ޚަބަރު

ރަސްމާލެ ޕްލޭން ކުރަން ބޭރުގެ ކޮންސަލްޓަންޓަކު ހޯދަނީ


  • ގިނަ ދިރާސާތަކެއް ކުރައްވަން ޖެހިވަޑައިގަންނަވާކަން ފާހަގަކުރެއްވި

  • މިމަޝްރޫއުގެ ދަށުން 1153 ހެކްޓަރުގެ ބިން ހިއްކާނެ

  • 65،000 ގެދޮރު ޔަގީންވާގޮތަށް ރަސްމާލެ ތަރައްގީ ކުރުމަށް ނިންމާފައިވޭ

ފުށިދިއްގަރު ފަޅު ހިއްކައިގެން ރަސްމާލެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ކޮންސަލްޓެންޓެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ގެދޮރުވެރިކަމާއި ބިމާ އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

ފުށިދިއްގަރު ފަޅު ހިއްކައިގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ވައުދުފުޅެވެ. މާލޭގެ ތޮއްޖެހުމާއި ގެދޮރުވެރިކަމުގެ މައްސަލައަށް ފުރިހަމަ ހައްލެއް ހޯދާދެއްވުމަށް ހިންގާ ރަސްމާލެ މަޝްރޫއުގެ މަސައްކަތް ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެތަނުގައި ހުރިހާ މުހިންމު ޚިދުމަތެއް ގާއިމު ކުރުމުގެ އިންތިޒާމު ސަރުކާރުންވަނީ ހަމަޖައްސަވާފައެވެ.

ރަސްމާލޭ މަޝްރޫޢު ކުރިއަށްދާ ގޮތާ ގުޅޭގޮތުން ގެދޮރުވެރިކަމާއި ބިމާ އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަލީ ހައިދަރު ވިދާޅުވީ ރަސްމާލެ މަޝްރޫއަކީ ވަރަށް ބޮޑު މަޝްރޫއެއް ކަމަށާ މިވަގުތުވެސް ޕްލޭނިންގެ މަސައްކަތް ކުރިއަށްދާކަމަށެވެ. ރަސްމާލެ ތަރައްޤީކުރަނީ ތިމާވެއްޓާ ރަށްޓެހިގޮތަކަށްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެކަމަށް ބޭނުންވާ ގިނަ ދިރާސާތަކެއް ކުރަން ޖެހޭކަމަށެވެ. އެހެންކަމުން މިހާރު ކުރިއަށްދަނީ މިމަސައްކަތްތައް ކުރުމަށް ބައިނަލްއަގުވާމީ ކޮންސަލްޓެންޓެއް ހޯދުމުގެ މަސައްކަތްކަމަށެވެ.

"ވަރަށް ގިނަ ކަންތައްތަކަށް ރިޢާޔަތް ކުރަންޖެހޭ މަޝްރޫއެއް. އީކޯ ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރާތީ އަޅުގަނޑުމެން ކުރަންޖެހޭ އިތުރު ތަހުލީލުތަކާއި އެއްޗެތި އެބަހުރި. ވަކިން ޚާއްސަކޮށް އިންފްރާސްޓްރަކްޗަރ ގާއިމްކުރުމުގައި ވެސް އެންވަޔަރަންމަންޓް ފްރެންޑްލީ ތަނަކަށް ހެދުމަށްޓަކައިވެސް އަޅުގަނޑުމެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ. އެހެންވީމަ އެމަސައްކަތްތައް ދިރާސާކޮށް ތަހުލީލުކޮށް ކަންތައްތައް ކުރަން އަޅުގަނޑުމެން ބައިނަލްއަގުވާމީ ކޮންސަލްޓެންޓް ހަޔަރ ކުރުމުގެ މަސައްކަތް މިވަގުތު ކުރިއަށްދަނީ." ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަލީ ހައިދަރު ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫއު ފެށުމަށް ފުށިދިއްގަރު ފަޅު ހިއްކަން ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. މިމަޝްރޫއުގެ ދަށުން 1153 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު މިއީ މިހާތަނަށް ރާއްޖޭގައި ކުރިއަށްގެންދާ ބިންހިއްކުމުގެ އެންމެ ބިޔަ މަޝްރޫއެވެ. ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ރަސްމާލޭގައި ފެނާއި ނަރުދަމާއާ ކަރަންޓްގެ ޚިދުމަތް ޤާއިމްކުރުމުގެ ކަންކަން ހަމަޖައްސަވާފައެވެ.

މީގެ އިތުރުން ރަސްމާލޭގައި 65،000 ގެދޮރު ޔަގީންވާގޮތަށް ތަރައްގީ ކުރުމަށް ސަރުކާރުން ނިންމަވާފައިވާއިރު 30،000 ހައުސިން ޔުނިޓް ތަރައްގީ ކުރުމަށްވެސް ޗައިނާއާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.