ޚަބަރު

އަތޮޅުތެރޭގެ ރައްޔިތުންނަށްވެސް މާލެ ސަރަޙައްދުން ބޯހިޔާވަހިކަން ލިބޭނެ: ރައީސް


  • އެންމެ ފުރަތަމަ އިސްކަންދޭނީ މާލޭގެ ރައްޔިތުންނަށް

  • އަތޮޅުތެރޭގައިވެސް ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދަވާނެ

  • މި ދައުރުގައި ބޯހިޔަވަހިކަން ބޭނުންވާ އެންމެނަށް އެކަން ޔަޤީންވާނެ

މާލެ ސަރަހައްދުގައި ސަރުކާރުން ކުރިއަށްގެންދިޔުމަށް ނިންމަވާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަކީ މާލޭގެ ރައްޔިތުންގެ އިތުރުން އަތޮޅުތެރޭގެ ރައްޔިތުންނަށްވެސް ބޯހިޔާވަހިކަން ލިބޭނެ މަޝްރޫޢުތަކަށްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައިދ.މީދޫ، އާސްޓްރާ، ފަރިޔާޟް ޙުސައިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މާލެ ސަރަޙައްދުން ހިޔާވަހިކަން ލިބޭނެތޯ ފަރިޔާޟް ޙުސައިން، ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މާލެ ސަރަޙައްދުގައި ސަރުކާރުން ކުރިއަށް ގެންދިޔުމަށް ނިންމަވާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢަކީ މާލޭގެ ރައްޔިތުންގެ އިތުރަށް އަތޮޅުތެރޭގެ ރައްޔިތުންނަށްވެސް ބޯހިޔާވަހިކަން ލިބޭނެ ފަދަ ބޮޑު މަޝްރޫޢެއްކަމަށެވެ.

މާލެ ސަރަޙައްދުގައި ކުރިއަށް ގެންދިޔުމަށް ނިންމަވާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަކީ ހުރިހާ ރައްޔިތުންނަށްވެސް ފުރުޞަތު ލިބިގެންދާނެ މަޝްރޫޢުތަކެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެންމެ ފުރަތަމަ އިސްކަންދެއްވަނީ އެމަޝްރޫޢުތަކުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވުމަށް ކަމަށެވެ. އަދި މާލޭގެ ރައްޔިތުންނަށް ގެދޮރުވެރިކަން ކަށަވަރު ކޮށްދެއްވުމަށްފަހު އަތޮޅުތެރޭގެ ރައްޔިތުންނަށްވެސް މާލެ ސަރަޙައްދުން ގެދޮރުލިބޭނެކަމަށާއި މާލެ ސަރަޙައްދުގެ އިތުރުން އެހެން ސަރަޙައްދުތަކުގައިވެސް ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ދައުރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަމުގެ ޔަޤީންކަން ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

"އެއީ މާލޭގައި އެތަކެއް އަހަރެއްވެގެން މިދިޔައީ ގެދޮރުވެރިކަން ޔަޤީން ނުކޮށްދެވި. މާލެ ސަރަޙައްދުގައި ބިން ހިއްކައިގެން ކުރިއަށްގެންދާ މަޝްރޫޢުތަކުން މާލޭގެ ރައްޔިތުންނަށް ގެދޮރުވެރިކަން ޔަޤީންކޮށްދިނުމަކީ ފުރަތަމަ ޓާގެޓް" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ސަރުކާރުން މާލެ ސަރަޙައްދުގައި ކުރިއަށް ގެންދަވާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫޢަކީ ރަސްމާލެ ހިއްކައިގެން ކުރިއަށްގެންދިޔުމަށް ނިންމަވާފައިވާ މަޝްރޫޢެވެ. ރަސްމާލޭ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވާއިރު އެތަނުގައި 65000 ގެދޮރު ޔަގީންވާގޮތަށް މަޝްރޫއު ކުރިއަށްގެންދެވުމަށްވަނީ ނިންމަވާފައެވެ.