ކުޅިވަރު

މި ކާމިޔާބާއެކު ރަށުގައި ފުޓްސަލްއަށް އޮންނަ ފޯރި އިތުރުވާނެ: ފައުޒާން


ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ކާމިޔާބާއެކު ރަށުގައި ފުޓްސަލްއަށް އޮންނަ ފޯރި އިތުރުވެގެންދާނެ ކަމަށް ބ. އޭދަފުށީގެ ކޯޗު ފައުޒާން ހަބީބް (ފައު) ބުނެފިއެވެ.

އޭދަފުށިން މުޅިން އަލަށް ގޯލްޑަން ފުޓްސަލްގެ ޗެމްޕިއަންކަން ހޯދީ ބުރާސްފަތި ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުގައި މިދިޔަ އަހަރުގެ ޗެމްޕިއަން ލ. ގަން 4-2 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. ޖުމްލަ 129 ޓީމެއް ވާދަކުރި މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖް އޭދަފުށިން ކާމިޔާބުކުރިއިރު، އެ ޓީމުން ވަނީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ތ. ތިމަރަފުއްޓާއި، މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ މާފަންނު އަދި ގަމުގެ އިތުރުން ވަރުގަދަ ކ. ގާފަރުވެސް ބަލިކޮށްފައެވެ.

ފައިނަލް މެޗަށްފަހު ދިން އިންޓަވިއުއެއްގައި ފައުޒާން ބުނީ ފައިނަލުގައި ގަމާ ދެކޮޅަށް ކުޅުނީ ވަރަށް އުނދަގޫ މެޗެއް ކަމަށާއި، މި ކާމިޔާބީ ލިބުނީ ވަރަށް ކެތްތެރިކަމާއެކު ކުޅެގެން ކަމަށެވެ. އެގޮތުން ތަށި ދިފާއުކުރަން ގަމުން ނުކުތްއިރު، އެ މީހުންގެ ތަޖުރިބާއާއެކު އެ ޓީމު ބަލިކުރުމަކީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށްވެސް ވަނީ ބުނެފައެވެ.

ފައުޒާން ބުނީ މި ކާމިޔާބާއެކު ޓީމުގައި ތިބި އަރަމުން އަންނަ ކުޅުންތެރިންނަށް އެ ތަޖުރިބާ ލިބިގެންދާނެ ކަމަށެވެ. އަދި މި ފަހަރުގެ މުބާރާތަށް ޓީމު އެކުލަވާލިއިރު، ޒުވާން ގިނަ ކުޅުންތެރިންތަކެއް ޓީމުން ކަޓައިގެންދިޔަ ކަމަށާއި، އެހެންކަމުން މި ފަހަރުގެ ކާމިޔާބީއާއެކު އަންނަ އަހަރު ޓީމުގައި ހިމެނެން އެ ކުޅުންތެރިންނަށް ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދާނެ ކަމަށްވެސް ބުންޏެވެ. ފައުޒާން ބުނީ ކާމިޔާބީއެއް ނުލިބޭތާ ވަރަށް ދުވަސްވެއްޖެ ކަމަށާއި، އެހެންކަމުން މި ފަހަރުގެ ތައްޓާއެކު އެ ރަށުގައި ފުޓްސަލްއަށް އޮންނަ ފޯރި އިތުރުވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

"
އަޅުގަނޑު އަބަދުވެސް ދެކެނީ ކާމިޔާބަކާ އެކީއޭ ކުރިއަރާނީ. ވަރަށް ދުވަސްވެއްޖެ އަޅުގަނޑުމެންނަށް ކާމިޔާބީއެއް ނުލިބޭތާ، އެހެންވެ އަސްލު ވަރަށް ބޮޑަށް ދަށްވެގެންވެސް މި ދަނީ. މިއާއެކު ރަށުގައި ފުޓްސަލްއަށް އޮންނަ ފޯރި އިތުރުވާނެ ވަރަށް ބޮޑަށް.
ފައުޒާން ހަބީބް (ފައު) - އޭދަފުށީގެ ކޯޗު

މި ފަހަރުގެ މުބާރާތުގެ މޮޅު ކުޅުންތެރިންގެ ތެރޭގައި އޭދަފުށީގެ ތިން ކުޅުންތެރިއަކު ހިމެނުނެވެ. އެއީ ފުޓްސަލް ކިންގުގެ މަގާމު ހޯދި އިޝާން އިބްރާހީމް (ސައްޓު) އާއި، ހައިޝަމް ހަސަންގެ އިތުރުން އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ހޯދި އަބްދުﷲ ނާސިހެވެ.

މި ފަހަރުގެ އޭދަފުށީގެ ކާމިޔާބީގެ ފަހަތުގައި އެ ޓީމުގައި ހިމެނުނު ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންގެ ހިއްސާ ބޮޑެވެ. އެގޮތުން މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖް ކުރިއަށްދިޔައިރު، ރާއްޖޭގެ ބޮޑު ފުޓްބޯޅަ ސީޒަން ނިމިފައި އޮތުމާއެކު، ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިންނާއިި، ފުރަތަމަ ޑިވިޝަނުގައި ހިމެނޭ ކުޅުންތެރިން ވަނީ އޭދަފުށި ޓީމުގައި ތަފާތު ދައްކުވައިދީފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކާމިޔާބީއާއެކު އެ ޓީމު އިއްޔެގެ ވަގުތެއްގައި ރަށް ދިޔުމުން، އެ ރަށު ރައްޔިތުން ވަނީ ޓީމަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.