ޓުއަރިޒަމް

ތައިލެންޑުގެ އިންވެސްޓަރުންގެ އިތުބާރު ދިވެހި ފަތުރުވެރިކަމަށް


ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގައި މުހިންމު ޙިއްޞާއެއް އަދާކުރާ އެއް ދާއިރާއެވެ. ރާއްޖޭގެ ފުދުންތެރިކަން އެއްހަމައެއްގައި ހިފަހައްޓައި، ކުރިއެރުވުމުގައިވެސް ފަތުރުވެރިކަން ބޮޑު ދައުރެއް އަދާކުރެއެވެ.

އެހެންކަމުން ދިވެހި ރާއްޖެއަކީ ދެކުނު އޭޝިޔާ އާއި މުޅި ދުނިޔޭގައިވެސް ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޤައުމަކަށް ހެއްދެވުމަށް ދިވެހި އިންވެސްޓަރުންނާއި ދިވެހި ސަރުކާރުންވެސް ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މި މަސައްކަތްތަކުގެ ނަތީޖާވެސް މި އަންނަނީ ފެންނަމުންނެވެ. އެގޮތުން މި ސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން ތަރައްޤީއާއި އިޤްތިޞާދީގޮތުން އަދި ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ޙާޞިލްކުރަމުންދާ އެއް ޤައުމުކަމަށްވާ ތައިލެންޑުގެ މަޝްހޫރު ބައެއް އިންވެސްޓަރުން މިވަނީ، ދިވެހި ރާއްޖޭގެ ފަތުރުވެރިކަމަށް ތަޢުރީފްކޮށް ވާހަކަދައްކާފައެވެ.

އެގޮތުން ދިވެހި ރާއްޖޭގައި މިހާރުވެސް، ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކޮށްފައިވާ އަދި ބޮޑެތި އިންވެސްތްމަންޓްތަކެއް ކުރުމަށް ތައްޔާރުވަމުންދާ، ތައިލެންޑުގެ ބައެއް ކުންފުނިތައް ކަމަށްވާ، ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓްސް، ދުސިތް އިންޓަރނޭޝަނަލް އަދި މައިނަރ ހޮޓެލް ގުރޫޕުން ބުނީ ރާއްޖޭގައި ފަތުރުވެރިކަމަށް ފަހި މާހައުލެއް އެބައޮތް ކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިމަގު އުޖާލާކަމަށެވެ.

ތައިލެންޑާއި ރާއްޖެއާ ދެމެދު އޮތް ގުޅުމާއި ރާއްޖޭގައި އިންވެސްޓްކުރުމާ ބެހޭގޮތުން، ޕަބްލިކް ސަރވިސް ވީޑިއާއާއި ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ ސަންއަށް މަޢުލޫމާތުދެމުން މިކުންފުނިތަކުން ވަނީ، މި ސަރަޙައްދުގެ އެހެން ޤައުމުތަކާ އަޅާ ބަލާއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރަމުންދާގޮތަށް ތަޢުރީފްކޮށްފައެވެ. އަދި މި ކުންފުނިތަކުން ބުނީ ރާއްޖެއަކީ ތައިލެންޑު ފިޔަވައި މި ސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓް ކުރުމަށް އެންމެ ރަނަގަޅު ޤައުމުކަމަށެވެ.

މި ކުންފުނިތަކުން ވަނީ ދިވެހިރާއްޖޭގައި އިތުރު އިންވެސްޓްމަންޓުތަކެއް ކުރުމަށް ތައްޔާރުވަމުންދާކަމުގެ ފެހި ސިގްނަލްވެސް ދީފައެވެ. އަދި މި ކުންފުނިތަކާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓް ކުރުމަށް ބޭނުންވާ ދިވެހި އިންވެސްޓަރުންނަށްވެސް އެ ފުރުޞަތު އޮތްކަން އެކުންފުނިތަކުން ވަނީ ހާމަކޮށްފައެވެ.