ދުނިޔެ

ސައޫދީ ސަރުކާރުން އިޤްތިޞާދީ ސްޓްރެޓީޖިކް ޕްލޭނެއް އިއުލާންކޮށްފި


ސަޢޫދީ އަރަބިޔާގެ އިޤްތިޞާދު ތެލަށް ބަރޯސާވުމުން ސަލާމަތްކޮށް ސަޢޫދީ އިޤްތިޞާދަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ތަކެއް ގެނައުމުގެ ސްޓްރެޓީޖިކް ޕްލޭނެއް އެޤައުމުން ހާމަކޮށްފިއެވެ.

ސަޢޫދީ ރަސްގެފާނު ސަލްމާން ބިންއަބްދުލްއަޒީޒްގެ ދަރިކަލުން އަދި ވަލީއުލްއަހްދުގެ ނައިބު އަދި ދިފާއީ ވަޒީރު މުޙައްމަދު ބިން ސަލްމާން އިޢުލާން ކުރެއްވި މިޕްލޭން ބިނާކޮށްފައިވަނީ ތެލަށްބަރޯސާވާ ޤައުމަކުން ތެލަށް ބަރޯސާ ނުވާ ގައުމަކަށް ސައޫދީ އިޤްތިޞާދު ބަދަލުކޮށްލުމުގެ މައްޗަށެވެ.

"ވިޝަން ޓުވެންޓީ ތާރޓީ"ގެނަމުން ނަންދީފައިވާ މި ބޮޑު ޕްލޭން އެކުލެވިގެންވަނީ މައިގަނޑު 9 ކަމެއްގެ މައްޗަށެވެ. މީގެތެރޭގައި 2 ޓްރިލިޔަން ޑޮލަރާއި 2.5 ޓްރިލިޔަން ޑޮލަރުގެ ސޮވެރިން ފަންޑެއް އުފެއްދުމާއި ސައޫދީ އިޤްތިޞާދުގައި ތެލުގެސެކްޓަރުގެ ނިސްބަތް ކުޑަކުރުމާއި ސައޫދީ އެންމެ ބިޔަ ކުންފުނިކަމަށްވާ"އަރާމްކޯ" ގެ ރައުސްމާލުގެ ބައެއް، ހިއްސާގެ ގޮތުގައިވިއްކާލައި އެކުންފުނީގެ ހިންގުން ޒަމާނާ އެއްގޮތަށް އިސްލާޙް ކުރުން ހިމެނެއެވެ. މީގެއިތުރުން އެހެން ޤައުމުތަކުގެ ރައްޔިތުންނަށް ދިގުމުއްދަތަކަށް ސަޢޫދީގައި ދިރިއުޅުމުގެ ފުރުޞަތު ދިނުމާއި ސަޢޫދީ މުޖްތަމަޢު ފަތުރުވެރިކަމަށް ހުޅުވާލުމާއި މައްކާއާއި މަދީނާގެ މުގައްދަސް ބިންތަކަށް ޒިޔާރަތްކުރާ ހައްޖުވެރިންގެ އަދަދު 8 މިލިޔަނުން 30 މިލިޔަނަށް އިތުރުކުރުމާއި ސައޫދީ ޕްރައިވެޓް ސެކްޓަރފުޅާކޮށް ވަޒީފާގެ ފުރުަޞަތުތައް އިތުރުކުރުންވެސް "ވިޝަން ޓުވެންޓީ ތާރޓީ" ގެ ޕްލޭންގައި ހިމެނެއެވެ. 

މިޕްލޭންގައި ހިމެނޭ އެހެން ކަންތައްތަކުގެތެރޭގައި ސަޢޫދީގައި ހަތިޔާރުގެ ވަރުގަދަ ސިނާއަތެއް ބިނާކުރުމާއި ތެލުގެ ސެކްޓަރ ނޫން އެހެން ސެކްޓަރުތައްވެސް ބޭރުގެ އިންވެސްޓްމަންޓްތަކަށް ހުޅުވާލުމާއި ސަޢޫދީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އެއްކޮށް ހައްލުކުރުމަށްޓަކައި ހައުސިންގެ ބިޔަ މަޝްރޫޢުތަކެއް ހިންގުމުގެ އިތުރުން ސަޢޫދީ ސަރުކާރުގެ މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކުގައި އަށަގެންފައިވާ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށްޓަކައި ހަރުކަށި ފިޔަވަޅުތައް އެޅުންވެސް ހިމެނެއެވެ.

ސަޢޫދީ އަރަބިއްޔާއަކީ އެޤައުމުގެ އިޤްތިޞާދުގެ ގާތްގަނޑަކަށް 85 އިންސައްތަ ތެލުގެ އާމްދަނީއަށް ބަރޯސާވާ ޤައުމެކެވެ. ފާއިތުވި ހަތަރުވަރަކަށް އަހަރު ތެލުގެ އަގު އާދަޔާ ޚިލާފަށް ދަށަށް ދިޔުމުގެ ސަބަބުން ސަޢޫދީއަށް ލިބޭ ތެލުގެ އާމްދަނީ ވަރަށްބޮޑަށް ދަށަށް ގޮސް އަހަރަކު ސަތޭކައެއްހާ ބިލިޔަން ޑޮލަރުގެ ބޮޑު ގެއްލުމަކާ އެޤައުމު ކުރިމަތިލާން ޖެހިފައިވެއެވެ. މިއާއެކު ސަޢޫދީ ސަރުކާރަށްވަނީ އަހަރެއްގެ މައްޗަށް ހަތްދިހަ ވަރަކަށް ބިލިޔަންޑޮލަރުގެ ބަޖެޓް ޑެފިސިޓަކާ ކުރިމަތިލާންޖެހި ފަހަށް ރައްކާކޮށްފައިވާ ރިޒާވްފައިސާގެ ބޮޑުބައެއް ނަގައި ބަޖެޓް ދެކޮޅުޖެއްސުމަށްޓަކައި އެފައިސާގެ ބޭނުން ކުރަންޖެހިފައެވެ. އެހެންކަމުން ފަހަށް ރައްކާކޮށްފައިވާ ސައޫދީ ރިޒާވް ފައިސާގެ ބޮޑުބައެއް މިކަމުގެ ސަބަބުން މަދުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

"ވިޝަން ޓުވެންޓީ ތާރޓީ"ގެ ނަމުން ނަންދީފައިވާ ސަޢޫދީ އިޤްތިޞާދީ އިސްލާހުގެ ބޮޑު ޕްލޭން އިއުލާން ކުރައްވަމުން ސަޢޫދީ ވަލީއުލްއަހްދުގެ ނައިބު އަދި ދިފާއީ ވަޒީރު މުހައްމަދު ބިން ސަލްމާންވިދާޅުވީ މިއީ ތެލުގެ އަގު ކިތަންމެ ވަރަކަށް ދަށަށް ދިޔަނަމަވެސް ސައޫދީ އިޤްތިޞާދު ހީނަރުވެގެންނުދާނެ ވަރުގެ ވަރުގަދަ އަދި އުންމީދީ ޕްލޭނެއްކަމަށެވެ. އަދި މިޕްލޭންގެ ސަބަބުން ސަޢޫދީ އަރަބިއްޔާގެ އިޤްތިޞާދާއި އެޤައުމުގެ މަލަމަތި މުޅިން ބަދަލުކޮށްލާނެކަމަށްވެސް މުޙައްމަދު ބިން ސަލްމާން ވިދާޅުވިއެވެ.