ދުނިޔެ

އެމެރިކާގެ ސިފައިން ސޫރިޔާއަށް ނުފޮނުވާނެ - އޮބަމާ


ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ވައްޓާލުމަށްޓަކައި އެމެރިކާގެ ސިފައިން ސޫރިޔާއަށް ނުފޮނުވާނެކަމަށް ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެއެވެ.

ބީބީސީ އަށް ދެއްވި އިންޓަރވިއުއެއްގައި އޮބާމާ ވިދާޅުވީ ސޫރިޔާގެވެސް އަދި އެހެން ޤައުމެއްގެވެސް ވެރިކަން ވައްޓާލުމަށް ބޭރުގެ ބާރުތަކެއް ފޮނުވުމަކީ ބޮޑު ގޯހެއްކަމަށާ އޭނާގެ ވެރިކަމުގައި އެމެރިކާއިން މިގޮތަށް ޢަމަލުނުކުރާނެ ކަމަށެވެ. ނަމަވެސް ސޫރިޔާގެ ވެރިކަން އިންތިޤާލީ އުޞޫލަކުން ބަދަލުކުރުމަށްޓަކައި ރައީސް ބައްޝާރުލް އަސަދަށް ބާރުއެޅުމުގެ މުހިއްމުކަން އީރާނާއި ރަޝިޔާ ފަދަ ޤައުމުތަކަށް ވިސްނައިދިނުމަށް އެމެރިކާ މަސައްކަތްކުރާ ކަމަށް އޮބާމާ ވިދާޅުވިއެވެ.

ސޫރިޔާގެ އިދިކޮޅު ފަރާތްތަކާއި އެފަރާތްތަކަށް ތާއީދުކުރާ ޤައުމުތަކުންވަނީ ބާރުގެ ބޭނުންކޮށްގެން ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ވައްޓާލުމަށް އެހީތެރިވުމަށް އެމެރިކާއަށް ގޮވާލާފައެވެ. ނަމަވެސް މިގޮވާލުންތަކަށް އެމެރިކާއިން އިޖާބަ ދީފައެއްނުވެއެވެ.