ޚަބަރު

ރައީސްގެ އަނބިކަނބަލުން 'އަންބަލަން' އަދި 'އާރޓް އޮފް މައިންޑް' އިފްތިތާޙުކޮށްދެއްވައިފި


  • "އަންބަލަން" ޙަރަކާތަކީ ސޮސައިޓީ ފޯރ ހެލްތު އެޑިއުކޭޝަނުން އިންތިޒާމްކުރާ ހަރަކާތެއް

  • "އާރޓް އޮފް މައިންޑް 2024" އެގްޒިބިޝަނަކީ އޯޓިޒަމް އެސޯސިއޭޝަނުން އިންތިޒާމްކުރާ ހަރަކާތެއް

"އަންބަލަން" ޙަރަކާތާއި "އާރޓް އޮފް މައިންޑް 2024" އެގްޒިބިޝަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިފްތިތާޙުކޮށްދެއްވައިފިއެވެ.

މީގެތެރެއިން "އަންބަލަން" ޙަރަކާތަކީ ސޮސައިޓީ ފޯރ ހެލްތު އެޑިއުކޭޝަންގެ ޝީގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ޙަރަކާތެކެވެ. އަދި "އާރޓް އޮފް މައިންޑް 2024" އެގްޒިބިޝަނަކީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން އިންތިޒާކުރާ ޙަރަކާތެކެވެ.

އަންބަލަން ޙަރަކާތް އިފްތިތާޙްކޮށްދެއްވުމަށްފަހު ސާޖިދާ ވަނީ އަންބަލަންގައި ޤާއިމުކޮށްފައިވާ ސްޓޯލްތަކަށް ޒިޔާރަތްކުރައްވާފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ޝީއިން ބުނީ އަންބަލަންއަކީ ރަމަޟާންމަހާއި ދިމާކޮށް ޘަޤާފީ އާދަކާދާއިގެ ތެރެއިން ރާއްޖޭގައި ކުރިއަށްގެންދާ ހަރަކާތެއްކަމަށާއި، އެ ޖަމުއިއްުުޔާގެ މަޤްސަދަކީ އެ ސަގާފަތް ދިރުވުންކަމަށެވެ.

އަންހެނުންގެ ދުވަހާއިވެސް ގުޅުވައިގެން ކުރިއަށްގެންދާ މިއަހަރުގެ ޙަރަކާތުގައިވެސް އަމިއްލަ ވިޔަފާރިކުރާ އަންހެނުން ބައިވެރިވެ އެފަރާތްތަކުގެ އުފެއްދުންތައް ވިއްކުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. މީގެއިތުރުން އެކި ބަލިތަކާއި ގުޅޭ މައުލޫމާތު މި ޙަރަކާތުގެ ތެރެއިން ދެމުންގެންދާނެކަމަށްވެސް އެޖަމިއްޔާއިން ބުނެއެވެ. މިޙަރަކާތް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ 7 އަދި 8 މާރިޗު މި ދެދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށްކަމަށް ޝީއިން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިފްތިތާހުކޮށްދެއްވި "އާރޓް އޮފް މައިންޑް 2024" އެގްޒިބިޝަނަކީ އޯޓިޒަމް އެސޯސިއޭޝަނުން އިންތިޒާމްކުރާ ހަރަކާތެކެވެ.

މި އެގްޒިބިޝަންގެ ބޭނުމަކީ އޯޓިޒަމް އެސޯސިއޭޝަންގައި ރަޖިސްޓްރީވެފައިވާ ކުދިންގެ ހުނަރު ދައްކާލުންކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެގްޒިބިޝަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން، އެގްޒިބިޝަނަށް ކުދިން ތައްޔާރުކޮށްފައިވާ އެކި ހުނަރުވެރި މަސައްކަތްތައް ބައްލަވާލައްވާފައެވެ.