ޚަބަރު

4 އަތޮޅުގެ 10 ރަށަށް ރައީސް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި


  • ރައީސް ވަނީ ސަރުކާރުގެ މުހިންމު ނިންމެވުންތައް ރައްޔިތުންނާ ޙިއްސާކުރައްވާފައި

  • މިހާތަނަށް 16 އަތޮޅެއްގެ 50އަށްވުރެ ގިނަ ރަށަށްވަނީ ވަޑައިގެންފައި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު 4 އަތޮޅުގެ 10 ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

ރައީސްގެ މިދަތުރުފުޅުގައިވަނީ ދ.އަތޮޅުގެ 2 ރަށަކަށާއި، މ.އަތޮޅުގެ 4 ރަށް، ވ.އަތޮޅުގެ 2 ރަށް އަދި ކ.އަތޮޅުގެ 2 ރަށަކަށް ވަޑައިގަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ފައްޓަވާފައިވާ ދަތުރުފުޅުތަކަކީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވުމާއި އަދި ރައްޔިތުންނާ ބައްދަލުކުރައްވާ ޙާލަތު ގާތުން ބެއްލެއްވުމަށް ކުރައްވަމުންދާ ދަތުރުފުޅުތަކެކެވެ. އަދި ރަށްރަށުގެ ތަރައްޤީއަށް މުހިންމު ކަންކަން އޮޅުންފިލުއްވުމާއި އެ މަސައްކަތްތަކުގައި ކައުންސިލްތަކުގެ މަޝްވަރާ ހޯއްދެވުމަކީވެސް މި ދަތުރުފުޅުތަކުގެ މަޤްޞަދެކެވެ.

މިދަތުރުފުޅުގައި ރައީސް ވަނީ ރަށްރަށުގެ ކައުންސިލްތަކުގެ ތަރައްޤީއަށް ކުރައްވަން ނިންމަވާފައިވާ ކަންކަމާއި، ސަރުކާރުން ޤާނޫނުތަކާއި ސިޔާސަތުތަކަށް ގެންނަވާނެ މުހިންމު ބަދަލުތަކާއި ގުޅޭގޮތުން ރައްޔިތުންނާ މަޢުލޫމާތު ޙިއްސާކުރައްވާފައެވެ.

ރައީސްގެ މިދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގަންނަވާ ރަށްރަށުގެ އިތުރުން، އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކުގެ ކައުންސިލްތަކާ ބައްދަލުކުރައްވައެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުން ހިމެނިވަޑައިގަންނަވާގޮތަށް ސަރުކާރުގެ އިސް ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

އަތޮޅުތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު މިހާތަނަށް ވަނީ 15 އަތޮޅެއްގެ 60އަށްވުރެ ގިނަ ރަށަށް ވަޑައިގަންނަވާފައެވެ. އަދި ލޯކަލް ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް އަދި ސިޓީ ކައުންސިލްތައް ހިމެނޭގޮތަށް އެމަނިކުފާނު ވަނީ 140އަށްވުރެ ގިނަ ކައުންސިލާއި ބައްދަލުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަހަރު ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި ރައީސްގެ ޢަމާޒަކީ މި ދަޢުރުގެ ތެރޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް މަދުވެގެން ދެފަހަރު ވަޑައިގަތުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.