ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ކުލަބު ވެލެންސިއާ ސަސްޕެންޑްކުރަން ނިންމީ އެ އެސޯސިއޭޝަންގެ އިންތިޚާބާ ދިމާކޮށް ރޭވުމަކުން ކަމަށް އެ ކުލަބުން ބުނެފިއެވެ.
ކުލަބު ވެލެންސިއާ އަކީ މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ބާއްވަން ނިންމި އިންތިޚާބުގައި ވާދަކުރެއްވި އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް އަޙްމަދު ޠާރިޤު (ޓޮމް) އަށް ތާއީދު ސިޓީ ދީފައިވާ ކުލަބުތަކުގެ ތެރޭގައި ހިމެނޭ ކުލަބެކެވެ.
އެފްއޭއެމުން އިއްޔެގެ ވަގުތެއްގައި ވެލެންސިއާ ސަސްޕެންޑުކޮށްފައިވަނީ އެ ކުލަބުން ވަކިކުރި ބޯޑު މެންބަރު ހަސަން ވަހީދު (ދޮނާ) ގަވާއިދާ ޚިލާފަށް ވަކިކޮށްފައިވާތީ، އެ ހުރިހާ ކަމެއް ބަލައި، ވެލެންސިއާގެ ކަންކަން ރަނގަޅު ގޮތަށް ކުރިއަށް ގެންދިއުމަށް ކަމަށް ބުނެއެވެ.
މި ސަސްޕެންޝަން ދެމެހެއްޓުމަށް އެފްއޭއެމުން ނިންމާފައިވަނީ ވެލެންސިއާއިން އައު ބޯޑެއް އިންތިޚާބު ކުރަންދެނެވެ. އެއާއެކު ރޭ ވެލެންސިއާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މި މަހުގެ 16 ވަނަ ދުވަހުގެ ކުރިން، މި އޮތް އަށް ދުވަހުގެ ތެރޭގައި އެފްއޭއެމަށް ވިލަރެސް ކުރެވޭ ގޮތަށް ވެލެންސިއާގެ ބޯޑެއް އިންތިޚާބުކުރުމަށް ބުނެ، ވެލެންސިއާ ސަސްޕެންޑް ކުރުމަކީ އެފްއޭއެމުން ރާވައިގެން ކުރި ކަމެއް ކަމަށެވެ.
ވެލެންސިއާއިން ތުހުމަތުކުރާ ގޮތުގައި އެ ކުލަބު ސަސްޕެންޑުކުރަން ނިންމި ސަބަބަކީ، ދެން ބާއްވާ އިންތިޚާބެއްގައިވެސް ވެލެންސިއާ އިން ތާއީދުކުރާނީ ޠާރިޤަށް ކަމަށް ބެލެވުން ކަމަށެވެ. އަދި ނުސީދާގޮތެއްގައި މިއީ އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ނުފޫޒު ވެލެންސިއާއަށް ފޯރުވެން ނެތުމުގެ ސަބަބުން ކުރިމަތިލާން ޖެހުނު ސަސްޕެންޝަނެއްގެ ގޮތުގައިވެސް އެ ކުލަބުން ވަނީ ބުނެފައެވެ.
ވެލެންސިއާގެ ބައެއް ބޯޑު މެމްބަރުން ހިމެނޭ ގޮތަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލްގެ ގެ ކައިރީގައި މީގެ ކުރިން ވަނީ އެއްވެފައެވެ. އެއީ ވެލެންސިއާގެ ހިންގާ ބޯޑު ގަވާއިދާ ޚިލާފަށް އޮޅުވާލައިގެން ބަދަލުކުރި ކަމަށް ބުނެއެވެ. އަދި އޭގެ ފަހުން ވެލެންސިއާގެ ޗެއާމަން، އަބްދުﷲ އަޒްމީނާ ދެކޮޅަށް އެ ކުލަބުން ވަކިކުރި ބޯޑު މެންބަރުން ވަނީ ވަގުތީ އަމުރެއް ނެރެދިނުމަށް ސިވިލް ކޯޓަށް ގޮސްފައެވެ. ނަމަވެސް ކޯޓުން އެ އަމުރު ނެރެދީފައެއް ނުވެއެވެ.