ކުޅިވަރު

ގަން ބަލިކޮށް ރާއްޖޭގެ ފުޓްސަލްގެ ރަސްކަން އޭދަފުއްޓަށް


ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ފައިނަލް މެޗުގައި މިދިޔަ އަހަރުގެ ޗެމްޕިއަން ލ. ގަން ބަލިކޮށް، ބ. އޭދަފުށިން ފުރަތަމަ ފަހަރަށް ރާއްޖޭގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު ފައިނަލް މެޗު ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ. އަދި އަރިހުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި، ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އަދި ވުޒާރާގެ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިރޭ ކުޅުނު ފައިނަލް މެޗު އޭދަފުށިން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ވަރަށް ކުރީކޮޅު އޭދަފުށިން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން އެ ޓީމުން ލީޑު ނެގީ ހިލޭޖެހުމެއްގައި މުޙައްމަދު ފާސިރު ދިން ބޯޅައަކުން އިޝާން އިބްރާހީމް (ސައްޓު) ޖެހި ލަނޑުންނެވެ.

އަދި އޭގެ އިރުކޮޅެއް ފަހުން ގަމުގެ ކެޕްޓަން ހުސެއިން ޝަރީފް (އޮންލީ) އަތުން ބޯޅައެއް ހޯދައި، ނިޝާމް މުހައްމަދު ރަޝީދު ދިން ބޯޅައަކުން ފާއްޓެ ވަަނީ އޭދަފުށީގެ ލީޑު ފުޅާކޮށްދީފައެވެ. މި މެޗުގައި އޭދަފުށިން ދެވަނަ ލަނޑެއް ޖެހިތާ މާ ގިނައިރުތަކެއް ގަމުން ވަނީ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ޖުނައިދެވެ.

މި މެޗުގެ ދެވަނަ ހާފު ފަށައިގެން ގަމުން ކުޅުން ރަނގަޅުކުރިއިރު، މި ހާފުގެ ކުރީކޮޅު އެ ޓީމަށް ވަނީ ނަތީޖާ އެއްވަރުކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެއާއެކު ލިބުނު ހިލޭޖެހުމެއްގައި އަލީ ފާސިރު (ސެންޓޭ) ވަނީ އޭދަފުއްޓަށް އަލުން ލީޑު ފުޅާކޮށްދީފައެވެ.

މި މެޗު ނިމެން ގާތްވެފައި ވަނިކޮށް ގަމުން ފަރަގު ކުޑަކުރީ ލިބުނު ދުރު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ހަލީމް (އައްމަޑޭ) އެވެ. އެކަމަކު އޭގެ އިރުކޮޅެއް ފަހުން ސެންޓޭ ވަނީ އިތުރު ލަނޑެއް ޖަހައި، އޭދަފުއްޓަށް މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުކޮށްދީފައެވެ.

މި މޮޅާއެކު އޭދަފުށިން މުޅިން އަލަށް ޗެމްޕިއަންކަން ހޯދިއިރު، އެ ޓީމު ވަނީ 2019 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލުގައިވެސް ވާދަކޮށްފައެވެ. އެ ފަހަރުގެ ފައިނަލުން އޭދަފުށި ބަލިވީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ތ. ތިމަރަފުށި އަތުންނެވެ. އެކަމަކު މި ފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުގައި އޭދަފުށިން ވަނީ ތިމަރަފުށި ބަލިކޮށްފައެވެ.

މި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ގަމުގެ ކޯޗު އިސްމާޢީލް ޝަރީފެވެ. އަދި އެންމެ އުންމީދީ ކުޅުންތެރިއަކަށް އއ. މަތިވެރީގެ އަލީ އަލްސަން ހޮވުނުއިރު، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ ފ. ބިލެއްދޫގެ މުޙައްމަދު ޒީދާން ޒުހުރީއެވެ.

މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކީ އޭދަފުށީގެ ކެޕްޓަން އަބްދުﷲ ނާސިހެވެ. އަދި އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ އޭދަފުށީގެ ސައްޓު އާއި، ހައިޝަމް ހަސަން އާއި، ގަމުގެ ކެޕްޓަން އޮންލީ އާއި، އަލީ ޝާމިސް (ތޮއްޕޭ) ގެ އިތުރުން ކ. ގާފަރުގެ އަލީ މާއިސް (މައްޓު) އެވެ. މީގެ ތެރެއިން މުބާރާތުގެ ފުޓްސަލް ކިންގުގެ މަގާމު ހޯދީ ސައްޓުއެވެ.

މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މުޅިން އަލަށް ރާއްޖޭގެ ހުރިހާ އަތޮޅަކުން ޓީމުތައް ބައިވެރިވިއިރު، ޖުމްލަ 129 ޓީމެއް ވަނީ މުބާރާތުގައި ވާދަކޮށްފައެވެ.