ބިނާކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދެއް

  • ބްރިޖުގެ އަމަލީ މަސައްކަތް މިއަހަރު ފެށުމަށް ދަނީ ތައްޔާރުވަމުން

އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫ ގުޅާލަދޭ ބްރިޖު ބިނާކުރުމަށްޓަކައި ހަދަންޖެހޭ ފުރަތަމަ ސަރވޭގެ މަސައްކަތް ނިންމާލައިފިއެވެ.

އައްޑޫ ބްރިޖުގެ ސާވޭ އާއި ޕްރިލިމިނަރީ ޑިޒައިންގެ މަސައްކަތް ސަރުކާރުން ވަނީ މިދިޔަމަހު މިސްރުގެ ކުންފުންޏެއް ކަމަށްވާ ދަ އަރަބް ކޮންޓްރެކްޓާސްއާ ހަވާލުކޮށްފައެވެ.

އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫ ގުޅާލަދޭ ބްރިޖު ބިނާކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދެކެވެ. އަދި ބްރިޖުގެ ސާވޭ އާއި ޕްރިލިމިނަރީ ޑިޒައިންގެ މަސައްކަތް މިސްރުގެ ކުންފުންޏެއް ކަމަށްވާ ދަ އަރަބް ކޮންޓްރެކްޓާސްއާ ހަވާލުކޮށްފައިވަނީ މިދިޔަމަހު ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

އައްޑޫ ސިޓީ ބްރިޖުގެ ސާވޭ އާއި ޕްރިލިމިނަރީ ޑިޒައިންގެ މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ބްރިޖްގެ ސަރވޭގެ މަސައްކަތްތައް ވަރަށް އަވަހަށް ފައްޓަވާނެކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި ބްރިޖްގެ ޢަމަލީ މަސައްކަތްވެސް ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިދިޔަމަހު އައްޑޫ ރައްޔިތުންނަށް ވައުދުވެވަޑައިގެންނެވި ފަދައިން މިހާރު ވަނީ ބްރިޖާއި ގުޅޭގޮތުން ހަދަންޖެހޭ ސަރވޭގެ މަސައްކަތްތައް ފަށާފައެވެ. އިމާރާތް ކުރުމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވީ ހިތަދޫ - ހުޅުމީދޫ ބްރިޖުގެ ޕްރިލިމިނަރީ ޑިޒައިން ތައްޔާރުކުރުމަށް ބޭނުންވާ ފުރަތަމަ ސަރވޭގެ މަސައްކަތް މިމަހުގެ 6 ވަނަ ދުވަހު ފަށާފައިވާކަމަށެވެ. އަދި މިއަދު އެ މަސައްކަތް ނިންމާލާފައިވާކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

މިދިޔަމަހު އައްޑޫ ބްރިޖާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން އިމާރާތް ކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫ ގުޅާލަދޭ ބްރިޖުގެ ސަރވޭ މަސައްކަތް ތިން މަސް ދުވަހުގެ ތެރޭގައި ނިންމާލާނެކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވައުދާއި އެއްގޮތަށް މިއަހަރު ތެރޭގައި ބްރިޖުގެ އަމަލީ މަސައްކަތް ފެށޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި އަޅާ ބްރިޖަކީ ގާތްގަނޑަކަށް 14 ކިލޯމީޓަރުގެ ދިގު ބްރިޖެކެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި މަޝްރޫއު އިއުލާން ކުރެއްވުމާއެކު ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ބޮޑެތި ކުންފުނިތަކަކުން ވަނީ މި މަޝްރޫޢަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. އަދި އޭގެތެރެއިން އަރަބް ކޮންޓްރެކްޓާސްއާ މަޝްރޫއު ހަވާލު ކުރެއްވުމަށް ސަރުކާރުން ނިންމެވީ އެ ކުންފުނިން މަޝްރޫއުގެ ހުރިހާ މަސައްކަތެއް ކުރިއަށްގެންދަން ޝައުގުވެރިކަން ފާޅުކޮށްފައިވާތީއެވެ. އަދި ބްރިޖާއި ގުޅޭގޮތުން ކުރިއަށްގެންދާ ސާވޭގެ މަސައްކަތްވެސް ހިލޭ ކުރިއަށްގެންދިއުމަށް އެ ކުންފުނިން ނިންމާފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.

އައްޑޫ ބްރިޖުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ ކައުންސިލާއި އެ ސިޓީގެ ރައްޔިތުންނާއި މަޝްވަރާކޮށް، ރައްޔިތުން ބޭނުންވާ ގޮތަށެވެ. އަދި ސަރުކާރުން ދެކެވަޑައިގަންނަވާ ގޮތުގައި ބްރިޖު މަޝްރޫޢަކީ އައްޑޫ ސިޓީގެ ކުރިއެރުމާއި ތަރައްގީއަށް އިންގިލާބީ ބަދަލެއް ގެންނާނެ މަޝްރޫޢަކަށެވެ.