ޚަބަރު

ޙައްޖާއި ޢުމްރާއަށްދާ މީހުންނަށް ޕޯސްޓް މެދުވެރިކޮށް ތަކެތި ގަނެވޭނެ ގޮތް ހަދަނީ


  • ސަޢުދީ ޕޯސްޓާ ގުޅިގެން އިންތިޒާމްތައް ދަނީ ހަމަޖައްސަމުން

  • ގިނަވެގެން 30 ކިލޯގެ ތަކެތި ގެނެވޭނެ

  • ކޮމަރޝަލް އަގަށްވުރެ އަގު ހެޔޮވާނެ

ޙައްޖާއި ޢުމްރާއަށް ދާ މީހުންނަށް ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް ތަކެތި ގެނެވޭގޮތަށް، ސަޢުދީ ޕޯސްޓާ ގުޅިގެން މަސައްކަތްތަކެއް ފައްޓަވާފައިވާކަމަށް ޕޯސްޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ޝަފީޤް ވިދާޅުވެއްޖެއެވެ.

ހަފްތާ14ގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ޙިއްސާކުރެއްވުމަށް އިދާރީ ދާއިރާތައް ހިންގުމާއި ބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަޙުމަދު ޝަފީޤް ވިދާޅުވީ، ހައްޖާއި ޢުމްރާއިން އެނބުރި އަންނައިރު ލަގެޖު ބަރުވުމުގެ މައްސަލަ ވަރަށް ގިނަފަހަރަށް ކުރިމަތިވާކަމަށެވެ. ސަޢުދީ ޕޯސްޓާއެކު ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކުޑަ ފީއަކާއެކު ގިނަވަގެން 30 ކިލޯގެ ތަކެތި ޕޯސްޓް މެދުވެރިކޮށް ގެނެވޭނެ އިންތިޒާމް ހަމަޖައްސަމުންދާކަމަށް ވިދާޅުވިއެވެ.

އަޙުމަދު ޝަފީޤް ވިދާޅުވީ ޕޯސްޓް މެދުރިކޮށް ތަކެތި ގެނެވޭނެ އިންތިޒާމް ހަމަޖެއްސުމާ ގުޅޭ އިދާރީ މަސައްކަތްތައް މިހާރު ކުރަމުންދާކަމަށެވެ. ސީއީއޯ ވިދާޅުވީ ޕޯސްޓުން ތަކެތި ގެނައުމަށް ކިލޯއަކަށް ކަނޑައަޅާ އަގު ހުންނާނީ ކޮމާޝަލް އަގުތަކަށްވުރެ ވަރަށް ހެޔޮކޮށްކަމަށެވެ.

ޕޯސްޓްމެދުވެރިކޮށް ތަކެތި ގެނައުމަށް، އެ ޚިދުމަތް ލިބޭނެ ސަރަޙައްދުތައް ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށާއި، ދިވެހިން ތިބޭ ހިސާބުތަކާ ކައިރިން އެ ޚިދުމަތް ޤާއިމުކޮށްދޭނެކަމަށް އަޙުމަދު ޝަފީޤް ވިދާޅުވިއެވެ.

"އަޅުކަމަށްދާ ސަރަޙައްދުތަކުގައި މި ޚިދުމަތް ދޭން ޕޯސްޓްތަކެއް ހަދާނަން. އެ ލޮކޭޝަންތައް ކަނޑައެޅުނީމަ، އެ ތަންތަން އިނގޭނެގޮތަށް މަޢުލޫމާތު ދޭނަން." ޕޯސްޓްގެ ސީއީއޯ އަޙުމަދު ޝަފީޤް ވިދާޅުވިއެވެ.

ޝަފީޤް ވިދާޅުވީ މި އިންތިޒާމްތައް ވީހާވެސް އަވަހަށް ހަމަޖައްސާ ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. ޚިދުމަތް ހަމަޖެހުމުން ގްރޫޕްތައް މެދުވެރިކޮށް އެ މަޢުލޫމާތު ޙައްޖާޖީންނާއި ޢުމްރާވެރިންނަށް އަންގާނެކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖެއިން އުމްރާގެ އަޅުކަމަށްދާ މީހުންގެ ޢަދަދު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.