ޕީއެސްއެމުން ރަމަޟާންމަހު ގެނެސްދިނުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ރެކޯޑިންތައް ނިންމާލައިފިއެވެ.
ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްގެ ކުޑަކުދިންގެ ޤުރުއާން މުބާރާތަކީ ކުޑަކުދިންނާއި ބެލެނިވެރިންގެ މެދުގައި މަޤުބޫލު މުބާރާތެކެވެ.
މުބާރާތުގެ ޕްރޮޑިއުސަރ އަދި ޕްރެސެންޓަރ ޢައިޝަތު ރިޒްމީ ބުނީ މިމުބާރާތުގައި ބައިވެރިވުމަށް މާލެއާއި ކައިރި ރަށްރަށާއި ދުރު ރަށްރަށުންވެސް ކުދިން އައިސްފައިވާކަމަށެވެ.
ފެބްރުއަރީމަހުގެ 15 އިން ފެށިގެން މާރިޗު މަހުގެ 7 ވަނަ ދުވަހާއި ހަމައަށް ކޮންމެ ދުވަހަކު ރެކޯޑިންގ ހަދާފައިވާއިރު މުބާރާތުގައި ބައިވެރިވުމަށް 957 ކުދިން ފޯމު ހުށައަޅާފައިވެއެވެ. އަދި ޖުމްލަ 790 ކުދިން ވަނީ ކިޔަވާފައެވެ. ރިޒްމީ ބުނީ މިއަހަރުގެ މުބާރާތް އެހެން އަހަރުތަކާއި ތަފާތުވާ ކަމަކީ މިއަހަރު ހަމައެކަނި އޮތީ ބަލައިގެން ކިޔެވުންކަމަށްވުމެވެ. ރިޒްމީ ބުނީ މިފަހަރުގެ މުބާރާތުގައި ޕީއެސްއެމްގެ ޗެނަލްތަކުން ދެއްކުމަށް ހަމަޖެހިފައިވަނީ ރިކޯޑިންގައި 40 ޕޮއިންޓަށްވުރެ މަތިން ލިބޭ ބައިވެރިންގެ ކިޔެވުންތައްކަމަށެވެ.
"މިފަހަރު އޯޑިޝަނެއް ނޯންނާނެ. އެހެންވީމަ ރެކޯޑިންގައި 40 އަށްވުރެ މަތިން މާކްސް ލިބޭ ކުދިންގެ ކިޔެވުން ޓީވީއިންވެސް އަދި ރޭޑިއޯއިންވެސް ގެނެސްދޭނީ." ރިޒްމީ ބުންޏެވެ.
ޕީއެސްއެމްގެ މުބާރާތް އެކި ޗެނަލްތަކުން ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ޓީވީއެމްއިން މުބާރާތުގެ ކިޔެވުން ގެނެސްދޭނީ ހުކުރު ދުވަސް ފިޔަވާ އެހެން ދުވަސްތަކުގައި ކޮންމެ ދުވަހެއްގެ މެންދުރުފަހު 13:00 އިން 14:00އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 13:30 އިން 14:00 އަށެވެ. ދިވެހިރާއްޖޭގެ އަޑުން މުބާރާތުގެ ކިޔެވުން ގެނެސްދޭނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ މެންދުރު 12:00 ޖަހާއިރެވެ. އަދި ދީނުގެ އަޑުން މުބާރާތް ގެނެސްދޭނީ ހަފްތާގެ ހުރިހާ ދުވަހެއްގެވެސް ހެނދުނު 08:00 ޖަހާއިރުގައެވެ. އަދި ރިޕީޓު އެދުވަހުގެ ހަވީރު 16:30 ހުގައި އޮންނާނެއެވެ.
މިއަހަރުގެ މުބާރާތްވެސް ކުރިއަށް ގެންދާނީ 3 އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 5 އަހަރާއި 7 އަހަރާ ދެމެދުގެ އުމުރު ފުރާއާއި 7 އަހަރާއި 10 އަހަރާ ދެމެދުގެ އުމުރުފުރާގެ އިތުރުން 10 އަހަރާއި 12 އަހަރާ ދެމެދުގެ އުމުރުފުރާއެވެ. މިއަހަރުގެ މުބާރާތުގައިވެސް ކޮންމެ ޢުމުރުފުރާއަކުން 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޯވާނެއެވެ. އަދި މުޅި މުބާރާތުން 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޮވުމަށްވަނީ ހަމަޖެހިފައެވެ. މުޅި މުބާރާތުން އެއްވަނައަށް މިފަހަރު 15000 ރުފިޔާ 2 ވަނަ އަށް 10000 ރުފިޔާ އަދި 3 ވަނަ އަށް 7000 ރުފިޔާގެ އިނާމް ދިނުމަށްވަނީ ހަމަޖެހިފައެވެ.
މިއަހަރުގެ މުބާރާތުގެ ފަނޑިޔާރުންނަކީ އަލްޤާރީ މުޙައްމަދު ވަޙީދާއި އަލްޤާރިޔާ ފަޠިމަތު ރިޝްމީއެވެ.