ކުޅިވަރު

ވެލެންސިއާ ސަސްޕެންޑްކޮށް، އެފްއޭއެމުން އަލުން އިންތިޚާބު ބާއްވާން އިއުލާންކޮށްފި


ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ކުލަބު ވެލެންސިއާ ސަސްޕެންޑްކުރަން ނިންމައި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އައު އިންތިޚާބު ބާއްވާނެ ދުވަސް އިއުލާންކޮށްފިއެވެ.

އެފްއޭއެމުން މިއަދުގެ ވަގުތެއްގައި ވެލެންސިއާ ސަސްޕެންޑްކުރިއިރު، އެ އިދާރާއިން މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ބާއްވަން ނިންމި އިންތިޚާބުގައި ވާދަކުރެއްވި އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް އަޙްމަދު ޠާރިޤު (ޓޮމް) އަށް ތާއީދު ސިޓީ ދީފައިވާ ކުލަބުތަކުގެ ތެރޭގައި ވެލެންސިއާ ހިމެނުނެވެ.

އެކަމަކު ދެން އެ އިންތިޚާބުގައި ވާދަކުރެއްވި ކުލަބު އީގަލްސްގެ ވައިސް ޗެއާމަން މުފާވިޒް ހާޝިމް (މުފާ) އަށްވެސް ވެލެންސިއާގެ ނަމުގައި ސިޓީއެއް ލިބިފައި އޮތުމުން، ދެ ކެންޑިޑޭޓުންނަށްވެސް ވެލެންސިއާއިން ދީފައިވާ ތާއީދު ސިޓީ ބަލައިނުގަންނަން އެފްއޭއެމުގެ އިލެކްޓޯރަލް ކޮމިޓީން ނިންމިއެވެ.

އެކަމަކު އެ އިންތިޚާބުގެ ކަންކަން ހުއްޓާލަން ފީފާ އާއި އޭއެފްސީން އެ ފަހަރު ވަނީ އަންގާފައެވެ. ފީފާ އާއި އޭއެފްސީން އެގޮތަށް އެންގީ ޠާރިޤުގެ ކެންޑިޑެސީ ބާތިލުކުރަން ނިންމާފައިވަނިކޮށް، އިލެކްޓޯރަލް ކޮމިޓީ އެކުލަވާލައިފައިވާ ގޮތް ސައްހަ ނޫން ކަމަށް ބަޔާންކޮށެވެ.

އެފްއޭއެމުން ވެލެންސިއާ ސަސްޕެންޑްކޮށްފައިވަނީ އެ ކުލަބުން ވަކިކުރި ބޯޑު މެންބަރު ހަސަން ވަހީދު (ދޮނާ) ގަވާއިދާ ޚިލާފަށް ވަކިކޮށްފައިވާތީ، އެ ހުރިހާ ކަމެއް ބަލައި، ވެލެންސިއާގެ ކަންކަން ރަނގަޅު ގޮތަށް ކުރިއަށް ގެންދިއުމަށް ކަމަށް ބުނެއެވެ. އަދި ވެލެންސިއާއިން އައު ބޯޑެއް އިންތިޚާބު ކުރަންދެން އެ ކުލަބު ސަސްޕެންޑްކޮށްފައި ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.

އެފްއޭއެމުގެ ޑިސިޕްލިނަރީ ކޮމިޓީން ވެލެންސިއާއަށް ދީފައިވާ މި ސަސްޕެންޝަން އެޕީލްކުރަން ވަނީ ހަތް ދުވަހުގެ މުުހުލަތެއް ދީފައެވެ. އެފްއޭއެމުގެ ޑިސިޕްލިނަރީ ކޮމިޓީން މި މައްސަލަ ބެލިއިރު، އެ ކޮމިޓީ ފާސްކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހު ބޭއްވި އެ އިދާރާގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއްގައެވެ. އެ ކޮންގްރެސްގެ ފުރަތަމަ ބައްދަލުވުމަށް ކޯރަމް ހަމަނުވުމުން، އޭގެ ކުޑައިރުކޮޅެއް ފަހުން ދެވަނަ ބައްދަލުވުމެއް ބާއްވައި ކޮމިޓީތައް ފާސްކުރިއިރު، އިލެކްޓޯރަލް ކޮމިޓީ އާއި އެޕީލްސް ކޮމިޓީވެސް އެ ބައްދަލުވުމުގައި ފާސްކޮށްފައެވެ.

އެފްއޭއެމުން މިއަދު ހިންގާ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވިއިރު، އެ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީން މިދިޔަ މަހުގެ ތެރޭގައި މުފާ ވަނީ އިސްތިއުފާދެއްވާފައެވެ. އެއާއެކު ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ކޯރަމް ހަމަވެފައިވޭތޯ ކުރި ސުވާލަށް ޖަވާބުދެއްވަމުން އެފްއޭއެމުގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޖައުޝަން ޝަރީފް (ޖައު) ވިދާޅުވީ އެފްއޭއެމުގައި އަދިވެސް ސައްހަ ހިންގާ ކޮމީޓީއެއް އެބައޮތް ކަމަށެވެ.

މިއަދުގެ ހިންގާ ކޮމީޓީގެ ބައްދަލުވުމުގައި ވަނީ އަސާސީ ގަވާއިދާ އެއްގޮތަށް 45 ދުވަހުގެ ތެރޭގައި އިންތިޚާބެއް ބާއްވަން ނިންމާފައެވެ. އެގޮތުން އަންނަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު އިންތިޚާބު ބާއްވަން ނިންމާފައިވާއިރު، މި މަހުގެ 16 ވަނަ ދުވަހުގެ 14:00 ގެ ކުރިން މަގާމަށް ކުރިމަތިލުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.

އެފްއޭއެމުގެ އަސާސީ ގަވާއިދުގައިވާ ގޮތުން ކެންޑިޑޭޓަކަށް ރައީސްކަމަށް ކުރިމަތިލެއްވޭނީ ފުރަތަމަ ޑިވިޝަނުގެ ތިން ކުލަބެއްގެ ތާއީދާއެކުއެވެ. މި ވަގުތު ވެލެންސިއާ ސަސްޕެންޑް ކޮށްފައި އޮތުމުން، ދެން އޮންނާނީ ފުރަތަމަ ޑިވިޝަނުގެ ބާކީ ހަތް ކުލަބެވެ.

އެފްއޭއެމުން އައު އިންތިޚާބަކަށް އިއުލާންކުރިއިރު، އިންތިޚާބުގައި ވާދަކުރައްވާނެކަމުގެ އިޝާރާތެއް އެ އެސޯސިއޭޝަނުގެ ރައީސްކަމުގައި މި ވަގުތު ހުންނެވި ބައްސާމް އަދީލް ޖަލީލް މީގެ ކުރިން ވަނީ ދެއްވާފައެވެ.